ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި މީގެ ހަފްތާއެއް ކުރިން ތާށިވި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ސަލާމަތުން ތިއްބާ ޑައިވަރުންނަށް ފެނިއްޖެ އެވެ. ނަމަވެސް ރެސްކިއު ޓީމުން ބުނީ އެ މީހުން ހޮހަޅައިގެ އެންމެ އެތެރެ ބައިން ނެރުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލާއޯސްގެ ވެރިރަށް ވިއެންޓިއާންގެ އިރުއުތުރުން އޮންނަ މެދުތެރޭ ޒައިސޮމްބޫން ޕްރޮވިންސްގެ މި ހޮހަޅައަށް އެ ހަތް މީހުން ރަން ހޯދަން ވަދެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް، ބޯކޮށް ވާރޭވެހި ކުއްލިއަކަށް ފެންބޮޑުވުމުގެ މަގު ބަންދުވެ، ސަބަބުން ހޮހަޅައިން ނުނިކުމެވި އެ މީހުން އެތެރޭގައި ތާށިވީ އެވެ.

ތައިލެންޑުގެ ރެސްކިއު މެންބަރެއް ކަމަށްވާ ޗަކްކިޓް ތޭންގްތަން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ހޮހަޅައިގެ ހަނި މަގަކުން ފެނުނު ފަސް ފިރިހެނުން އެއްތަނެއްގައި ތިބި އިރު އެ މީހުން ތިބީ މުޅި ގައިގައި މަށްޓާއި ދެލި ހޭކިފަ އެވެ. އެ ވަގުތު ޑައިވިން ގިއަރުގައި ތިބި ދެ ރެސްކިއު މެންބަރުން ތިބީ ބަނޑާ ހަމައަށް ފެނުގެ ތެރޭގަ އެވެ.

"އަހަރެމެންނަށް ލާއޯސްގެ ފަސް މީހުން ފެނިއްޖެ. އެންމެންވެސް ތިބީ ސަލާމަތުން. އަހަރެމެން އެ މީހުންނަށް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ވީޑިއޯގައި ތައިލެންޑުގެ ރެސްކިއު ޑައިވަރެއް ކަމަށްވާ ނޮރަސެޑް ޕަލާސިން ބުނެފައިވެ އެވެ.

ވީޑިއޯއިން ފެންނަ ފިންލޭންޑުގެ ޑައިވަރެއް ކަމަށްވާ މިއްކޯ ޕާސީ ބުނި ގޮތުގައި، އޭނާ އާއި ނޮރަސެޑް ވަގުތުން އެނބުރި ގޮސް އަންނަން ޖެހެ އެވެ. އެއީ އެ މީހުން ހޮހަޅައިން ނެރެން ހަށިގަނޑުގައި ވަރުޖެއްސުމަށް  އިތުރު ކާބޯތަކެއްޗާއި ސާމާނު ފޯރުކޮށްދިނުމަށެވެ.

"މިއީ ހަމައެކަނި ވަގުތީ ހިތްހަމަޖެހުމެއް. ސަބަބަކީ ސަލާމަތްވި ފަސް މީހުން އަދިވެސް ތިބީ ހޮހަޅައިގެ އެންމެ އެތެރޭ ކޮޓަރީގައި. އެމީހުންގެ ސިއްހަތު ރަނގަޅު، ހިތްވަރުވެސް އެބަހުރި. ނަމަވެސް އެމީހުން ބޭރަށް ނެރުމުގެ މަސައްކަތް އަދި އޮތީ ކުރިއަށް. އެއީ ފަސޭހަ ކަމަކަށް ނުވާނެ،" ސޯޝަލް މީޑިއާގައި ޕާސީ ލިޔެފައިވެ އެވެ.

ލާއޯސްގެ ސަރުކާރުން ހިންގާ 'ލާއޯ ސެކިއުރިޓީ ނިއުސް' އިން ބުނި ގޮތުގައި، ރެސްކިއު ޓީމުތަކުން މިހާރު ތައްޔާރުވަމުންދަނީ ސަލާމަތްވި ފަސް މީހުންނަށް ކާނާ އާއި ބޭސް ފޯރުކޮށްދިނުމަށެވެ. އަދި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ޕާސީ ބުނި ގޮތުގައި، ރެސްކިއު ޓީމުތަކަށް އޮތީ ވަގުތާ ދެކޮޅު ރޭހެކެވެ. އޭނާ އެ ހޮހަޅަ ސިފަކުރީ "ފަޅުކޮށްލާފައިވާ ރަން މައިނެއް" ގެ ގޮތުގަ އެވެ.

ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޮހަޅައިގެ ތެރެއިން ސަތޭކަ އެތައް މީޓަރެއްގެ ހަނި މަގުތަކާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި، ހިލަތައް ވެއްޓުމުގެ ނުރައްކަލާއި، އަދި ވިހަ ގޭސް ހުރުމުގެ ނުރައްކަލުގެ ތެރެއިން ދަތުރުކުރަން ޖެހޭ ކަމަށެވެ. ފަސް މީހުން ފެނުނު އެންމެ އެތެރެ ބަޔާ ހޮހަޅައިން ނުކުންނަ ދޮރާ ގާތްގަނޑަކަށް 300 މީޓަރު ދުރުމިން އެބަހުއްޓެވެ.

އޭނާ ބުނި ގޮތުގައި، އެ ހަތް މީހުން ހޮހަޅައަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަޑީގައި ތިބެވޭނެ ފަދަ ވަސީލަތްތަކާ އެކުގަ އެވެ.

ހޮނިހިރު ދުވަހު ލާއޯސްއަށް ދިޔަ ނޮރަސެޑް އާއި ޕާސީއަކީ، 2018 ވަނަ އަހަރު އަވަށްޓެރި ތައިލެންޑުގެ ފެންބޮޑުވި ހޮހަޅައެއްގައި ތާށިވި ޒުވާން ފުޓްބޯޅަ ޓީމު ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނުގައި ވެސް ބައިވެރިވި ދެ ޑައިވަރުންނެވެ. އެ ފަހަރު "ވައިލްޑް ބޯސް" ޓީމުގެ ކުދިން ތައިލެންޑުގެ ތަމް ލުއަންގް ހޮހަޅައިގައި ތިން ހަފުތާއެއްހާ ދުވަހު ތާށިވެފައި ތިއްބެވެ. -- އޭއެފްޕީ