އަންކާރާ (އެޕްރީލް 9) - ސާޅީސް ދެ ހާސް ފޫޓް (12،800 މީޓަރު) އުހުން ދަތުރު ކުރަމުން ދިޔަ ޓާކިޝް އެއާލައިންސްގެ މަތިންދާ ބޯޓަށް ޕަސިންޖަރަކު އިތުރުވުން އެ ބޯޓުގެ ފަޅުވެރިން ފާހަގަކޮށްފި އެވެ.

ގިނީގެ ވެރިރަށް ކޮނަކްރީން ބޯޓު ފުރިތާ މާގިނައިރެއް ނުވަނީސް އަންހެނަކު ބަނޑުގައި ރިއްސަން ފެށުމުން އޭނާ ވިހެއުމަށް ބޯޓުގެ ފަޅުވެރިން ވަނީ އެހީތެރިކަން ދީފަ އެވެ. ބޯޓު ދަތުރު ކުރީ ބުރްކިނާ ފަސޯގެ ވެރިރަށުގައި ޓްރާންސިޓް ކުރުމަށް ފަހު އިސްތަންބޫލަށް ދިއުމަށެވެ. ބޯއިން 737 ގެ ބޯޓު ބުރްކިނާ ފަސޯގެ ވެރިރަށުގައި ޖެއްސުމާ އެކު މަންމަ އާއި ކުޑަ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށްވެ އެވެ.

ބޯޓަށް އުފަންވި ކުއްޖާ ގޮވައިގެން ޓާކިޝް އެއާލައިންސްގެ ކްރޫން އުފާފާޅު ކުރަނީ. --ފޮޓޯ:ޓާކިޝް އެއާލައިންސް
ބޯޓަށް އުފަންވި ކުއްޖާ ގޮވައިގެން ޓާކިޝް އެއާލައިންސްގެ ކްރޫން އުފާފާޅު ކުރަނީ. --ފޮޓޯ:ޓާކިޝް އެއާލައިންސް

ޓާކިޝް އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނީ ބަނޑަށް 28 ހަފުތާވެފައިވާ އަންހެނަކު ބަނޑުގައި ރިއްސާކަން ފާހަގަ ކުރެވުމާ އެކު ބޯޓުގެ ކެބިން ކްރޫން ވަނީ ފްލައިޓުގައި އަންހެން މީހާ ވިހެއުމަށް އެހީތެރިކަން ދީފައި ކަމަށެވެ.

ގިނަ އެއާލައިންތަކުން މާބަނޑު މީހުން ދަތުރު ކުރާ އިރު 28 ހަފުތާ އަށް ވުރެ އިތުރު ނަމަ ޑޮކްޓަރުގެ ލިޔުން ބޭނުންވެ އެވެ.

ބޯޓުގައި އަންހެން މީހާ ވިހެއުމަށް ދިން އެހީތެރިކަމަށް ޓާކިޝް އެއާލައިންސްގެ ކްރޫންނަށް ވަނީ ތައުރީފް ލިބިފައި. --ފޮޓޯ:ޓާކިޝް އެއާލައިންސް
ބޯޓުގައި އަންހެން މީހާ ވިހެއުމަށް ދިން އެހީތެރިކަމަށް ޓާކިޝް އެއާލައިންސްގެ ކްރޫންނަށް ވަނީ ތައުރީފް ލިބިފައި. --ފޮޓޯ:ޓާކިޝް އެއާލައިންސް