ސްރީ ލަންކާއަށް މި މަހުގެ 15 އިން ފެށިގެން ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ދޭން ފަށާނެކަން އެ ގައުމުގެ، ގައުމީ ޓީވީ ނެޓްވޯކް، ސްރީލަންކާ ރޫޕަވާހިނީ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ނަމަވެސް، ޕޭޕަލް އިން އަދި ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް މިކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހުން ލަންކާ "ނިއުސްވަޔަ" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޕޭޕަލްގެ އޮފިޝަލުން ވަނީ މިދިޔަ މަހު ސްރީލަންކާއަށް ޒިޔާރަތްކޮށް، ހިދުމަތްތައް ފެށުމާ ގުޅޭގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފަ އެވެ.
މިކަމަށް ސްރީ ލަންކާގެ ފްރީލާންސަރުންނާއި، ޑިޖިޓަލް ވިޔަފާރިވެރިން އަދި އޮންލައިން ވިޔަފާރިތަކުގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. މިއީ އެ ގައުމަށް ޕޭޕަލްގެ ހިދުމަތް ފުރިހަމައަށް ލިބޭ ގޮތް ހަދައިދޭން އަބަދު ގޮވާލަމުން އަންނަ މީހުންނެވެ.
ސްރީލަންކާގައި ޕޭޕަލް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހިދުމަތް އެތައް އަހަރެއް ވަންދެން ލިބެމުން އައި ނަމަވެސް ބޭރު ގައުމުތަކުން ލިބޭ ފައިސާ ސީދާ އެ ގައުމުގެ އެކައުންޓްތަކަށް ޖަމާކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އެސް.އެލް.އާރް.ސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހިދުމަތް މި މަހުގެ 15 އިން ފެށިގެން ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، އޮފިޝަލުން އަދި މިހާތަނަށް އެ ތާރީހު ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. އަދި ހިދުމަތް ފޯރުކޮށްދޭނެ ދާއިރާތަކުގެ ތަފްސީލެއް ވެސް ނުދެ އެވެ.