ސިންގަޕޫރުގެ އިރުމަތީގައި އޮންނަ ޔީޝުން ސަރަހައްދުގައި، ކޮތަރާއި ކާޅަށް ކާންދިން މައްސަލައެއްގައި މިއަދު، އުމުރުން ދުވަސްވީ އަންހެނަކަށް ދައުވާކޮށްފި އެވެ.

ޓޭން ޗޮންގް ހޮންގް ނަމަކަށް ކިޔާ މި އަންހެންމީހާގެ މައްޗަށް ވައިލްޑްލައިފް އެކްޓްގެ ދަށުން ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ ނޭޝަނަލް ޕާކްސް ބޯޑްގެ ވައިލްޑްލައިފް މެނޭޖްމަންޓް ޑިވިޒަންގެ ޑިރެކްޓަ ޖެނެރަލްގެ ހުއްދަ ލިޔުމަކުން ނުހޯދައި ދޫނިތަކަށް ކާންދިން ކަމަށެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޓޭން ކޮތަރުތަކަށް ކާންދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގައި ޔީޝުން ސްޓްރީޓް 11 ގަ އެވެ.

އުމުރުން 74 އަހަރުގެ މި އަންހެންމީހާ، މިދިޔަ އަހަރުގެ ޑިސެމްބަރު 24 ގައި ޔީޝުން ޕްރައިމަރީ ސްކޫލް ކައިރީގައި، އެމް.އާރު.ޓީ ޓްރެކްތަކުގެ ދަށުގައި، ކޮތަރާއި ކާޅަށް ކާންދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އަދި މިދިޔަ މާޗް 20 ވަނަ ދުވަހުގެ ފަތިހު 4:25 އެހާކަންހާއިރު، ޔީޝުން ޕާކް ކަނެކްޓާ ސަރަހައްދުގައި ކޮތަރުތަކަކަށް ޕާން ކާންދިން ކަމުގެ ތުހުމަތު ވެސް ޓޭންގެ މައްޗަށް ވަނީ ކޮށްފަ އެވެ.

"އަހަރެން މި ދައުވާތަކަކަށް އިއުތިރާފެއް ނުވަން. އަދި މިކަން ސާފުކޮށްދީ ސިޓީއެއް ފޮނުވަން ބޭނުން. އަހަރެން އެކަން ކުރާނީ ކިހިނެއް؟ އަހަންނަށް އީމެއިލް އެޑްރެހެއް ބޭނުންވޭ،" ތަރުޖަމާނެއް މެދުވެރިކޮށް އޭނާ ކޯޓުގައި ބުންޏެވެ.

ފަނޑިޔާރު ވަނީ ޓޭންއަށް ބޭނުންވާ އީމެއިލް އެޑްރެސް ފޯރުކޮށްދިނުމަށް އެންޕާކްސްގެ ޕްރޮސެކިއުޓަރަށް އަންގަވައިފަ އެވެ. އަދި އޭނާގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ބަޔާން ހުށަހެޅުމަށް ވަގުތު ދިނުމުގެ ގޮތުން، ފަނޑިޔާރު ވަނީ މައްސަލައިގެ އަޑުއެހުން ފަސްކޮށްދެއްވައިފަ އެވެ.

ޓޭންގެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.

ސިންގަޕޫރުގެ ގާނޫނު ބުނާ ގޮތުން ލިޔުމުން ލިބޭ ހުއްދައަކާ ނުލައި ޖަނަވާރުންނަށް ކާންދޭ މީހުން، 5,000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ.