ސްރީ ލަންކާގެ ސްކޫލްތަކުގެ ކެންޓީންތަކުގައި ހަކުރާއި ފެޓް އަދި ލޮނު ގިނަ ކާބޯތަކެއްޗާއި، ޕްރޮސެސްކޮށްފައިވާ ކާތަކެތި ވިއްކުން މަނާކޮށް މިނިސްޓްރީ އޮފް ހެލްތުން އާ ސާކިއުލާއެއް ނެރެފި އެވެ.
މި ސާކިއުލާގައި ވަނީ ހޮޓްޑޯގް، ބާގަ، ޕިއްޒާ، ބިސްކޯދު، ކޭކު، ހަކުރު އެޅި ފިޒީ ޑްރިންކުތައް، އެކްސްޓްރޫޑަޑް ސްނެކްސް (ޗީޒް ބޯލް، ފުރުޓް ލޫޕްސް، ކޯން ފްލޭކްސް ފަދަ ކާނާ) އަދި ބަންދުކޮށްފައިވާ ފޮނި ބުއިންތައް މަނާކޮށްފަ އެވެ.
ހެލްތު ޕްރޮމޯޝަން ބިއުރޯގައި ބޭއްވި މީޑިއާ ބްރީފިންގްއެއްގައި، ނިއުޓްރިޝަން ޑިވިޒަންގެ ސްޕެޝަލިސްޓް ޑރ. މޮނިކާ ވިޖޭރަތުނެ ވިދާޅުވީ، ސްކޫލް ކެންޓީންތައް ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަށްޓަކައި ގައިޑްލައިން އަތްމަތީ ފޮތެއް ވެސް މިހާރު ތައާރަފުކޮށްފައިވާ ކަމަށެވެ.
ސިއްހީ އިދާރާތަކުން ބުނި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ސްކޫލް ކުދިންގެ ބަރުދަން އިތުރުވުމާއި ފަލަވުމުގެ މައްސަލަ އިތުރުވަމުންދާތީ އެވެ. "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑެންޓް ހެލްތު ސާވޭ" 2024 އިން ދައްކާ ގޮތުގައި، ލަންކާގައި 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 12 ޕަސެންޓް ކުދިންނަކީ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރު ކުދިންނެވެ. އަދި 3 ޕަސެންޓް ކުދިންނަކީ މާބޮޑަށް ފަލަ ކުދިންނެވެ.
މި ސާވޭއިން ދެއްކި ގޮތުގައި، 17.4 ޕަސެންޓް ކުދިން އާންމުކޮށް ފޮނި ބުއިންތައް ބޭނުންކުރާއިރު، 28.5 ޕަސެންޓް ކުދިން ލޮނު ގިނަ ކާތަކެތި، 29 ޕަސެންޓް ކުދިން ސަރުބީ ގިނަ ކާތަކެތި އަދި 41 ޕަސެންޓް ކުދިން ހަކުރު ގިނަ ކާތަކެތި އާދަވެ ބޭނުންކުރެ އެވެ.
އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ސްކޫލް ކުދިންގެ ސިއްހަތާއި ކާނާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސްކޫލް ކެންޓީންތައް ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.