ލާއޯސްގައި، ފަރުބަދައެއްގެ ހޮހަޅައަކަށް ހަތް މީހަކު ވަދެ އުޅެނިކޮށް ކުއްލިއަކަށް ފެން ބޮޑުވެ އެތެރޭގައި ތާށިވެފައި ތިބޭތާ މިއަދަށް ހަފްތާއެއް ވެފައި ވާއިރު އެ މީހުން ސަލާމަތްކުރެވޭތޯ ރެސްކިއު ޓީމުތަކުން ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއް ކުރަން ޖެހިއްޖެ އެވެ.
"ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް މިއަދު ފުރިހަމަ ކުރެވިއްޖެ ނަމަ، ގެއްލިފައިވާ ހަތް މީހުން ތިބި ކަމަށް ބެލެވޭ އެންމެ ފަހު ބަޔަށް އެ މީހުން ހޯދުމަށް ފަހު ފަހަރަށް ފީނުމަށް އަންނަނީ ވިސްނަމުން،" އޮޕަރޭޝަންގައި ބައިވެރިވާ ފިންލޭންޑުގެ ޑައިވަރު މިއްކޯ ޕާސީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"މިއަދަކީ އެމީހުން ތާށިވިތާ 7 ވަނަ ދުވަސް ކަމަށްވެފައި، އެތެރެއަށް ވަންނަން އޮތް މަގުގައި ގިނަ ގޮންޖެހުންތަކެއް ހުރުމުން، އަހަރެމެން މިދަނީ ވަގުތާ ވާދަކުރަމުން،" 2018 ވަނަ އަހަރު ތައިލެންޑުގެ ފެންބޮޑުވި ހޮހަޅައަކުން، ކުޑަކުދިންގެ ފުޓްބޯޅަ ޓީމެއް ސަލާމަތްކުރުމުގެ ކާމިޔާބު އޮޕަރޭޝަންގައި ވެސް ބައިވެރިވި ޕާސީ ބުންޏެވެ.
ލާއޯސްގެ ދައުލަތުގެ މީޑިއާއިން މި ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ވިއެންޓިއާންގެ އިރުއުތުރުން ގާތްގަނޑަކަށް 125 ކިލޯމީޓަރު ބޭރުގައިވާ ޒައިސޮމްބޫން ޕްރޮވިންސްގައި ހުންނަ ހޮހަޅައަކަށް އެ ރަށުގެ ހަތް މީހަކު ވަދެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެމީހުން އެ ހޮހަޅައަށް ވަނީ ރަން ހޯދަން ކަމަށާއި ނަމަވެސް، ބޯކޮށް ވާރޭވެހި ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން ނުކުމެވޭނެ މަގު ބަންދުވެ ތާށިވީ ކަމަށް ބުނެފައިވެ އެވެ.
ޕާސީ ބުނި ގޮތުގައި އެއީ "ފަޅުކޮށްލާފައިވާ" ރަން މައިނެކެވެ.
ކަމާބެހޭ ފަރާތްތަކާއި އަވަށުގެ މީހުން ގުޅިގެން ހޮހަޅައިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ހޯމަ ދުވަހާ ހަމައަށް ވެސް ރެސްކިއު ޓީމުތަކަށް އެ މީހުން ތިބި ހިސާބަށް ދެވޭގޮތް ވަނީ ނުވެފަ އެވެ.
ނަމަވެސް، ބުދަ ދުވަހުގެ ހެނދުނާ ހަމައަށް އައިއިރު ހޮހަޅައިގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދިފައިވާ ކަމަށާއި، ރެސްކިއު ޓީމުތަކުން އަދިވެސް ފެން ހިންދމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލާއޯސްގެ ދައުލަތުގެ ނޫހަކުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.
ލާއޯސްގެ ރެސްކިއު ގްރޫޕަކުން ބުނި ގޮތުގައި، ބުދަ ދުވަހުގެ ހެނދުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ކުރިން، ލާއޯސްގެ ރެސްކިއު ޓީމުތަކާއި ރަސްމީ އިދާރާތައް އަދި އަވަށުގެ މީހުން ވަނީ ހޮހަޅައިގެ ބޭރަށް އެއްވެ، މިފަދަ ތަންތަނުން މީހުން ސަލާމަތްވާނެ ކަމަށް އެ މީހުން ގަބޫލުކުރާ ބޯދާ ކަންތައްތަކެއް ވެސް ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވަނީ އެ މީހުން ގަބޫލުކުރާ ރޫހާނީ ބާރުތަކަށް ކުކުޅާއި ހަނޑުލުގެ ރާ ހަދިޔާކޮށްފަ ވެއެވެ.
ސޯޝަލް މީޑިއާގައި ރެސްކިއު ޓީމުތަކުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ތަކެތި ބަހައްޓާފައި ހުރީ ހޮހަޅައިގެ ދޮރުމަތީގަ އެވެ.
މި ހޮހަޅަ އަކީ އެކަހެރި ސަރަހައްދެއްގައި، ބިމުގެ އަޑިއަށް ވަރަށް ފުންކޮށް، ގިނަ ބައިތަކަކަށް ހަނި މަގުތަކެއް އެކުލެވޭ ގޮތަށް އޮތް ތަނެކެވެ.
ހޮހަޅައިގެ އެތެރޭގެ ހާލަތާ ބެހޭގޮތުން ޕާސީ ބުނީ، "ސަތޭކަ އެތައް މީޓަރެއްގެ ހަނި ދޭތެރެތަކާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި، ބިންގަނޑު ކަނޑައިގެންދިއުމުގެ ނުރައްކަލާއި އަދި ނޭވާލާން އުނދަގޫ ތަޣައްޔަރުވެފައިވާ ވައިގެ ތެރެއިން" ދަތުރުކުރަން ޖެހޭ ކަމަށެވެ.
ޕާސީ ބުނި ގޮތުގައި، ގެއްލިފައިވާ ހަތް މީހުން ތާށިވެފައި ތިބޭނެ ކަމަށް ބެލެވެނީ ހޮހަޅައިން ނުކުންނަން އޮންނަ ދޮރާ ގާތްގަނޑަކަށް 300 މީޓަރު ދުރުގައިވާ އެންމެ އެތެރެ ބައިގަ އެވެ.
"އަހަރެމެން އަދިވެސް މި ތިބީ އެ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދެއްގައި. އެއީ އެމީހުން އެތަނަށް ވަނީ ބިމުގެ އަޑީގައި އެތައް ދުވަހަކު ތިބެވޭނެ ފަދަ ވަސީލަތްތަކާ އެކު ކަމަށްވާތީ،" ޕާސީ ބުންޏެވެ. -- އޭއެފްޕީ