އިރާނުގެ އެތެރޭގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން ރޭވިކަމުގެ ކުށް ސާބިތުވި ދެ މީހަކަށް މަރުގެ އަދަބު ދީފި އެވެ.
އެ ގައުމުގެ ސަރުކާރު ހިއްސާއެއް ވެސް އޮންނަ ފާރްސް ނިއުސް އެޖެންސީން ބުނިގޮތުގައި، މި ދެ މީހުންނަކީ އިރާނުގެ ސަރުކާރާ އިދިކޮޅު މުޖާހިދީނޭ ހަލްގް ޖަމާއަތާ ގުޅުން އޮންނަ ދެ މީހުންނެވެ.
އިރާނު ގެ ޖުޑީޝަރީން ބުނި ގޮތުގައި، މި ދެ މީހުން ދަންޖައްސައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާތީ އެވެ.
ކޯޓުން މި ނިންމުން ނިންމާފައިވަނީ އެ މީހުންނަކީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާތަކެއް ރާވަމުންދިޔަ ބައެއްކަން ތަހުގީގަށް ސާބިތުވުމާ ގުޅިގެންނެވެ.
އެ ދެ މީހުންނަށް މިއަދު މަރުގެ އަދަބު ދީފައިވާކަން މުޖާހިދީނޭ ހަލްގް ޖަމާއަތުން ވެސް ކަށަވަރުކޮށް ދިނެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި އެ ދެ މީހުންނަށް ނިސްބަތްކޮށްފައި ވަނީ "ސިޔާސީ ކުށްވެރިން" ކަމަށެވެ.
"އިރާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ކުށްވެރިން، ހާއްސަކޮށް އަހަރެމެންގެ މެންބަރުންނާއި ސަޕޯޓަރުން މަރަމުން ގޮސް ގައުމުގެ ނިކަމެތިކަން ފޮރުވުމަށް،" އިރާނުގެ ބަޔާޏުގައި ބުނެފައި އެވެ.
އެ ޖަމާއަތުން ބުނީ މި ހަފުތާގެ ކުރީކޮޅު ވެސް އެ ޖަމާއަތުގެ ހަތަރު މެންބަރެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި މިއަދު މަރުގެ އަދަބު ތަންފީޒުކުރި ދެ މީހުން ހައްޔަރުކުރީ ޖެނުއަރީ 2024 ގަ އެވެ. އަދި އެމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް މިދިޔަ އަހަރު ޑިސެމްބަރު މަހު ދެމެހެއްޓި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.