ގްރީސް އިން ފުރައިގެން ޖަރުމަނަށް ދަތުރުކުރި "ރަޔަންއެއާ" ގެ ފްލައިޓެއްގެ ކުޑަދޮރެއް ވައިގެ ތެރޭގައި ނެއްޓި، ބޭރަށް ދަމައިގަތް ފަސިންޖަރަކު އެހެން ފަސިންޖަރުންގެ އެހީތެރިކަމާ އެކު ސަލާމަތްކޮށްފި އެވެ.
މި ހާދިސާގައި ހަނި ގޮތަކަށް ސަލާމަތްވީ ސާބިއާއަށް ނިސްބަތްވާ ޓޫރިސްޓެކެވެ. އޭނާގެ ހަށިގަނޑުން ބައެއް ތަންތަން ފިހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
"އަހަރެމެންގެ ތެރެއިން ގިނަ މީހުން ތިބީ ނިދާފައި. ކުއްލިއަކަށް ފުރޮޅެއް ގޮވި ކަހަލަ ބާރު އަޑެއް އިވުނު،" އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކު ރޭޑިއޯ ތެސަލޮނިކީއަށް ކިޔައިދިނެވެ.
"އެއާއެކު ބޯޓުގެ ޕްރެޝަރު ދަށްވިކަން (ޑިކޮމްޕްރެޝަން) އަހަރެމެންނަށް އެނގުނު. މީހުން ހަޅޭއްލަވަން ފެށި. ފުރަތަމަ ހީވީ މީހަކަށް އޮޅިގެން އިމަޖެންސީ ދޮރެއް ހުޅުވުނީ ކަމަށް،" އޭނާ ބުންޏެވެ.
"އޮކްސިޖަން މާސްކުތައް ތިރިވި. އަދި ގަދަ ވަހެއް ދުވި. އެއް ފަސިންޖަރެއްގެ ބޮލާއި ކޮނޑާ ހިސާބު އޮތީ ކުޑަދޮރުން ބޭރަށް ނުކުމެފައި. ނަސީބަކުން އޭނާ އިނީ ސީޓްބެލްޓް ނައްޓާލައިގެންނެއް ނޫން،" އެ ސަރަހައްދުގައި ތިބި އެހެން ފަސިންޖަރުން އޭނާ އެތެރެއަށް ދަމައި ގެންނަން އެހީތެރިވި ކަމަށް ވެސް އޭނާ ބުންޏެވެ.
ގްރީސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ނޯތު މެސެޑޯނިއާގެ މަތިން ބޯޓު ދަތުރުކުރަނިކޮށެވެ. އަދި ކުޑަދޮރު ތަޅައިގެން ދިޔައީ ބޯޓުގެ އިންޖީނުން ނެއްޓުނު ބައެއް ބޯޓުގެ ބޭރުގައި ޖެހިގެން ކަމަށް ބެލެވެ އެވެ.
ރަޔަންއެއާއިން ނެރުނު ބަޔާނެއްގައި ބުނީ، ފްލައިޓް ނައްޓާލިތާ މާގިނައިރެއް ނުވަނީސް ކުޑަދޮރެއް ނެއްޓުމުގެ ސަބަބުން ބޯޓު އަނބުރާ ތެސަލޮނިކީއަށް ޖައްސާފައިވާ ކަމަށެވެ. ބޯޓު އާދައިގެ މަތިން ރަންވޭއަށް ޖެއްސުމާ އެކު ފަސިންޖަރުން ވަނީ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. އަދި ބާކީ ތިބި ފަސިންޖަރުން ޖަރުމަނަށް ގެންދިއުމަށް އެހެން ބޯޓެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.