ޖަޕާނުގެ ޓޯކިޔޯ ކައިރީގައި އޮންނަ ސިޓީއެއްގައި، އަންހެނަކު އޭނާއާ އެކު އެއްގެއެއްގައި ދިރިއުޅޭ އެހެން އަންހެނެއްގެ ތުންފަތް ފަހައި ބަންދުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
އަނިޔާ ލިބުނު، 42 އަހަރުގެ މީހާ ސަލާމަތްވީ ކޮގާ ސިޓީގައި ހުރި އެ ގެއިން ފިލައިގެން ގޮސް ކައިރީގައި ހުރި ފިހާރައަކަށް ވަދެ، "އަހަންނަށް އެހީވެދީ" ލިޔެފައިވާ ކަރުދާސްގަނޑެއް ދަައްކައިގެން ކަމަށް އެ ސަރަހައްދުގެ ސީނިއާ ފުލުސް އޮފިޝަލެއް ކަމަށްވާ މަކޮޓޯ ހިޔާމާ އޭއެފްޕީ އަށް ވިދާޅުވި އެވެ.
މި އަނިޔާ ދިން ކަމުގެ ތުހުމަތުގައި، ޖަޕާނުގެ އިރުމަތީ އިބަރާކީ ޕްރިފެކްޗާ (ކޮގާ ސިޓީ އޮންނަ ސަރަހައްދު) ގެ ފުލުހުން ވަނީ، އުމުރުން 49 އަހަރުގެ މަސައޭ ސަކުރާއީ ހައްޔަރުކޮށްފަ އެވެ.
ޕްރިފެކްޗަރަލް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޖޫން 29 ގައި މި ހާދިސާ ހިނގިއިރު ސަކުރާއީ އުޅެމުންދިޔައީ އަނިޔާ ލިބުނު މީހާއާ އެކު އެއް ގެއެއްގަ އެވެ. އަދި ސަކުރާއީ ވަނީ އަނެއް މީހާގެ ތުންފަތް ރޮދި ބޭނުންކޮށްގެން ފަހާފައި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހު އެވެ.
ފުލުހުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، އެ ގޭގައި އިތުރު މީހަކު ވެސް ދިރިއުޅެމުންދިޔަ ކަމަށް ލިބިފައިވާ ކަށަވަރުނުވާ މައުލޫމާތުތައް ވެސް ބަލަމުންދާ ކަމަށް ހިޔާމާ ބުންޏެވެ.
ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނިޔާ ލިބުނު އަންހެން މީހާ ވަނީ މައްސަލައަކާ ހުރެ، އެ މީހާ ރުޅިއައިސްގެން ތުންފަތް ފެހީ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދީފަ އެވެ. -- އޭއެފްޕީ