ވީޑިއޯ ގޭމް ރިޓެއިލް ވިޔަފާރިއެއް ކަމަށްވާ "ގޭމްސްޓޮޕް" އިން މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އީބޭ ގަތުމަށް 56 ބިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.
ގޭމްސްޓޮޕްގެ ޗީފް އެގްޒެކެޓިވް ރަޔަން ކޯހަން ބީބީސީއަށް ވިދާޅުވީ، އީބޭއަކީ އެމެޒޯން އާ މާ ބޮޑަށް ވެސް ވާދަކުރެވޭނެ އަދި އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ކުންފުންޏަކަށް ހެދުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އީބޭގެ ފަސް ޕަސެންޓް ހިއްސާ ގޭމްސްޓޮޕުން ގަނެފައިވާ ކަމަށާއި، މި ހުށަހެޅުމުގައި އީބޭގެ ހިއްސާއެއްގެ އަގަކީ 125 ޑޮލަރު ކަމަށެވެ.
މިއީ ހުކުރު ދުވަހު އީބޭގެ ހިއްސާގެ އަގު ހުރި މިންވަރަށްވުރެ 20 ޕަސެންޓް އިތުރު އަގެކެވެ.
މި މުއާމަލާތަށް ފައިނޭންސް ކުރުމަށްޓަކައި ޓީޑީ ބޭންކް މެދުވެރިކޮށް 20 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ކޯހަން ވިދާޅުވި އެވެ.
ގޭމްސްޓޮޕްގެ މިހާރުގެ ޖުމްލަ އަގަކީ 11.9 ބިލިއަން ޑޮލަރެވެ. މި ޚަބަރާއެކު އީބޭގެ ހިއްސާގެ އަގު 13 ޕަސެންޓަށްވުރެ މައްޗަށް ދިޔަ އެވެ.
މުޅި ދުނިޔޭގައި 2،000 އަށްވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ ގޭމްސްޓޮޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގޭމްތައް ޑިޖިޓަލްކޮށް ޑައުންލޯޑްކުރެވޭ ގޮތް މިހާރު ހަމަޖެހިފައިވުމެވެ. އެހެންވެ ގިނަ ފިހަރާތަކެއް ވަނީ ބަންދުކޮށްފަ އެވެ. ގޭމްސްޓޮޕް ހިންގުމަށް 2023 ވަނަ އަހަރު ހަވާލުވި ކޯހަން ވަނީ އެ ކުންފުނީގެ ވިޔަފާރި އީ-ކޮމާސްއަށް ބަދަލުވުން ލަސްވުމާ ގުޅޭގޮތުން ފާޑުކިޔައިފަ އެވެ.