ފާއިތުވި ފަންސާހަކަށް އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ކާރިސާ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތަޖުރިބާކުރަން ޖެހުމާ އެކު، ތެޔޮ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަމުންދާ ކަމަށް އިންޑިއާގެ އޮއިލް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަދި  ކައްކާ ގޭސް (އެލްޕީޖީ) ދެވަނައަށް އެންމެ ގިނައިންބޭނުންކުރާ އިންޑިއާއަށް، އެމެރިކާ އާއި އީރާންގެ ހަނގުރާމައާ ހެދި ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ.

ނަމަވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމެއް ގާއިމުވުމުން، ގަލްފް ސަރަހައްދުން އަލުން ތެލާއި ގޭސް އުފުލަން ފަށާފައިވާތީ، އިންޑިއާގައި ތެލުގެ އަގަށް އައި ބަދަލުތަކާއި ކޮންޓްރޯލްތައް މިހާރު ދަނީ އުވާލަމުންނެވެ.

ނަމަވެސް، ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ކާރިސާގެ ސަބަބުން އިންޑިއާގެ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އާ ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

އަމްރިތްސަރުގެ ގޯލްޑަން ޓެމްޕަލްއަށް މޭ 15، 2023 ގައި ކުރެއްވި ޒިޔާރަތެއްގައި އިންޑިއާގެ މިނިސްޓަރު އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް އެންޑް ހައުސިންގް އެންޑް އާބަން އެފެއާޒް، ހަރްދީޕް ސިންގް ޕޫރީ (މެދުގައި)
އަމްރިތްސަރުގެ ގޯލްޑަން ޓެމްޕަލްއަށް މޭ 15، 2023 ގައި ކުރެއްވި ޒިޔާރަތެއްގައި އިންޑިއާގެ މިނިސްޓަރު އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް އެންޑް ހައުސިންގް އެންޑް އާބަން އެފެއާޒް، ހަރްދީޕް ސިންގް ޕޫރީ (މެދުގައި)

"އަޅުގަނޑުމެން މިހާރު މިދަނީ ތެޔޮ ހުރިތޯ ނުބަލައި އޮތް ގާތްގަނޑަކަށް 250,000 އަކަކިލޯމީޓަރު (96,500 އަކަމޭލު) ގެ ސަރަހައްދެއް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން،" ޕޫރީ ވިދާޅުވި އެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ މަދުން ތެޔޮ އުފައްދާ ގައުމެކެވެ. އޮއިލް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025-2026 ގައި އިންޑިއާއަށް އުފެއްދިފައިވަނީ 25.98 މިލިއަން މެޓްރިކް ޓަނުގެ ސާފުނުކުރާ ތެލެވެ. މިއީ އެގައުމަށް ބޭނުންވާ ތެލުގެ އެންމެ 10 ޕަސެންޓް (ދުވާލަކަށް ގާތްގަނޑަކަށް 522,000 ފީފާ) އެވެ. މިއީ 2011 ވަނަ އަހަރު އިންޑިއާއިން ދުވާލަކު 900,000 އަށްވުރެ ގިނަ ފީފާ ތެޔޮ އުފައްދައިގެން ހޯދި ރެކޯޑަށްވުރެ މާ ދަށް އަދަދެކެވެ.

މި ކާރިސާގެ ތެރޭގައި އިންޑިއާ ސަލާމަތްވީ ތެޔޮ ގަންނަ ގައުމުތަކުގެ އަދަދު 27 އިން 41 އަށް އިތުރުކޮށްގެންނެވެ. އޭގެ ތެރޭގައި އީރާނާއި، ވެނެޒުއޭލާގެ އިތުރުން ރަޝިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުން ގަންނަ ތެލުގެ އަދަދު އިތުރުކުރުން ހިމެނެ އެވެ. ރަޝިއާއިން ތެޔޮ ގަންނަމުންދާތީ އެމެރިކާ އާއި ޔޫރަޕުން އިންޑިއާއަށް ފާޑުކިޔާފައިވެ އެވެ. ނަމަވެސް ޕޫރީ ވިދާޅުވީ އިންޑިއާއިން ގެންގުޅެނީ ވަކި ފިކުރަކަށް ބެލުމުގެ ބަދަލުގައި، ގައުމުގެ ހަކަތައިގެ ބޭނުންތަކަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.

'ހަކަތައިގެ ބޮޑު ކަނޑެއް'

އިންޑިއާގައި މިހާރު ތެޔޮ އުފައްދަނީ މައިގަނޑު ގޮތެއްގައި ހުޅަނގު ސަރަހައްދުތައް ކަމަށްވާ މުމްބާއީ އޮފްޝޯ، ރާޖަސްތާން، ގުޖުރާތު އަދި އިރުއުތުރުގެ އަސާމްގަ އެވެ.

ނަމަވެސް، ތައިލޭންޑާއި އިންޑޮނީޝިއާ ކައިރީގައި އޮންނަ، ތިމާވެށީގެ ގޮތުން ނާޒުކު ރަށްތަކެއް ހިމެނޭ އަންޑަމަން އެންޑް ނިކޯބާާ ސަރަހައްދުން "ހަކަތައިގެ ބޮޑު ކަނޑެއް" ފެންނަން އެބައޮތް ކަމަށް ޕޫރީ ވިދާޅުވި އެވެ. ޖިއޮލޮޖިކަލް ގޮތުން ބަލާއިރު މި ސަރަހައްދަކީ ދެކުނު އިރުމަތީ އޭޝިއާގެ ތެޔޮ ފެންނަ ސަރަހައްދުތަކާ އެއްގޮތް ސަރަހައްދެކެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރަތު ޕެޓްރޯލިއަމް (ބީޕީ) ގެ ތެޔޮ ވިއްކާ ތަނެއްގައި ފިއުން ނޮޒުލްތައް އަޅުވާލާފައި: އިންޑިއާގެ ތެލުގެ ޑިމާންޑް އަހަރުން އަހަރަށް ދަނީ މައްޗަށް. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރަތު ޕެޓްރޯލިއަމް (ބީޕީ) ގެ ތެޔޮ ވިއްކާ ތަނެއްގައި ފިއުން ނޮޒުލްތައް އަޅުވާލާފައި: އިންޑިއާގެ ތެލުގެ ޑިމާންޑް އަހަރުން އަހަރަށް ދަނީ މައްޗަށް. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ޖޫން މަހު ޕޫރީ ވަނީ ސަރުކާރުގެ 'އޮއިލް އިންޑިއާ' ކުންފުނިން އަންޑަމަން ކަނޑުގައި ކުރި ދިރާސާއެއްގައި ފެނުނު ވަޅަކުން ގޭސް އަންދަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. އިންޑިއާއިން މިހާރު ދަނީ ބީޕީ، ޝެލް، އެކްސަންމޮބިލް، ޓޯޓަލްއެނާޖީސް އަދި ޕެޓްރޯބްރާސް ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކާއެކު ފުން ކަނޑުތަކުގައި ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އަންޑަމަން ކަނޑުގައި އޮންނަ ގްރޭޓް ނިކޯބާ އައިލެންޑްގައި 9 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގުމަށް އިންޑިއާއިން އަންނަނީ ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި މެގަޕޯޓަކާއި، އެއާޕޯޓެއް އަދި ސިޓީއެއް ބިނާކުރުން ހިމެނެ އެވެ.

ކުރިމަގަށް ބޮޑު އުންމީދެއް

ތެޔޮ ހޯދުމުގެ މި މަސައްކަތަކީ ހަނގުރާމައިގެ ކުރިން ވެސް ފަށާފައިވާ މަސައްކަތެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު، މިނިވަން ދުވަހުގެ ތަގުރީރުގައި "ސަމުދުރަ މަންތަން" ކިޔާ މިޝަނެއް އިއުލާންކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކަނޑުގެ އަޑިން ތެލާއި ގޭސް ހޯދުމަށް ހާއްސަ މިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަން،" މޯދީ ވިދާޅުވި އެވެ.

ނަމަވެސް 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަށް މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި 2070 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް އަމާޒު ހިފާފައިވީ ނަމަވެސް، އެގައުމުގެ ހަކަތައަށް ބޭނުންވާ މިންވަރު ދަނީ ވަރަށް ހަލުވިކަމާ އެކު އިތުރުވަމުންނެވެ.

އިންޑިއާގެ ހަކަތަ ބޭނުންކުރާ މިންވަރު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ތިން ގުނަ އަވަހަށް ކުރިއަރަމުންދާ ކަމަށާއި، 2021 ގައި ދުވާލަކު 5 މިލިއަން ފީފާ ބޭނުންވި އިރު މިހާރު މި އަދަދު 5.6 މިލިއަނަށް އަރާފައިވާ ކަމަށް ޕޫރީ ވިދާޅުވި އެވެ. އަދި މި އަދަދު ވަރަށް އަވަހަށް 6 މިލިއަނަށް އަރާނެ އެވެ.

މިއީ ވަރަށް ގިނަ ވަގުތާއި ބޮޑު ހޭދައެއް ހިނގާނެ ކަމެއް ނަމަވެސް، ކުރިމަގާ މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިންޑިއާއިން މިހާރު ވަނީ ތެޔޮ ހޯދުމުގެ މި ބޮޑު މަޝްރޫއަށް 10 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. -- އޭއެފްޕީ