މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ކައިވެނިން ބޭރުން ދެ އަންހެނަކާ ބޭއްވި ގުޅުންތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރަން، ޖިންސީ ކުށުގެ މައްސަލަތަކުގައި ޖަލަށް ލާފައި ހުއްޓާ މަރުވި އެމެރިކާގެ ފައިނޭންސަރު ޖެފްރީ އެޕްސްޓީން މަސައްކަތްކޮށްފައިވާ ކަމަށް ގޭޓްސް ވިދާޅުވެއްޖެ އެވެ.  

އުމުރުން 70 އަހަރުގެ ގޭޓްސް މި މަހުގެ 10 ވަނަ ދުވަހު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ބަޔާން ދެއްވާފައިވަނީ 2019 ވަނަ އަހަރު ޖިންސީ ކުށުގެ ޝަރީއަތް ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ޖަލުގައި އަމިއްލައަށް މަރުވި އެމެރިކާގެ މަހުޖަނު އެޕްސްޓީންއާ އޮތް އެކުވެރިކަމާ ގުޅޭގޮތުންނެވެ.

ކޮމިޓީން އާންމުކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ގޭޓްސް އެޕްސްޓީންއާ އޮތް ގުޅުން ކަނޑާލަން މަސައްކަތް ކުރަން ފެށުމުން، އެޕްސްޓީން ވަނީ ގޭޓްސްއަށް "ނުސީދާ" އިންޒާރުތަކެއް ދީފަ އެވެ. އެޕްސްޓީން ވިސްނަމުންދިޔައީ ގޭޓްސް ކައިވެނިން ބޭރުން ބޭއްވި ގުޅުންތަކުގެ މައުލޫމާތު ބޭނުންކޮށްގެން، އޭނާގެ ދާއިރާގެ ތެރޭގައި ގޭޓްސް މަޖުބޫރުން ބެހެއްޓުމަށެވެ.

"އަހަރެން ބްލެކްމެއިލްއެއް ނުކުރޭ، އެކަމަކު އީމެއިލްތަކަށް ބަލާއިރު އެނގެނީ އެޕްސްޓީންގެ ވިސްނުން ހުރީ އެ ދިމާލަށް ކަން،" އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިއަހަރުގެ ޖެނުއަރީ މަހު އާންމުކުރި ލިޔެކިޔުންތަކަށް އިޝާރާތް ކުރައްވަމުން ގޭޓްސް ވިދާޅުވެފައިވެ އެވެ.

ގޭޓްސް ބަޔާންކުރެއްވި ގޮތުގައި އެޕްސްޓީން އޭނާއަށް ސީދާ ބްލެކްމެއިލްގެ މެސެޖެއް ފޮނުވާފައެއް ނުވެއެވެ. ނަމަވެސް އެޕްސްޓީން ޑްރާފްޓް ކޮށްފައިވާ އީމެއިލްތަކުން ފެންނަނީ، އޭނާ ނުވަތަ އެހެން މީހަކު މެދުވެރިކޮށް ގޭޓްސް ބްލެކްމެއިލް ކުރާނެ ގޮތުގެ "ރިހާސަލް" އެއް ހަދަމުންދިޔަ ތަން ކަމަށާއި، އެކަމަކު އެއިން އެއްވެސް މެސެޖެއް އޭނާއަށް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ގޭޓްސް ވަނީ އެޕްސްޓީންއާ ގުޅުން ބޭއްވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ރަޝިޔާގެ ދެ އަންހެނަކާ އެކު ކައިވެނިން ބޭރުގެ ގުޅުންތަކެއް ބޭއްވި ކަމަށް އިތުރިރާފުވި ނަމަވެސް، އެޕްސްޓީންގެ ނާޖާއިޒު އަމަލުތަކުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެރިވެފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ގޭޓްސް ވިދާޅުވާ ގޮތުގައި އެޕްސްޓީންއާ އެކު ގުޅުން ފެށުނީ 2011 ގަ އެވެ. އެއީ ކުޑަކުދިންނާ ގުޅުންހުރި ޖިންސީ މައްސަލައެއްގައި 2008 ވަނަ އަހަރު އެޕްސްޓީން ކުށަށް އިއުތިރާފްވިތާ ތިން އަހަރު ފަހުންނެވެ. އެޕްސްޓީންގެ ގާނޫނީ މައްސަލަތައް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ދުނިޔޭގެ ސިއްހަތާ ގުޅުންހުރި ކަންކަމަށް ބިލިއަނުން ފައިސާ ހޯދައިދެވޭނެ ފަދަ މީހެއްގެ ގޮތުގައި އެޕްސްޓީން ތައާރަފްވެފައިވާތީ ގުޅުން ބޭއްވުނީ ކަމަށް ގޭޓްސް ވިދާޅުވި އެވެ.

"އަހަންނަށް އެނގޭ އެއީ ޖިންސީ ކަމަކާ ގުޅުންހުރި ކުށެއްކަން، އެކަމަކު އޭގެ ތަފްސީލުތަކަށް އަހަރެން ނުބަލަން. ބެލުނު ނަމަ މާ ރަނގަޅުވީސް،" ގޭޓްސް ވިދާޅުވި އެވެ.

އެޕްސްޓީންގެ މައްސަލައިގެ ލިޔެކިޔުންތަކުގައި މީހެއްގެ ނަން އޮތުމަކީ އެމީހަކު ކުށެއް ކުރިކަމުގެ ހެއްކެއް ނޫނެވެ. ނަމަވެސް، މި ލިޔުންތަކުން ހާމަވަނީ އެޕްސްޓީން، މަޝްހޫރު މީހުންނާ އެކު ބޭއްވި ގާތް ގުޅުންތަކެވެ.