ނޭޕާލުގައި ހަލުވިކަމާ އެކު ދޫނިރޯގާ ފެތުރެމުން ދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި 596,000 އަށްވުރެ ގިނަ ކުކުޅާއި އެކި ބާވާތުގެ ދޫނި ނައްތާލައި، އެ ގައުމުގައި ހުރި ހަމައެކަނި ޒޫ ބަންދުކޮށްފި އެވެ. 

ހިމާލަޔަން ސަރަހައްދަށް ނިސްބަތްވާ މި ގައުމުގައި މީގެ ކުރިން ވެސް ދޫނިރޯގާ ފެތުރިފައި ވާއިރު، މި އަހަރުގެ ފުރަތަމަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާޗް 18 ގަ އެވެ.

އޭގެ ފަހުން، ސަރުކާރުގެ ލައިވްސްޓޮކް އޮފިޝަލުންގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ކުކުޅާއި އޮޅު ދޫނިތައް މަރާލާފައިވާއިރު، އެއް މިލިއަނަށްވުރެ ގިނަ ކުކުޅުބިސްވެ ސް ވަނީ ނައްތާލައިފަ އެވެ.

ޑިޕާޓްމަންޓް އޮފް ލައިވްސްޓޮކް ސާވިސަސްގެ ޑިރެކްޓަ ޖެނެރަލް އުމޭޝް ދަހާލް ވިދާޅުވީ، 11 ޑިސްޓްރިކްޓަކުން މި ބަލީގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ކަތަމަންޑޫ ވެލީގެ ތިން ޑިސްޓްރިކްޓް ވެސް ހިމެނެ އެވެ.

ދަހާލް ވިދާޅުވި ގޮތުގައި މި ބަލި އެހާ ބޮޑަށް ފެތުރެނީ ކާޅުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

"އަޅުގަނޑުމެން މިކަމާ ވަރަށް ކަންބޮޑުވޭ. ސަބަބަކީ ބަލި ޖެހިގެން ކާޅުތައް މަރުވަމުންދާތީ،" ދަހާލް ވިދާޅުވި އެވެ. "ކާޅަކީ ޖަންގަލީގައި އުޅޭ އެއްޗަކަށް ވުމުން، އެ އެއްޗެހީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަކީ އިންތިހާއަށް އުނދަގޫ ކަމެއް."

ނޭޕާލުން އެންމެ ފުރަތަމަ ދޫނިރޯގާ ފެނުނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މި ބަލި ފަތުރާ 'އެޗް5' ވައިރަހަކީ މުޅި ދުނިޔޭގައި ވެސް ދޫންޏަށް އެންމެ ފަސޭހައިން ޖެހޭ އަދި ގިނަ އަދަދެއްގެ ދޫނި މަރުވާން މެދުވެރިވާ ވައިރަހެވެ. ނަމަވެސް ނޭޕާލުން އަދި މިހާތަނަށް މި ބަލީގައި އެއްވެސް މީހަކު މަރުވިކަމެއް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ވެރިރަށް ކަތަމަންޑޫގައި ހުންނަ ޒޫ، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ބަންދުކުރީ ޖޫން މަހުގެ ކުރީކޮޅު ވަނީ ބަންދުކޮށްފަ އެވެ.

"ގިނަ އަދަދެއްގެ ދޫނިތަކާއި ޖަނަވާރުތަކަށް ވަނީ ބަލި ޖެހިފައި،" ޒުލުގެ ތަރުޖަމާނު ގަނޭޝް ކޮއިރާލާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"ވައިރަސް ކޮންޓްރޯލް ކުރެވެންދެން، ވަކި މުއްދަތެއް ނެތްގޮތަށް ޒޫ ވަނީ ބަންދުކޮށްފައި."