ނުކިޔަމަންތެރިކަން ދައްކާ ދަރިވަރުންގެ ގައިގައި އެއްތެލުން ޖެހުމުގެ ހުއްދަ ސިންގަޕޫރުގެ ޓީޗަރުންނަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ވިދާޅުވެއްޖެ އެވެ.
"އެހެން ފިޔަވަޅުތައް އަޅައިގެން ނަތީޖާއެއް ނުފެންނަ ނަމަ، މައްސަލައިގެ ބާވަތަށް ބަލައި، އަޅުގަނޑުމެންގެ ސްކޫލުތަކުގައި އިސްލާހީ އަދަބެއްގެ ގޮތުން އެއްތެލުން ތެޅުމަކީ ކުރެވޭނެ ކަމެއް،" ބުލީކުރުމުގެ މައްސަލަތަކާ ދެކޮޅަށް އޭޕްރީލް 15 ވަނަ ދުވަހު އިއުލާންކުރި އާ ފިޔަވަޅުތަކާ ގުޅޭގޮތުން އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑެސްމަންޑް ލީ އަންގާރަ ދުވަހު ޕާލަމެންޓުގައި ވިދާޅުވި އެވެ.
"ކޭނިން" ނުވަަތަ އެއްތެލުން ތެޅުމުން އުމުރުން އެންމެ ނުވަ އަހަރުގެ ކުދިންނަށް ނަފްސާނީ ގޮތުން ކުރާނެ އަސަރާ ގުޅޭގޮތުން ވެސް މިނިސްޓަރާ ސުވާލު ކުރިމަތިވި އެވެ.
"ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެބޭފުޅުން ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާ. މިސާލަކަށް، އެއްތެލުން ތެޅުމުގެ ކުރިން ޕްރިންސިޕަލްގެ ހުއްދަ ލިބެންޖެހޭނެ އަދި އެކަން ކުރެވޭނީ ހަމައެކަނި އެކަމަށް ކަނޑައެޅިފައިވާ ޓީޗަރުންނަށް އެކަނި،" ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މި އާ އުސޫލު އަންނަ އަހަރުން ފެށިގެން ސިންގަޕޫރުގެ ސްކޫލުތަކުގައި ތަންފީޒުކުރަން ފަށާނެ އެވެ.
"ކުއްޖާގެ އުމުރާއި، އެއްތެލުން ތެޅުމުން ކުއްޖާއަށް ކުށާ ގުޅޭ ގޮތުން އިބްރަތެއް ލިބޭ ފަދަ އަދި ކުށެވުނީ ކިހާ ވަރެއްގެ ކުށެއްކަން އެނގޭ ވަރުގެ ކުއްޖެއްތޯ ބެލުންފަ ކަންކަމަށް ސްކޫލުތަކުން ރިއާޔަތްކުރާނެ،" ލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، "ކުށްކޮށްފައިވާ ހާލަތް ވަޒަންކުރުމަށް ފަހު، އަދަބެއްގެ ގޮތުން އެއްތެލުން ތަޅާނީތޯ ނުވަތަ ނޫންތޯ ނިންމުމުގެ އިހުތިޔާރު ސްކޫލުތަކަށް އޮންނާނެ" އެވެ.
"މި އުސޫލު ބިނާވެފައިވަނީ، ހަރުކަށި އަދި މާނަހުރި އަދަބުތަކާ އެކު ސާފު އިންތަކެއް ކަނޑައެޅިފައިވުމުން، ކުޑަކުދިންނާއި ޒުވާނުން ރަނގަޅު ގޮތްތައް އިހުތިޔާރު ކުރަން ދަސްވާކަން ހާމަވާ ދިރާސާތަކުގެ މައްޗަށް،" މިއީ ބުލީކުރުން މަދުކުރުމަށް މުހިންމު އަދަބެއް ކަމަށް ފާހަގަކުރައްވަމުން ލީ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ކަނޑައަޅާފައިވާ މި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އެއްތެލުން ތެޅުމުގެ އަދަބު ދެވޭނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ.
އޭގައި ބުނެފައިވާ ގޮތުގައި، "އެއްތެލުން ތެޅުމަކީ ހަމައެކަނި ފިރިހެން ދަރިވަރުންނަށް، އެ ނޫން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ އެޅޭނެ ފިޔަވަޅެއް ނޫން" ކަމަށް އުސޫލުގައިވެ އެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި، ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ސްކޫލުތަކުގައި ކުދިންނަށް ޖިސްމާނީ އަދަބު ދިނުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔާއި ދެބައިކުޅަ އެއްބަޔާ ދެމެދުގެ އަދަދަކަށް ކުދިންނަށް ސްކޫލުތަކުގައި ޖިސްމާނީ އަދަބު ލިބެ އެވެ. އަދި އެ ޖަމިއްޔާއިން ވަނީ މި އާދަ ހުއްޓާލުމަށް ގޮވާލައިފަ އެވެ.
"ކުޑަކުދިންނަށް ޖިސްމާނީ އަދަބު ދިނުމުން ކުރާ ނޭދެވޭ އަސަރުތައް މުޅި އުމުރަށް ދެމިގެންދެ އެވެ. އަދި މިއީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، ތައުލީމާއި، އިޖުތިމާއީ އަދި ވަޒީފާގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމެކެވެ،" ޑަބްލިޔުއެޗްއޯ އިން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.