އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން ޓިމް ކުކް މި އަހަރު ސެޕްޓެމްބަރު މަހު ވަކިވާނެ ކަމަށާއި، އޭނާގެ ބަދަލުގައި އެ މަގާމަށް ޖޯން ޓާނަސް އައްޔަންކުރަން ނިންމާފައިވާކަން އެޕަލްއިން ހޯމަ ދުވަހުގެ ރޭ އިއުލާންކޮށްފި އެވެ.

ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް 2011 ވަނަ އަހަރު މަރުވުމުން ސީއީއޯގެ މަގާމާ ހަވާލުވި ކުކް، ސެޕްޓެމްބަރު 1 ވަނަ ދުވަހާ ހަމަޔަށް މަގާމުގައި ދެމިހުންނާނެ އެވެ.

ކުކް އެޕަލްއާ ގުޅުނީ 1998 ވަނަ އަހަރު އެވެ. އޭނާ ވަނީ ކުންފުނީގެ އެކި މަގާމުތައް ފުރައި، ޗީފް އޮޕަރޭޓިން އޮފިސަރުގެ ގޮތުގައިމ ކުންފުނީގެ އުނދަގޫ ސަޕްލައި ޗެއިން މެނޭޖްކުރުމުގައި އެހީތެރިވެ، ކުންފުނީގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެޕަލްގެ އުފެއްދުންތައް ތައްޔާރުކުރާ މައި މަރުކަޒަކަށް ޗައިނާ ހެދުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ޓިމް ކުކް އެވެ. އޭނާ އެކުލަވާލި މި ސްޓްރެޓީޖިކް ރޭވުމުގެ ދަށުން، ގިނަ އަދަދެއްގެ އައިފޯންތައް އެސެމްބުލްކޮށް، ފިނިޝިންގް މަސައްކަތްތައް ކުރަނީ ފޮކްސްކޮން އާއި އެހެން ސަޕްލަޔަރުން ޗައިނާގެ ފެކްޓްރީތަކުގަ އެވެ.

ކުކްގެ ދައުރުގައި އެޕަލްއަކީ 1 ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ވި ފުރަތަމަ ކުންފުންޏެވެ. އަދި ފަހުން ކުންފުނީގެ އަގު ވަނީ 4 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފަ އެވެ.

މަގާމުން ވަކިވުމަށްފަހު ކުކް ހަވާލުވާނީ އެގްޒެކެޓިވް ޗެއާމަންގެ މަގާމާ އެވެ. މި އާ މަގާމުގައި އޭނާ ކުންފުނީގެ ދިގުމުއްދަތުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާނެ އެވެ. އެޕަލްއިން ބުނި ގޮތުގައި މިއީ ވަރަށް ކުރިއްސުރެ ރޭވިގެން ކުރިއަށްދާ ބަދަލެކެވެ.

ކުކްގެ ބަދަލުގައި ސީއީއޯގެ މަގާމާ ހަވާލުވާ ޖޯން ޓާނަސްއަކީ މިހާތަނަށް އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓެވެ. އޭނާ ވަނީ އައިފޯން އަދި މެކް ފަދަ ކުންފުނީގެ އެންމެ މުހިންމު އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް ބަލަހައްޓައިފަ އެވެ.