ވީޑިއޯ ގޭމް ރިޓެއިލް ވިޔަފާރިއެއް ކަމަށްވާ "ގޭމްސްޓޮޕް" އިން މަޝްހޫރު އީކޮމާސް ޕްލެޓްފޯމް އީބޭ 56 ބިލިއަން ޑޮލަރަށް ގަންނަން ހުށަހެޅި ހުށަހެޅުމަށް އީބޭއިން ދެކޮޅުހަދައިފި އެވެ. 

އީބޭއިން ބުނީ އެ ކުންފުނި 56 ބިލިއަން ޑޮލަރަށް ގަތުމަށް ހުށަހެޅި ހުށަހެޅުމަށް އިންކާރުކުރީ މި ޕްރޮޕޯސަލް އަކީ "އިތުބާރު ކުރެވޭ ފަދަ ނުވަތަ ޝައުގުވެރިވާ ފަދަ" ހުށަހެޅުމަކަށް ނުވާތީ ކަމަށެވެ.

"އީބޭގެ މިހާރުގެ މެނޭޖްމަންޓް ޓީމާ އެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށާއި، އަދި ހިއްސާދާރުންނަށް ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމުގައި ކުންފުނި އޮތީ ވަރަށް ވަރުގަދަ މަގާމެއްގައި ކަމަށް ބޯޑުން ގަބޫލުކުރޭ،" ބޯޑުގެ ޗެއާމަން ޕޯލް ޕްރެސްލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އެމެރިކާގެ ގޭމަރުންގެ މެދުގައި މަގުބޫލު ނަމަވެސް، އީބޭއާ އަޅާބަލާއިރު މާ ކުޑަ ކުންފުންޏެއް ކަމަށްވާ ގޭމްސްޓޮޕް އިން މި ހުށަހެޅުން ހުށަހެޅީ މެއި މަހުގެ ކުރީކޮޅު އެވެ.

 ގޭމްސްޓޮޕްގެ ޗީފް އެގްޒެކެޓިވް ރަޔަން ކޯހަން މީގެ ކުރިން ބީބީސީއަށް ވިދާޅުވީ، އީބޭއަކީ އެމެޒޯން އާ މާ ބޮޑަށް ވެސް ވާދަކުރެވޭނެ އަދި އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ކުންފުންޏަކަށް ހެދުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އީބޭގެ ފަސް ޕަސެންޓް ހިއްސާ ގޭމްސްޓޮޕުން ގަނެފައިވާ ކަމަށާއި، މި ހުށަހެޅުމުގައި އީބޭގެ ހިއްސާއެއްގެ އަގަކީ 125 ޑޮލަރު ކަމަށެވެ. 

 ގޭމްސްޓޮޕްގެ މިހާރުގެ ޖުމްލަ އަގަކީ 11.9 ބިލިއަން ޑޮލަރެވެ. 

 މުޅި ދުނިޔޭގައި 2،000 އަށްވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ ގޭމްސްޓޮޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގޭމްތައް ޑިޖިޓަލްކޮށް ޑައުންލޯޑްކުރެވޭ ގޮތް މިހާރު ހަމަޖެހިފައިވުމެވެ. އެހެންވެ ގިނަ ފިހަރާތަކެއް ވަނީ ބަންދުކޮށްފަ އެވެ. ގޭމްސްޓޮޕް ހިންގުމަށް 2023 ވަނަ އަހަރު ހަވާލުވި ކޯހަން ވަނީ އެ ކުންފުނީގެ ވިޔަފާރި އީ-ކޮމާސްއަށް ބަދަލުވުން ލަސްވުމާ ގުޅޭގޮތުން ފާޑުކިޔައިފަ އެވެ.