ވޮޝިންޓަން (އެޕްރީލް 17) - އެންމެ ދަހު ވަގުތު އެއާލައިނުގެ ސްޓާފުންނަށް ޖާގަ ދޭ ސިޔާސަތު އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އިން ބަދަލުކޮށްފި އެވެ.

އެ އެއާލައިނުން މި ބަދަލު ގެނައީ އޯވަބުކްވެފައިވާ ފްލައިޓަކުން އެންމެ ފަހު ވަގުތު އެއާލައިނުގެ ހަތަރު ސްޓާފަކަށް ޖާގަ ދޭން ވެގެން ޕަސިންޖަރަކު އާދިއްތަ ދުވަހު ގަދަކަމުން ބާލަން ޖެހުނު ހާދިސާ އަށް ފަހު އެވެ. ޝިކާގޯ އިން ކެންޓަކީ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ފްލައިޓުން ފައިބަން އެންގި މީހުންގެ ތެރޭގައި ހިމެނޭ އޭޝިއާ ދަރިކޮޅުގެ ޑޮކްޓަރަކު ދެކޮޅު ހެދީ ޖެހިގެން އަންނަ ދުވަހު ބަލި މީހުން ބަލަން ހޮސްޕިޓަލަށް ނުކުންނަން ޖެހޭތީ އެވެ. އެކަމަކު ސެކިއުރިޓީ އޮފިސަރުން ބޯޓަށް އަރާ އޭނާ ގަދަމުން ގޮނޑިން ނަގާ ދަމާފައި ބޯޓުން ބޭލުމުން ވަނީ ވަރަށް އަނިޔާވެފަ އެވެ. ދެ ދަތާއި ނޭފަތުން ކަށިގަނޑެއް ވަނީ ބިނދިފަ އެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމު ކުރުމުން އެއާލައިނަށް ވަނީ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ.

ޔުނައިޓެޑް އެއާލައިންސް އިން ބުނީ އެ އެއާލައިނުގެ ސްޓާފުންނަށް ވެސް މީގެ ފަހުން ޖާގަ ދޭނީ ބޯޓު ފުރުމުގެ އެއް ގަޑިއިރު ކުރިން ކަމަށެވެ. އަދި މިއީ ކަސްޓަމާ ސާވިސް ރަނގަޅު ކުރަން އަޅާ ފިޔަވަޅެއް ކަމަށް ވެސް ބުނެފއިވެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ދަތުރު ކުރަން ހަމަޖެހުނު ޔުނައިޓެޑު އެއާލައިންސްގެ ފްލައިޓް 3411 ގެ ހުރިހާ ޕަސިންޖަރުންނަށް ޓިކެޓް ރިފަންޑް ދޭން އެއާލައިނުން ވަނީ ނިންމައިފަ އެވެ.