އެމެރިކާ ސިފައިންގެ ވެރިޔާ، ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް މަގާމުން އިސްތިއުފާ ދެއްވުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންގަވާފައިވާ ކަމަށް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި އޮފިޝަލް ކަށަވަރުކޮށްދެއްވި ގޮތުގައި، ޖެނެރަލް ޖޯޖް ވަނީ ވަގުތުން ރިޓަޔާ ކުރެއްވުމަށް އަންގަވައިފަ އެވެ. މިގޮތަށް އެދެންޖެހުނު ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެގްސެތު ބޭނުންވަނީ ރައީސް ޓްރަމްޕްގެ ތަސައްވުރު ސިފައިންގެ ތެރޭގައި ތަންފީޒުކުރާނެ ބޭފުޅެކެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖެނެރަލް ޖޯޖް ވަގުތުން ރިޓަޔާ ކުރައްވާނެ ކަމަށެވެ. ޖޯޖަކީ ޓްރަމްޕްގެ ދެވަނަ ދައުރުގައި މަގާމުން ވަކިކުރި އެންމެ އިސް އަސްކަރީ އޮފިސަރެވެ. މިއީ އީރާނާ އެކު އެމެރިކާ ހަނގުރާމައެއްގައި އޮތް ދަނޑިވަޅެއްގައި ގެނައި ބަދަލެކެވެ.

ޖެނެރަލް ޖޯޖަކީ ގާތްގަނޑަކަށް 40 އަހަރު އަސްކަރިއްޔާގައި ހިދުމަތްކުރައްވާފައިވާ، އިރާގު އަދި އަފްޣާނިސްތާނު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ރައީސް ޓްރަމްޕް ވަނީ އަސްކަރިއްޔާގެ އެންމެ އިސް ރޭންކުގެ އެތައް އޮފިސަރުންނެއް މަގާމުން ވަކިކުރައްވައިފަ އެވެ. މީގެ ތެރޭގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޗާލްސް "ސީ.ކިއު" ބްރައުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ނޭވީ، ކޯސްޓް ގާޑް އަދި ނޭޝަނަލް ސެކިއުރިޓީ އެޖެންސީގެ ވެރިން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހެގްސެތު ވިދާޅުވާ ގޮތުގައި، ރައީސް އެ ކުރައްވަނީ އޭނާ ބޭނުންވާ ލީޑަރުން އިހްތިޔާރު ކުރުމުގެ މަސައްކަތެވެ. ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފާއިތުވި އަހަރު ޕެންޓަގަންއިން ވަނީ، އެމެރިކާ އަސްކަރިއްޔާގައި ތިބޭ "ހަތަރު ތަރީގެ" ޖެނެރަލުންނާއި އެޑްމިރަލުންގެ އަދަދު 20 ޕަސެންޓަށް މަދުކުރުމަށް ވެސް އަމުރުކޮށްފަ އެވެ. -- އޭއެފްޕީ