ވިޔަފާރީގެ މަންދޫބެއްގެ މަގާމުގައި ހުންނެވި އިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި އެވެ. 

"ރަސްމީ ވަޒީފާގައި ހުންނެވި އިރު ނަހަމަ ގޮތުގައި އަމަލުތައް ބެހެއްޓުމުގެ ތުހުމަތުގެ ތަހުގީގަށް މިއަދު (19/2) ވަނީ ނޯފޯކް އިން އުމުރުން 60 އިން އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފައި،" ތުހުމަތުކުރެވޭ މީހާގެ ނަން ހާމަނުކޮށް ތޭމްސް ވެލީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ޖިންސީ ކުށުގެ އެތައް އަމަލެއް ހިންގުމުގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ އެތައް މިލިއަން ޑޮކިއުމެންޓެއް އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވާއިރު އެންޑްރޫ ވަނީ އިނގިރޭސި ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ވެސް އެޕްސްޓީންއާ ހިއްސާކޮށްފައިކަން ވަނީ ހާމަވެފަ އެވެ. 

ކުޑަކުދިންނާ އެކު ޖިންސީ އަމަލުތައް ހިންގުމުގެ ސީރިއަސް ތުހުމަތުތައް ކުރެވިފައި ވަނިކޮށް އެޕްސްޓީން ފައިލްސް އިން ހާމަވެފައިވާ ގޮތުގައި އެންޑްރޫ ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ޔޫކޭއަށް ވެސް ގެންގޮސް އެ ކުދިންނާ އެކު ނަހަމަ ގުޅުންތައް ބާއްވައިފަ އެވެ. 

އެޕްސްޓީން ފައިލްއިން ހާމަވި ފޮޓޯއެއްގައި ކުރީގެ ޕްރިންސް އެންޑްރޫ: ޖެފްރީ އެޕްސްޓީންގެ ހުތުރު އަމަލުތަކުގައި އެންޑްރޫ ބައިވެރިވި ކަމަށް ބެލެވޭ އެތައް ހެއްކެއް ވަނީ ލިބިފައި.
އެޕްސްޓީން ފައިލްއިން ހާމަވި ފޮޓޯއެއްގައި ކުރީގެ ޕްރިންސް އެންޑްރޫ: ޖެފްރީ އެޕްސްޓީންގެ ހުތުރު އަމަލުތަކުގައި އެންޑްރޫ ބައިވެރިވި ކަމަށް ބެލެވޭ އެތައް ހެއްކެއް ވަނީ ލިބިފައި.

އެންޑްރޫގެ ބޭބެ އަދި ރަސްގެފާނު ޗާލްސް މިދިޔަ އަހަރު ވަނީ އެންޑްރޫއަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާގެ ހުރިހާ ލަގަބުތަކެއް އަތުލައި ގަނޑުވަރުން ނެރެލައިފަ އެވެ. އެއީ އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނަކު، އޭނާގެ އުމުރުން 18 އަހަރު ވުމުގެ ކުރިން އެންޑްރޫގެ ޖިންސީ ބޭނުންތަކަށް ޔޫކޭއަށް ގެންދިޔަ ކަމަށް ބުނެ ތުހުމަތުކުރި ހިސާބުންނެވެ.

އިނގިރޭސި ވިލާތުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުލުހުންގެ ވެހިކަލްތަކެއް ކަމަށް ބެލެވޭ ކާރުތަކުގެ ފްލީޓެއް އެންޑްރޫ މިހާރު ދިރިއުޅެމުން އަންނަ އިރުމަތީ އިންގްލެންޑްގެ ސޭންޑްރިންހަމް އެސްޓޭޓަށް ވަންނަ މަންޒަރު ފެނިފައިވެ އެވެ.

އޭއެފްޕީއަށް ފެނިވައިވާ އީމެއިލްތަކުން އެނގޭ ގޮތުގައޮ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންޑްރޫ ވަނީ އޭޝިއާ އަށް ކުރި ރަސްމީ ދަތުރަށް ފަހު ވެސް ވިއެޓްނާމް، ހޮންކޮންގް، ޝެންޒެން އަދި ސިންގަޕޫރުގެ ރިޕޯޓްތައް އެޕްސްޓެއިންއާ ހިއްސާކޮށްފަ އެވެ. އަދި ދަތުރުގެ ތަފްސީލްތަކާއި ވިޔަފާރީގެ ފުރުސަތުތައް ވެސް ހިއްސާކޮށްފައިވެ އެވެ. 

ރަސްގެފާނު ޗާލްސް މިދިޔަ ހަފްތާގައި ވަނީ އޭނާގެ ކޮއްކޮ އެންޑްރޫގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.