ތުރުކީގެ އަންކާރާގައި ނިމުނު ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ލީޑަރަކަށް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ފިސްތޯލައެއް ހަދިޔާ ކުރައްވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
އެނބުރި ގައުމަށް ވަޑައިގެންނެވި ފްލައިޓްގައި އިނގިރޭސި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓާމާ ވިދާޅުވީ، އެ ފިސްތޯލަތަކުގައި ކޮންމެ ލީޑަރެއްގެ ނަން ކަނޑައިނަގާފައިވާ ކަމަށާއި، އެއާ އެކު ވަޒަން ފޮށްޓެއް ވެސް ހިމެނޭ ކަމަށެވެ.
ސްޓާމާ ދެއްކެވި މި ވާހަކަތައް ރިޕޯޓްކޮށްފައިވަނީ ޕްރެސް އެސޯސިއޭޝަނުންނެވެ.
ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ކޮންޓްރޯލްތަކުން އެ ތަކެތި އިސްތިސްނާކޮށް އުރުދުޣާން ސިޓީއެއް ދެއްވި ކަމަށާއި ނަމަވެސް، އިނގިރޭސިވިލާތަށް އެފަދަ ތަކެތި އެތެރެކުރުމަކީ ގާނޫނާ ހިލާފު ކަމަކަށްވާތީ، އެ ހަދިޔާ ތުރުކީގައި ބާއްވަވަން ޖެހިވަޑައިގަތް ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ނޭޓޯގެ މި ސަމިޓަކީ، އިސްތިއުފާ ދެއްވާނެކަން މިދިޔަ މި މަހުގެ 22 ގައި އިއުލާން ކުރައްވާފައިވާ ސްޓާމާ ބައިވެރިވެވަޑައިގެންނެވި އެންމެ ފަހުގެ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެވެ.
ވެރިކަންކުރާ ލޭބާ ޕާޓީގެ ތެރެއިން އާ ބޮޑުވަޒީރަކު އިންތިހާބު ކުރެވެންދެން އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ. އެ މަގާމަށް އައުން އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވެނީ މެންޗެސްޓާގެ ކުރީގެ މޭޔަރު އެންޑީ ބާންހަމް އެވެ. --އޭއެފްޕީ