ސައުދީ އަރަބިއްޔާގައި ބިނާކުރަމުންދާ ކުރިމަގުގެ ސިޓީ "ނިއޯމް" ގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ލަސްތަކެއް ކުރިމަތިވެދާނެ ކަމަށާއި، ނަމަވެސް އެއްވެސް މަޝްރޫއެއް އެއްކޮށް ހުއްޓާނުލާނެ ކަމަށް ސައޫދީގެ އިންވެސްޓްމަންޓް އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ސައުދީގެ "ވިޒަން 2030" ގެ ދަށުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހިންގާ 500 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއަށް، ވަނީ މުވައްޒަފުން ބަދަލުވުމާއި ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެކި ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިއޯމް އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުއަކީ، އައްސޭރިން ފެށިގެން ރަށު ތެރެއަށް 170 ކިލޯމީޓަރުގެ ދިގުމިނަށް ދެމިގެންދާ ގޮތަށް ބިނާކުރާ، ދެ ފަރާތު ދެ ފާރުގައި އެއްކޮށް ލޯގަނޑު ހުންނަ "ދަ ލައިން" ކިޔާ ދިގު އިމާރާތެވެ.

"ނިއޯމްގެ އެއްވެސް މަޝްރޫއެއް ހުއްޓައެއްނުލާ،" ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ގަވަރުނަރު ޔާސިރު އަލް-ރުމައްޔާން ވިދާޅުވި އެވެ.

"ކަމެއް ފަސްކުރެވުނުތޯ؟ އާދެ، ޔަގީނުން ވެސް."

އޭނާ ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއުތައް ފަސްކުރީ އެއީ މިވަގުތަށް އެންމެ މުހިންމު ކަންކަން ކަމަށް ނުވާތީ އެވެ. މިހާރު އިސްކަންދެނީ 2030 ވަނަ އަހަރުގެ އެކްސްޕޯ އަދި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބޭނުންވާ ތައްޔާރީތަކަށެވެ.

ބުދަ ދުވަހު އަލް އަރަބިއްޔާއަށް ދެއްވި އިންޓަވިއުއެއްގައި ރުމައްޔާން ވަނީ "ދަ ލައިން" އާ ގުޅޭ ގޮތުން އާ ސުވާލުތަކެއް އުފައްދަވައިފަ އެވެ.

"މީހުން ހީކުރަނީ ދަ ލައިން އަކީ ނިއޯމް ކަމަށް. ދަ ލައިން 2030 އަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ؟ އަޅުގަނޑު ހިއެއްނުވޭ. އެއީ އޮތުން ރަނގަޅު ކަމެއް، އެކަމަކު އެއީ ކޮންމެހެން ނިންމަން މަޖުބޫރު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ވާހަކަ އޭނާ ދެއްކެވީ ޕީއައިއެފް އިން 2026-2030 ގެ އާ ސްޓްރެޓެޖީ އިއުލާނުކޮށްފައި ވަނިކޮށެވެ. މި ސްޓްރެޓެޖީގެ ދަށުން އިންވެސްޓްމަންޓްތަކުން އެންމެ ބޮޑު ފައިދާއެއް ހޯދުމަށްޓަކައި ފަންޑުގެ ޕޯޓްފޯލިއޯތައް ތިން ބަޔަކަށް ބަހާލާނެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީގެ ހޭދަކުރުންތަކަށާއި އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލަށް އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ދިން ރައްދު ހަމަލާތަކުގައި ގަލްފް ސަރަހައްދުގެ އެއާޕޯޓްތަކާއި، ހަކަތައިގެ މަރުކަޒުތަކާއި ބަނދަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2022 ވަނަ އަހަރު "ދަ ލައިން" ތައާރަފުކުރައްވަމުން ވިދާޅުވީ 2030 އަންނައިރު އެތަނުގައި އެއް މިލިއަން މީހުން ދިރިއުޅޭނެ ކަމަށާއި، 2045 އާ ހަމައަށް އެ އަދަދު ނުވަ މިލިއަނަށް އަރާނެ ކަމަށެވެ.

ނިއޯމްގެ މަސައްކަތްތައް ކުރިއަށްދަނީ "ވިޒަން 2030" ގެ ދަށުން ހިންގާ އެހެނިހެން ބޮޑެތި މަޝްރޫއުތަކާ އެކުގަ އެވެ. ނަމަވެސް ހަނގުރާމައިގެ ކުރިން ވެސް، ތެލުގެ އަގު ދަށުގައި ހުރުމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ދަށްވެ، ސައުދީގެ އިގްތިސާދީ އިސްލާހީ މަސައްކަތްތަކަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ. -- އޭއެފްޕީ