ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 99 ޕަސެންޓް މީހުންނަށް އެއްވަގުތެއްގައި އިރުގެ އަލި ލިބޭ ހާލަތު މި އަހަރު ވެސް ފެށިއްޖެ އެވެ.
މި ވަގުތު ދިމާވީ އިއްޔެ ޖީއެމްޓީން ހެނދުނު 11:10 ހާއިރު (ދިވެހިރާއްޖޭގަޑިން ހަވީރު 4:10) އެވެ. މި ވަގުތު ދުވާލުގެ ހަމަ އަލި، ފަތިހުގެ ނުވަތަ އިރުއޮއްސޭ ވަގުތުގެ ފަނޑު އަލިކަން (ޓްވައިލައިޓް) މުޅި ދުނިޔޭގެ 99 ޕަސެންޓް މީހުންނަށް ތަޖުރިބާކުރެވޭނެ އެވެ.
ދުނިޔެ އެނބުރޭއިރު ކުޑަ އަރިކަމެއް ހުރުމުގެ ސަބަބުންނާއި، ދުނިޔޭގެ އުތުރު ބިތަށް މިދުވަސްވަރު ދިމާވާ ހޫނު މޫސުމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 8.2 ބިލިއަން މީހުންނަށް އެއްވަގުތެއްގައި މި އަލިކަން ލިބޭނެ އެވެ. ގާތްގަނޑަކަށް އެއް މިނެޓަށް، ދުނިޔޭގައި އެންމެ މީހުން ގިނަ ހުރިހާ ސަރަހައްދެއް އޮންނާނީ އިރުގެ އަލީގެ ދަށުގަ އެވެ. އަދި ރޭގަނޑުގެ އަނދިރިކަން އޮންނާނީ ދުނިޔޭގެ ވަރަށް ކުޑަ ބަޔަކަށެވެ.
މި ވަގުތުކޮޅުގައި ދުވާލުގެ އަލިކަން އޮންނާނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، ޔޫރަޕް، އެފްރިކާ އަދި އޭޝިއާގެ ބޮޑު ބަޔަކަށެވެ. މިއީ ދުނިޔޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. އަދި އަނދިރިކަމުގެ ތެރޭގައި އޮތީ އޮސްޓްރޭލިއާ، ނިއުޒީލޭންޑް، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކާއި، އެންޓާކްޓިކާގެ އިތުރުން އެ ސަރަހައްދުތަކުގެ ވަށައިގެންވާ ކަނޑުތަކެވެ.
މިއީ ކޮންމެ އަހަރަކު ވެސް މެއި 18 އިން ޖުލައި 17 އާ ދެމެދު ގާތްގަނޑަކަށް 60 ދުވަސް ވަންދެން، ކޮންމެ ދުވަހަކު ވެސް އަންނަ ވަގުތުކޮޅެކެވެ.
މިކަން އާންމުންގެ ސަމާލުކަމަށް ބޮޑަށް އައީ 2022 ވަނަ އަހަރު ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި މިއީ ހަމަ އެކަނި ޖުލައި 8 ވަނަ ދުވަހު ދިމާވާ ގޮތެއް ކަމަށް ބުނެފައިވެ އެވެ.
މި ވަގުތު ދުވާލުގެ ފުރިހަމަ އަލި 6.9 ބިލިއަން މީހުން (83 ޕަސެންޓް) މީހުންނަށް ލިބޭނެ އެވެ. އަދި ފަނޑު އަލިކަން (ސިވިލް ޓްވައިލައިޓް) 581 މިލިއަން މީހުން ނުވަތަ 7 ޕަސެންޓްް މީހުންނަށް ލިބޭނެ އެވެ. މިއީ ބޭރުގައި އުޅޭއިރު އިތުރު އަލިކަމެއް ބޭނުން ނުވާ ވަރުގެ އަލިކަމެވެ.
މަޑު އަލިކަން (ނޯޓިކަލް އެންޑް އެސްޓްރޮނޮމިކަލް ޓްވައިލައިޓް) ގާތްގަނޑަކަށް 747 މިލިއަން މީހުން ނުވަތަ 9 ޕަސެންޓް މީހުންނަށް ލިބޭނެ އެވެ. މިއީ ތަންދޮރު ވަކިވާ ވަރުވިޔަސް އިތުރު އަލިކަމާ ނުލައި ބޭރުގައި އުޅެން ދަތި މިންވަރު.
ފުރިހަމަ ރޭގަނޑު ނުވަތަ ކަނު އަނދިރިކަން އެ ވަގުތު އޮންނާނީ 83 މިލިއަން މީހުން (1 ޕަސެންޓް) އަށެވެ.