ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުަގައި ނައިބު ރައީސް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވީ އެމެރިގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫއެންގެ 81 ވަނަ އާއްމު މަޖިލީހުގެ ހަވާސާގަ އެވެ.
ނައިބުރައީސް ނިއުޔޯކަށް ވަޑައިގަތީ ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވުމަށެވެ.
ގުތެރެސްއާ ބައްދަލުކުރައްވައި ނައިބު ރައީސް އަލިއަޅުއްވައިލެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރުގެ މައްޗަށެވެ. އެއީ ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިލާން ޖެހޭ ހަގީގަތެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް މެދުނުކެނޑި އެކަމުގެ އަސަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާތަކުގެ ގައުމުތައް (ސިޑްސް) އަށް އެކަމުގެ އަސަރުކުރާ އެހެން ކަންތައްތަކުގައި ސެކްރެޓަރީ ޖެނެރަލް ވަކާލާތުކުރާކަން ނައިބު ރައީސް ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.
ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭން އިސްކަންދޭނެ މައްސަލަތައް ވެސް އެމަނިކުފާނު ސެކްރެޓަރީ ޖެނެރަލް އަށް ވިދާޅުވެ ދެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެެއްޓެވި ގޮތެއްގައި ދަރަނި މެނޭޖްކުރުމާއި ސިޑްސް އިން އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް އެކުލަވާލާފައިވާ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ފާޅުކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ރާއްޖެއާ އެކުގައި ހުންނެވި ކަމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ މަސައްކަތަށް ޔޫއެން އިން އެެއްބާރުލުން ދޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެ ބައްދަލުވުމުގައި ވެސް ސެކްރެޓަރީ ޖެނެރަލް ތަކުރާރުކުރެއްވި އެވެ.