ސިންގަޕޫރުގައި، އޮރެންޖް ޖޫސް ވިއްކާ ވެންޑިން މެޝިނަކުން، ޖޫސް ބޯ ހޮޅިއެއް ނަގައި އޭގައި ދޫލުމަށް ފަހު އަނބުރާ މެޝިނަށް ލީ ފްރާންސްގެ ފުރާވަރުގެ ކުއްޖެއްގެ މައްޗަށް، އާންމު މަސްލަހަތު ނަގާލުމާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާ އުފުލައިފި އެވެ.
އުމުރުން 18 އަހަރުގެ ޑިޑިއާ ގަސްޕާޑް އޮވެން މެކްސިމިލިއަން، އޭނާގެ މި އަމަލު ވީޑިއޯކޮށް އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވަނީ އެކަމުގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވާނެކަން އެނގިހުރެ ކަމަށް ދައުވާގައިވެ އެވެ. ސިންގަޕޫރުގައި ކިޔަވަން އުޅޭ މި ދަރިވަރު މި އަމަލު ހިންގާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
މި ހާދިސާއާ ގުޅިގެން އުފުލާފައިވާ ދެވަނަ ދައުވާ ކަމަށްވާ، މުދަލަށް ގެއްލުންދިނުމުގެ ދައުވާގައި ބުނެފައިވަނީ، އޭނާގެ މި އަމަލުގެ ސަބަބުން އެ މެޝިން ހިންގާ 'އައިޖޫޒް' ކުންފުންޏަށް މާލީ ގެއްލުން ލިބޭނެކަން އޭނާއަށް އެނގޭނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ކުންފުންޏަށް ވަނީ މެޝިނުގައި ހުރި ހުރިހާ ހޮޅިއެއް (ޖުމްލަ 500 ހޮޅި) ބަދަލުކުރަން ޖެހިފަ އެވެ.
ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން، އާންމު މަސްލަހަތު ނަގާލުމުގެ ކުށަށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ. އަދި މުދަލަށް ގެއްލުންދިނުމުގެ ކުށް ސާބިތުވެއްޖެ ނަމަ، ދެ އަހަރާ ހަމައަށް ޖަލަށްލުމާ އެކު ޖޫރިމަނާ ކުރެވޭނެ އެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބަޔަކު ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. -- އޭއެފްޕީ