އިންސާނީ ހައްގުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަލާތައް އަމާޒުވަމުން އަންނަ ކަމަށާއި ގާނޫނީ ބާރުގެ މައްޗަށް ގަދަބާރުން ކަންކުރުން އާންމުވަމުން އަންނަ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިއަދު ވިދާޅުވެއްޖެ އެވެ.

"ގާނޫނީ ބާރުގެ މައްޗަށް ގަދަބާރު އިސްވާން ފަށައިފި،" ޖެނީވާގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

"މި ހަމަލާތައް އަންނަނީ ފޮރުވިގެން ތިބެއެއް ނޫން. އަދި އެއީ އާދަޔާ ހިލާފް ކަމަކަށް ވެސް ނުވޭ. މިކަން ހިނގަމުންދަނީ ހާމަޔަކަށް - އަދި އާންމު ގޮތެއްގައި، މިކަމުގައި އިސްކޮށް ތިބެނީ އެންމެ ބާރުވެރި މީހުން."

ނަމަވެސް މި ވާހަކައާ ގުޅުވައި ވަކި ހާދިސާއެއްގެ ނަމެއް ގުޓަރެޒް ވިދާޅެއް ނުވެ އެވެ. އެކަމަކު ތަގުރީރުގައި ވަނީ ރަޝިޔާ އާއ ޔުކްރެއިންގެ ހަތަރު އަހަރުވާ ހަނގުރާމާގައި އާންމުންގެ 15،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

"ލޭއޮހޮރުވުންތައް ނިމުމަކަށް ގެންނަން މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ގުޓަރެޒް ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތައް ހިންގަމުން ދާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

އޭނާ ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ބައްޓަންކޮށްފައި ހުރީ ވަކި މަގްސަދެއް ހާސިލްކުރަންކަން ސާފުކޮށް އެނގެ އެވެ. އެއީ ގުޓަރެޒް ވިދާޅުވި ގޮތުގައި އިޒްރޭލާއި ފަލަސްތީނަށް ވަކި ދެ ދައުލަތް އުފެއްދުމަށް ކުރާ މަސައްކަތް ނާކާމިޔާބުކޮށްލުމެވެ. 

"[އިޒްރޭލުން] އެކަން އެހެން ކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ފުރުސަތު ދީގެން ނުވާނެ،" އދ.ގެ ވެރިޔާ ވިދާޅުވި އެވެ. 

ގުޓަރޭޒް ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ގެއްލެމުން ދަނީ ހަނގުރާމައިގެ ސަރަހައްދުތަކުގައި އެކަންޏެއް ނޫނެވެ.  

"ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަނީ އިންސާނީ ހައްގުތައް ގަސްތުގައި، ރޭވިގެން އަދި ބައެއް ފަހަރު ފަހުރުވެރިކަމާ އެކު ފަހަތަށްޖައްސައި އެއްފަރާތްކުރަމުން،" ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވި އެވެ. 

"މިހާރު ދިރިއުޅެމުން މި ދަނީ އިންސާނުންގެ ތަކުލީފުތައް ފިލުވައިދިނުން، އެ ބަޔަކު ބޭނުންވާ ކަމެއްގެ ބަދަލުކޮށްދޭންޖެހޭ ކަމަކަށް ހަދައި ބައިނަލްއަގުވާމީ ގާނޫނުތަކަކީ އުނދަގުލެއްގެ ގޮތުގައި ދެކޭ ދުނިޔެއެއްގައި."

އެއާ ގުޓަރެޒް އިންޒާރު ދެއްވަމުން ވިދާޅުވީ "އިންސާނީ ހައްގުތައް ނެތި ހިނގައްޖެ ނަމަ، އެހެން ހުރިހާ ކަމެއް ހަލާކުވެގެން ދާނެ" ކަމަށެވެ. 

ގުޓަރެޒް ވަނީ މިހާރު ދުނިޔެ މިދާ މިސްރާބު ބަދަލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފެށުމަށް ގޮވާލައްވައިފަ އެވެ. 

"އދ.ގެ ޗާޓަރާއި، ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުގެ އިންސްޓްރޫމަންޓްސް އަކީ އެއްވެސް އުޒުރެއް ނެތި ދިފާއުކުރަންޖެހޭ ކަމެއް.