އިންޑިއާގެ މެޑިކަލް ކޮލެޖްތަކަށް ވަނުމަށް އިންޑިއާގައި ބާއްވާ ގައުމީ އިމްތިހާނު، ނެޝަނަލް އެލިޖިބިލިޓީ އެންޓްރަންސް ޓެސްޓް (ނީޓް) ޕޭޕަރު މިދިޔަ މަހު ލީކުވުމުން މި މަހު އަލުން އިމްތިހާނު ބޭއްވުމާ ދިމާކޮށް ޓެލެގްރާމް މެސެންޖާ މަނާކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ޓެލެގްރާމް ބްލޮކް ކުރުމަށް ނެރުނު އަމުރަށް ތަބާވާން ދެކޮޅުހަދައި ޓެލެގްރާމް ކުންފުނިން އިންޑިއާގެ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ މުޅި ޕްލެޓްފޯމް އެއްކޮށް ބްލޮކް ކުރުމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށެވެ.

އިންޑިއާ ސަރުކާރުން ޓެލެގްރާމް ބްލޮކް ކުރީ، މީގެ ކުރިން ބޭއްވި  މި މަހުގެ 16 އިން 22 ގެ ނިޔަލަށެވެ. އެއީ މި މަހުގެ 21 ގައި ބާއްވަން ހަމަޖެހިފައިވާ "ނީޓް" އިމްތިހާނުގެ ކަރުދާސްތައް ޓެލެގްރާމް މެދުވެރިކޮށް ލީކުކޮށް، އިމްތިހާނުގައި މަކަރު ހަދާ ގްރޫޕްތައް ހުއްޓުވަން ކަމަށް ބުނެ އެވެ.

މީގެ ކުރިން މޭ މަހު ބޭއްވި އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން މިލިއަނަކަށްވުރެ ގިނަ ދަރިވަރުންގެ ނަތީޖާ ބާތިލްކޮށް، އަލުން އިމްތިހާނު ބާއްވަން ވަނީ މަޖުބޫރުވީ އެވެ.

މި މައްސަލައާ ގުޅިގެން ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޯވް ވިދާޅުވީ މި ފިޔަވަޅުގެ ސަބަބުން، ކަރުދާސް ލީކުކުރި މީހުންނަށް އަދަބު ލިބުމުގެ ބަދަލުގައި އިންޑިއާގައި އުޅޭ، ޓެލެގްރާމް ބޭނުންކުރާ 150 މިލިއަނަށްވުރެ ގިނަ އާންމުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ބްލޮކް ކުރުމުން، ކުށްކުރާ މީހުން އެހެން އެޕްތަކަށް ބަދަލުވުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށް ވެސް ޕަވެލް ވިދާޅުވި އެވެ.

"މިފަދަ އުސޫލަކަށް ތާއީދުކޮށްފި ނަމަ، އެއްވެސް ބެލުމެއްނެތި ޑިޖިޓަލް ޕްލެޓްފޯމްތައް ސަސްޕެންޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން، މިނިވަންކަމާ އެކު ބަސްބުނުމާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެއެވެ،" ޓެލެގްރާމުން ދިއްލީ ހައިކޯޓަށް ހުށަހެޅި، އަދި އާންމުކޮށްފައިނުވާ ގާތްގަނޑަކަށް 200 ސަފުހާގެ ލިޔުންތަކުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ދިއްލީ ހައި ކޯޓުން މިހާރު ވަނީ ޓެލެގްރާމްގެ މި ހުށަހެޅުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ، އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.