އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާ އަށް ތެލާއި ގޭހުގެ ދަތިކަން ކުރިމަތިވެ އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަން ފަށައިފި އެވެ.
އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށުމުން، އިރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އޭގެ އަސަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު އިންޑިއާ އަށް ވެސް ވަނީ ކޮށްފަ އެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ .ހާއްސަކޮށް ގަލްފު ގައުމުތަކުގައި ދިރިއުޅޭ 10 މިލިއަނެއްހާ އިންޑިއާ ރައްޔިތުންނަށް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ސީދާ ކުރަމުންދެ އެވެ .
އޭގެ އިތުރުން އިންޑިއާގެ އެތެރޭގައި ތެލާއި ގޭސް ލިބުން ދަތިވުމަކީ މިހާރު އޮތް އެންމެ ބޮޑު މައްސަލަކަމަށް ބީބީސީން ބުންޏެވެ.
އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ގޭސް ލިބުން ދަތިވުމުގެ ސަބަބުން އެ ސަރަހައްދުގެ ސެރަމިކް ސިނާއަތް މިހާރު އޮތީ އެއްކޮށް ހުއްޓުމަކަށް އައިސްފައި ކަމަށް ބީބީސީން ބުންޏެވެ. މި މަސައްކަތުގައި އުޅޭ 400,000 އެއްހާ މަސައްކަތްތެރިންގެ ވަޒީފާ ގެއްލި، ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެ ސަރަހައްދުގައި މަސައްކަތްކުރާ ބައެއް މަސައްކަތްތެރިން ބީބީސީ އަށް ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ފެކްޓްރީތައް ބަންދުކޮށްފައިވާ މުއްދަތު އިތުރުވަމުންދާތީ، ގިނަ ބަޔަކު ތިބީ އެމީހުންގެ ވަޒީފާ އާއި އާމްދަނީއާ މެދު ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައިކަމަށް ބީބީސީ ބުންޏެވެ.
"މަސައްކަތެއް ނެތި މިތަނުގައި މަޑުކުރާނަމަ، އަހަންނަށް ޖެހޭނީ ބަނޑަށް ހުންނަން،" އެ ސަރަހައްދުގައި މަސައްކަތް ކުރާ ސަޗިން ޕަރަޝާރް ނަމަކަށް ކިޔާ މަސައްކަތްތެރިއަކު ބީބީސީ އަށް ބުންޏެވެ.
ޓައިލްސް ޖަހާ ފެކްޓްރީއެއްގައި މަސައްކަތްކުރާ ބޫމީ ކުމާރު ބުނީ، ވަޒީފާ ދޭ ފަރާތުން ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ.
"އެކަމަކު މިގޮތަށް މުއްދަތެއް ނެތް ގޮތަށް މަސައްކަތް ހުއްޓިފައި އޮންނާނަމަ ވާނެގޮތެއް ނޭނގެ،" އޭނާ ބުންޏެވެ.
އިންޑިއާ އަށް އެތެރެކުރާ ކައްކާ ގޭހުގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ބޭރުން އިމްޕޯޓްކުރާ ތަކެއްޗެވެ . މީގެ ތެރެއިން 90 ޕަސަންޓް ޝިޕްމަންޓްތައް ދަތުރުކުރަނީ ހުރްމުޒް ކަނޑުއޮޅިންނެވެ. އެ ކަނޑުއޮޅި ބަންދުވުމަކީ އިންޑިއާގެ ގޭސް ސަޕްލައި އަށް އެޅުނު ބޮޑު ހުރަހެކެވެ.
ބީބީސީން ބުނީ މީގެ އަސަރު މުމްބާއީ ފަދަ ބޮޑެތި ސިޓީތަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. މުމްބާއީގެ ހޮޓާ ތަކާއި ރެސްޓޯރެންޓްތަކުގެ ފަސްބައިކުޅަ އެއްބައި މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މުޅި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވެސް ގޭސް ފުޅި ހޯދުމަށް މީހުން ދަނީ ދިގު ކިއުތަކުގައި ޖެހެމުންނެވެ. ކައްކަން ގިނަ ވަގުތު ހޭދަވާ ކާބޯތަކެތި ރެސްޓޯރެންޓާއި ހޮޓާތަކުގެ މެނޫތަކުން އުނިކުރަމުންދާ ކަމަށް ބީބީސީން ބުންޏެވެ.
އިންޑިއާގެ ނޭޝަނަލް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފިޝަލް މަންޕްރީތު ސިންހް ބީބީސީ އަށް ބުނިގޮތުގައި، ރެސްޓޯރެންޓްތަކުގެ ހާލަތު އޮތީ ވަރަށް "ދަށު ދަރަޖައެއްގަ" އެވެ.
"ކައްކާ ގޭސް ލިބޭކަށް އެއްގޮތަކަށްވެސް ނެތް،"އޭނާ ބުނެފައިވާ ކަމަށް ބީބީސީން ބުންޏެވެ.
ގޭސް ލިބުމުގައި ދަތިކަމެއް ނެތްކަމަށް އިންޑިއާގެ ސަރުކާރުން ބުނެ އެވެ. އެކަމަކު އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި ކަންބޮޑުވުން އަދިވެސް ކުޑައެއް ނުވާކަމަށް ބީބީސީން ބުންޏެވެ.