ޔޫއޭއީގެ ފުރަތަމަ ޕެސެންޓާ ޓްރެއިންގެ ހިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ވީއޭއެމް އިން އިއްޔެ ބުނެފި އެވެ.

މި ހިދުމަތް ފެށުމަށް ނިންމާފައިވަނީ އަބޫދާބީގެ ކްރައުން ޕްރިންސް އެ ސިޓީގެ ރޭލު ސްޓޭޝަން އިފްތިތާހު ކޮށްދެއްވުމާ އެކުގައި ކަމަށް ބުންޏެވެ.

މި ޕެސެންޖާ ޓްރެއިނުން އެ ގައުމުގެ ހަތް އެމިރޭޓްސްގެ ތެރެއިން ހަތަރު އެމިރޭޓްސް ގުޅާލެވޭނެ އެވެ. އަދި ޖޫން 30 ގައި މި ހިދުމަތް ތައާރަފުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަބޫދާބީ އާއި ފުޖައިރާއާ ދެމެދުގަ އެވެ.

ޓިކެޓުގެ އަގުތައް:

  • ސްޓޭންޑާޑް ކްލާސް: 55 ދިރުހަމް (15 ޑޮލަރު)
  • ޕްރީމިއަމް ކްލާސް: 120 ދިރުހަމް (32 ޑޮލަރު)

ދުބާއީގެ ރޭލު ސްޓޭޝަން ސެޕްޓެމްބަރު 30 ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަވަށްޓެރި ޝާރްޖާގެ މައި ސްޓޭޝަންގެ ހިދުމަތް ފެށުމަށް ތާވަލުކޮށްފައިވަނީ މާޗް 30، 2027 ގަ އެވެ. މީގެ އިތުރުން، މި ރޭލު ނެޓްވޯކް އެހެން އެމިރޭޓްސްތަކަށް ފުޅާކުރުމަށްޓަކައި ހަދަންޖެހޭ ފީޒިބިލިޓީ ސްޓަޑީޒް ފެށުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައިވާ ކަމަށް ވީއޭއެމް އިން ބުންޏެވެ.

އަބޫދާބީގެ ސްޓޭޝަން އިފްތިތާހު ކޮށްދެއްވި ޝެއިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު ވިދާޅުވީ، މި މަޝްރޫއަކީ ޔޫއޭއީގެ ފުރިހަމައަށް ގުޅިފައިވާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގެ ތަސައްވުރު ރަމްޒުކޮށްދޭ މަޝްރޫއެއް ކަމަށެވެ. މިކަމުގެ ސަބަބުން އެމިރޭޓްސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މީހުންނާއި މުދާ ފަސޭހަކަމާ އެކު އުފުލި، ދެމެހެއްޓެނިވި ކުރިއެރުމަށް މަގު ފަހިވާނެ ކަމަށް ޒައިދު ވިދާޅުވި އެވެ. އަދި އިންވެސްޓްމަންޓް، ޓޫރިޒަމް އަދި އާބަން ޑިވެލޮޕްމަންޓަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ފްލީޓްގައި ހިމެނެނީ ޖުމްލަ 13 ރޭލެވެ. މިއިން ކޮންމެ ރޭލަކަށް 400 އާ ހަމައަށް ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިގެންވެ އެވެ. އަންގާރަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ޓިކެޓް ބުކް ކުރެވޭނެ އެވެ.

ސަރަހައްދީ ދަތުރުފަތުރުގެ ނިޒާމު:

މި ރޭލު މަޝްރޫއު ކުރިއަށް މިދަނީ، 2016 ވަނަ އަހަރު ދުބާއީ އާއި އަބޫދާބީ ދެމެދު ހައިޕަލޫޕް  އެއް ބިނާކުރުމަށް ފެށި މަސައްކަތް ހަގީގަތަށް ނުވެ ދިއުމަށްފަހުގަ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ހަ ގައުމު ރޭލުން ގުޅާލުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައި ވިޔަސް، އެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް ލަހުންނެވެ. ނަމަވެސް، މިދިޔަ ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު ވަނީ ގަލްފް ގައުމުތަކުގެ ވެރިރަށްތައް ގުޅާލާ ހައި-ސްޕީޑް ރޭލެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މީގެ އިތުރުން، އުމާންގެ ސުހާރު ބަނދަރާއި އަބޫދާބީ ގުޅާލުމަށް ތިން ބިލިއަން ޑޮލަރުގެ ރޭލު މަޝްރޫއެއް 2022 ވަނަ އަހަރު އިއުލާނުކޮށްފައިވެ އެވެ. އޭޕްރީލް މަހާ ހިސާބަށް މި މަޝްރޫއުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. -- އޭއެފްޕީ