މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް ބަންގްލަދޭޝްގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާއި، ވަޅިން ހަމަލާދިނުމާއި އެކި އެކްސިޑެންޓްތަކުގައި މަދުވެގެން 12 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަންގްލާދޭޝްގައި އާދަޔާ ހިލާފަށް ބޮޑު ސަޕޯޓެއް އޮންނަ ބްރެޒިލް އަދި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ނުރައްކާތެރި ހާދިސާތައް ހިނގައިފަ އެވެ. 

ފުލުހުންނާއި މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޗުތަކުގެ ނަތީޖާއާ ގުޅިގެން ޓީމުތަކަށް މަލާމާތްކުރުމުގެ ސަބަބުން ހިނގި ޒުވާބުތަކުގައި ބައެއް މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހު ހިނގި މާރާމާރީއެއްގައި 38 އަހަރުގެ ފިރިހެނަކު ތަޅާ މަރާލުން ހިމެނެއެވެ.

މިފަދަ އަނިޔާވެރި އަމަލުތަކުގެ އިތުރުން ޓީމުތަކުގެ ބޮޑެތި ދިދަތައް ހަރުކުރަން އުޅުމުގެ ތެރޭގައި، ހައި-ވޯލްޓޭޖް ކަރަންޓުލައިނުތަކުގައި ޖެހިގެން ތިން ޒުވާނަކު ވަނީ މަރުވެފައެވެ. އަދި އުފާފާޅުކުރުމުގެ ތެރޭގައި ބޭއްވި ވެހިކަލްބުރުތަކުގައި ހިނގި އެކްސިޑެންޓްތަކުގައި ވެސް ވަނީ މީހުން މަރުވެފަ އެވެ. 

މި ހަމަނުޖެހުންތަކާ ގުޅިގެން ޑާކާ މެޓްރޯޕޮލިޓަން ފުލުހުން ވަނީ ބޮޑު ސްކްރީންތަކުގައި މެޗު ދައްކާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. އަދި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު އަމީނުލް ހައްގު ވަނީ ވޯލްޑް ކަޕަކީ ހަމައެކަނި އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށާއި، މިފަދަ ލޭއޮހޮރުވުންތައް ހުއްޓާލުމަށް ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފަ އެވެ.

ޑާކާގެ އަދާބަރު ސަރަހައްދުގައި ބްރެޒިލް މޮޅުވުމުން އުފާފާޅުކުރި ޒުވާނުންތަކެއްގެ މެދުގައި ހިނގި ޒުވާބެއް ހުއްޓުވަން އުޅުނު، ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅެއް ކަމަށްވާ އަބުލް ބަޝާރު ބާދްޝާ ވެސް ވަނީ މަރާލައިފަ އެވެ. ފުލުހުން ވަނީ އެ މައްސަލާގައި 10 މީހަކު ހައްޔަރުކޮށްފައެވެ. އާޖެންޓީނާ އާއި މިސްރުގެ މެޗުގައި މެސީގެ ޕެނަލްޓީ ނާކާމިޔާބުވުމުން ހިނގި ޒުވާބެއްގައި ޒުވާނެއްގެ ގައިގައި ތަޅައި މަރާލި މައްސަލައަކާ ގުޅިގެން ވެސް ފުލުހުން ދަނީ ބަޔަކު ހޯދަން ރެއިޑްތައް ހިންގަމުންނެވެ.  

މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް މިފަދަ ސަބަބުތަކާ ހުރެ ބަންގްލަދޭޝްއިން 23 މީހުން މަރުވެފައިވާކަން ރެކޯޑްތަކުން ދައްކަ އެވެ.