ނަބީއެއް ކަމަށް ދައުވާކުރާ އެފްރިކާގެ ފާދިރީއަކު، މޫސާގެފާނުގެ ކަނޑު އިރުއްވެވި މުއުޖިޒާތް ތަކުރާރު ކުރެވިދާނެ ކަމަށް ބުނަމުން އަސައެއް ހިފައިގެން ގޮސް މޫދަށް ފޭބި ވަގުތު ރާޅެއް ޖަހައި ވެއްޓުމުން ސަލާމަތްވާން ދުވާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.
މިއީ ކޮން ގައުމެއްގައި ހިނގި ހާދިސާއެއް ކަމެއް ކަށަވަރު ނުވިޔަސް ބައެއް މީހުން ބުނެފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ އިތިއޮޕިއާގަ އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ހުދު ކުލައިގެ ޖުއްބާއެއް ލައިގެން ހުރި މި މީހާ ލަކުޑި އަސައެއް ހިފައިގެން މޫދަށް އެރެ އެވެ. އަދި އޭނާގެ ފަހަތުގައި ތިބި މީހުންގެ ތެރެއިން އެކަކު ފޮތެއް ހުޅުވައިގެން ކިޔަވާތީ ފެނެ އެވެ.
ކަނޑު ދެފަޅިވެ ހިނގާފައި ދެވޭ ގޮތަށް މެދުވެރިވީ، މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މިސްރުގެ ފިރުއައުނުގެ އަނިޔާވެރި ލަޝްކަރުގެ ކިބައިން ސަލާމަތްކުރެއްވުމަށް ﷲ މޫސާގެފާނަށް ދެއްވި މުއުޖިޒާތުގަ އެވެ. މޫސާގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ﷲ ކުރެއްވި އަމުރަށް އެކަން ކުރެއްވުމާ އެކު މާކަނޑުގެ މެދުން މަގެއް ހުޅުވުނެވެ. އެ މަގު ހުރަސްކޮށް ދެވުމާ އެކު އިހު އޮތް ގޮތަށް ކަނޑު ބަދަލުވެ ދިޔައީ ފަހަތުން އައި ފިރުއައުނާއި އޭނާގެ ބައިވެރިން އެ ކަނޑުގައި ޣަރަގުވެގެންނެވެ.
މިގޮތަށް ހެދިދާނެ ކަމަށް ބުނެ ކަނޑަށް އެރެން ދިމާކުރި ފާދިރީ އޭނާގެ އަސައިން މޫދުގައި ޖެހުމާ އެކު ފެންނަނީ ޖަހަމުން ދިޔަ ރާޅުތަކުގެ ތެރެއިން އޭނާއާ ދިމާލަށް ވަކިން ބޮޑު ރާޅެއް އައިސް އޭނާ ވެއްޓޭތަނެވެ. އެ ހިސާބުން އޭނާ އަސާ ވެސް ދޫކޮށްލާފައި އުޅެނީ ސަލާމަތް ވެވޭތޯ އެވެ.
މި ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ދައްކާފައި ހުރި ވާހަކަތަކުގައި ބައެއް މީހުން ބުނެފައިވަނީ އޭނާ މޫސާގެފާނުގެ މުއުޖިޒާތް ދައްކަން އުޅެގެން ޖެހުނީ ފިރުއައުނަށް ޖެހުނު ހާލު ކަމަށެވެ.
މީގެ ކުރިން ބައެއް ގައުމުތަކުގައި ރަސޫލުންނާއި ނަބިއްޔުންނަށް ﷲ ދެއްވި މުއުޖިޒާތްތަަކަށް ގޮންޖަހަން އުޅުމުގެ ތެރޭގައި މީހުން މަރުވެފައި ވެސް ވެ އެވެ.