ދުނިޔެ / ޗައިނާ

ރައީސް ޝީގެ ތިމާވެށީގެ އިސްނެންގުވުމަށް ތައުރީފު

ޗައިނާގެ ރައީސް ޝީ ޖިންޕިން.

22 ސެޕްޓެމްބަރ 2021 - 12:30

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން ރޭ އިއުލާން ކުރެއްވި އިސްނެގުމަށް، އެމެރިކާ އާއި އދ. މަޖިލީހުން މަރުހަބާ ކިޔައި ތައުރީފުކޮށްފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ރޭ އިއުލާން ކުރެއްވި ގޮތުގައި، ބޯޓުދެލި އަންދައިގެން ހިންގާ ބާވަތުގެ އިންޖީނުގެތައް ޗައިނާ އިން ބޭރުގައި ބިނާކުރުން، ޗައިނާ އިން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ދުނިޔޭގައި ހަކަތަ އުފެއްދުމަށް މިހާރު ބޭނުންކުރާ ވަސީލަތްތަކުގެ ތެރެއިން، އެއްފަހަރާ އެންމެ ގިނަ މިންވަރަކަށް ވިހަ ގޭސް ޖައްވުގެ ތެރެއަށް ދޫކުރާ ވަސީލަތަކީ ބޯޓު ދެލި އެންދުމެވެ. އެހެންކަމުން، ޗައިނާގެ މި ނިންމުމަކީ، ދުނިޔެ ހޫނުވާ މިންވަރު ދަށްކުރުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.

"ފެހި ހަކަތަ ތަރައްގީކުރުމުގަޔާއި ކާބަން މަދު ހަކަތަ ތަރައްގީކުރުމުގައި، ތަރައްގީވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޗައިނާ އިން ހަމަޖައްސާނެ. އަދި ބޯޓުދެލިން ހިންގާ އާ އެއްވެސް އިންޖީނުގެއެއް އެހެން ގައުމެއްގައި ޗައިނާއިން ނުހަދާނެ،" ކުރިން ރެކޯޑްކޮށް އާންމު މަޖިލީހުގެ ޖަލްސާގައި ރޭ އިއްވި ތަގުރީރުގައި، ރައީސް ޝީ ޖިންޕިން ވިދާޅުވި އެވެ.

ބޯޓުދެލިން ހިންގާ އިންޖީނުގެއެއް ޗައިނާގައި. --އޭއެފްޕީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މި އިސްނެންގެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ތިމާވެއްޓާ ބެހޭ ހާއްސަ މަންދޫބު ޖޯން ކެރީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޗައިނާގެ ރައީސްގެ މި އިސްނެންގެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފި ކަމަށެވެ.

"މި މައްސަލައާ ބެހޭ ގޮތުން އަހަރެމެން ޗައިނާއާ އެކުގައި ވާހަކަ ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. ހަގީގަތުގައި ވެސް ރައީސް ޝީގެ މި މުހިންމު ނިންމެވުމުން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ،" ޖޯން ކެރީ ރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ބޯޓުދެލި އަންދައިގެން ހިންގާ އިންޖީނުގެތަކަށް މާލީ ގޮތުން އެހީވުން ހުއްޓާލައި އޭގެ ބަދަލުގައި ފެހި ހަކަތަ އުފެއްދުމަށް ތާއީދުކޮށް އެހީތެރިވުމަށް ޗައިނާ އިން ނިންމި ނިންމުމަށް އޭނާ މަރުހަބާ ވިދާޅުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕެރިސް އެގްރީމެންޓްގައި ބުނެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ބޯޓުދެލި އެންދުން ހުއްޓައިލުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަލުވި ކުރުމެވެ.

އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ކުރަމުން އަންނަ މަސައްކަތަށް އެމެރިކާ އިން ދެމުން އަންނަ މާލީ އެހީގެ މިންވަރު، އަހަރަކު 11.4 ބިލިއަން ޑޮލަރަށް އިތުރު ކުރަން ނިންމުމުން، އެކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް މަރުހަބާ ވިދާޅުވި އެވެ.

އެމެރިކާގެ ކެލިފޯނިއާ އަށް މިއަހަރު ކުރިމަތިވި ގަދަ ހޫނުގެ ސަބަބުން ލިބިފައިވާ ބައެއް ގެއްލުންތައް. --އޭއެފްޕީ

"މިއަދު އިއުލާންކުރެވުނު ކަންކަމަށް އަހަރެމެން މަރުހަބާ ކިޔަން. ކޮޕް26 އަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށާއި އަދި މޫސުމީ މައްސަލަތައް ހައްލުކުރުމަށް އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި އަދިވެސް ވަރަށް ދިގު ރާސްތާއެއް ކަޑައްތުކުރަން އެބަ ޖެހޭ،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

އެކި ގައުމުތަކުގައި ބޯޓު ދެލި އަންދައިގެން ހިންގާ އިންޖީނުގެތަކަށް ޗައިނާ އިން އަންނަނީ މާލީ ގޮތުން އެހީވަމުންނެވެ. އަދި އެ ދާއިރާއިން ޗައިނާގެ އިންވެސްޓްމެންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، އެފަދަ އިންޖީނުގެތައް ހިންގުމުގައި އެހީތެރިނުވުމަށް ގޮވާލައި، ޑިޕްލޮމެޓިކް ދާއިރާ އިން ޗައިނާ އަށް ފިއްތުންތައް ކުރިމަތިކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެއް ގައުމަކުން އެންމެ ގިނައިން ޖައްވަށް ވިހަ ގޭސްތައް ދޫކުރަނީ ޗައިނާ އިންނެވެ. ޗައިނާ އަށް ބޭނުންވާ ހަކަތައިގެ ވަރަށް މަތީ ޕަސެންޓެއް އުފައްދަނީ ބޯޓުދެލި އަންދައިގެން ހިންގާ އިންޖީނުގެތަކުންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454