ކުޑަކުދިންނާ ބެހުމާއި ޖިންސީ ބޭނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ޓްރެފިކްކޮށް ހުތުރު އެތައް އަމަލެއް ހިންގިކަން ސާބިތުވެ ޖަލަށް ލާފައި ވަނިކޮށް މަރުވި އެމެރިކާގެ ފައިނޭންސަރު ޖެފްރީ އެޕްސްޓިންއާ އެކު ބޭއްވި ގުޅުމުގެ މައްސަލާގައި އިނގިރޭސި ވިލާތުން އެ ގައުމުގެ ކުރީގެ ސަފީރު ޕީޓާ މަންޑެލްސަން ވެސް ހައްޔަރުކޮށްފި އެވެ. 

އެމެރިކާއަށް ޔޫކޭއިން ކަނޑައަޅާފައި ހުރި ސަފީރު ހައްޔަރުކުރުމަށް ފަހު މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނުގައި ބުނީ "ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތަށް 72 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ" ކަމަށެވެ. 

ފުލުހުން މީހާގެ ނަން ހާމަ ނުކުރި ނަމަވެސް އިނގިރޭސި ވިލާތުގެ މީޑިއާތަކުން ވަނީ ލަންޑަނުގައި މަންޑެލްސަން އުޅޭ ގެއިން އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ދައްކައިފަ އެވެ. މަންޑެލްސަން ހައްޔަރުކުރުމުގެ ކުރިން މި މަހުގެ ކުރީކޮޅު ފުލުހުން ވަނީ އޭނާއާ ގުޅުން ހުރި ބައެއް ތަންތަން ފާސް ވެސް ކޮށްފަ އެވެ. 

މަންޑެލްސަން ހައްޔަރުކުރީ ރަސްގެފާނު ޗާލްސްގެ ކޮއްކޮ، އަދި ކުރީގެ ޕްރިންސް އެންޑްރޫ ވެސް އެޕްސްޓީންގެ މައްސަލާގައި ހައްޔަރުކުރިތާ ދެތިން ދުވަސް ފަހުންނެވެ. އެޕްސްޓީންއާ ގުޅުން ހުރި ލިޔެކިޔުންތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރަމުން ދާއިރު އެންމެ ފަހުން ހާމަކުރި ޑޮކިއުމެންޓުތަކުން ވަނީ  އެންޑްރޫ އާއި މަންޑެލްސަން އެޕްސްޓީންއާ އެކު ބޭއްވި ގުޅުމުގެ ތެރޭ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ވެސް އެޕްސްޓީންއާ ހިއްސާކޮށްފައިވާކަން ހާމަވެފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހާމަކުރި ޑޮކިއުމެންޓްތަކުގައި ހިމެނޭ މި ފޮޓޯއެއްގައި، އެމެރިކާގައި ހުރި އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު ޕީޓާ މެންޑޭލްސަން (ވ) އާއި ޖެފްރީ އެޕްސްޓީން (ކ)
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހާމަކުރި ޑޮކިއުމެންޓްތަކުގައި ހިމެނޭ މި ފޮޓޯއެއްގައި، އެމެރިކާގައި ހުރި އިނގިރޭސިވިލާތުގެ ކުރީގެ ސަފީރު ޕީޓާ މެންޑޭލްސަން (ވ) އާއި ޖެފްރީ އެޕްސްޓީން (ކ)

އެންޑްރޫ ހައްޔަރުކޮށް ސުވާލުކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. 

އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ މީހެއް ކަމަށްވާ  މަންޑެލްސަންގެ މައްޗަށް ތުހުމަތު ކުރެވެނީ 2008 ވަނަ އަހަރު ސަރުކާރުގެ މިނިސްޓަރެއްގެ ގޮތުގައި ހުރެ އެޕްސްޓީންއަށް ސަރުކާރުގެ ލިޔެކިޔުންތައް ފޮނުވި ކަމަށެވެ. އޭގެ ކުރިން މިދިޔަ އަހަރު ހާމަކުރި އެޕްސްޓީންގެ ފައިލްތަކުން އޭނާ އާއި މަންޑެލްސަންގެ ޝައްކު އުފެދޭ ގުޅުން ހާމަވުމާ އެކު ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ ސަފީރުކަމުން ވަކިކޮށްފަ އެވެ. 

ބޮޑުވަޒީރު ސްޓާމާ ވަނީ އެޕްސްޓީންގެ ޖިންސީ ޝިކާރައަކަށްވި މީހުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. އަދި މަންޑެލްސަން ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ވެޓިން ޕްރޮސެސް ތެރޭގައި މަންޑެލްސަން އެޕްސްޓީންގެ ގުޅުމާ ބެހޭ ގޮތުން ދޮގު ހަދާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ތުހުމަތުކުރައްވައިފަ އެވެ. 

ނަމަވެސް އެޕްސްޓީންނާ ގުޅުން އޮތްކަން އެނގި ހުރެ މަންޑެލްސަން ސަފީރުކަމަށް އައްޔަންކުރި މައްސަލާގައި ސިޔާސީ ގޮތުން ކިއާމާއަށް ވަނީ ވަރަށް ބޮޑަށް ފިއްތުން ކުރިމަތިވެފަ އެވެ. -- އޭއެފްޕީ