އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ހިނގައްޖެ ނަމަ، އޭނާ ހައްޔަރުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އެ ސިޓީގެ ގާނޫނީ އިދާރާތަކާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނަތަންޔާހޫ އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ ހުންނަވަން ޖެހޭނީ ދަ ހޭގް (ބައިނަލްއަގުވާމީ ކޯޓު) ގައި،" މަމްދާނީ ވިދާޅުވި އެވެ. "އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. އަދި މިއީ ފާއިތުވި އަހަރުތަކުގައި އޭނާ ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތް."

މޭޔަރުކަމުގެ ކެމްޕޭނުގެ ތެރޭގައި ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރެއްވި މަމްދާނީ ވަނީ ނަތަންޔާހޫ ނިއު ޔޯކަށް އަތުވެއްޖެ ނަމަ ހައްޔަރުކުރާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ ބައެއް ފަރާތްތަކުން އޭރު ސުވާލު އުފެއްދި އެވެ.

މަމްދާނީ ވިދާޅުވީ ނަތަންޔާހޫ ހައްޔަރުކުރުމުގެ ބާރު ނިއު ޔޯކް ސިޓީއަށް ލިބިގެންވޭތޯ ބެލުމަށް ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ނިއު ޔޯކް ސިޓީގައި ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން އަމަލުކުރާނަން. ނަމަވެސް އެކަމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށް ގާނޫނެއް ނުހަދާނަން،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ނަތަންޔާހޫއާ ސުވާލުކުރުމުން އޭނާ ބުނީ މަމްދާނީ ސިއްރިއްޔާތުގައި "އެމެރިކާ ދެކެ ރުޅިއަންނަ" ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އދ. ގައި ހުންނަ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވަނީ، ހައްޔަރުކުރާނެ ކަމުގެ އިންޒާރުތައް ދިން ނަމަވެސް، ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހަށް ނަތަންޔާހޫ ނިއު ޔޯކަށް ދާނެ ކަމަށެވެ.

މަމްދާނީ މޭޔަރުކަމަށް އިންތިހާބުވުމާއި، ނަތަންޔާހޫ ޒިންމާދާރުކުރުވަން ގޮވާލާ ގޮވާލުންތަކުން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ މެދުގައި އިޒްރޭލަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަވެ އެވެ. ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން އިޒްރޭލަށް ދޭ އެހީއާ ޑިމޮކްރެޓުންގެ ތިންބައިކުޅަ ދެބައި މީހުން ދެކޮޅެވެ.