އިނގިރޭސި ޓްރިޕް-ހޮޕް ބޭންޑް "މެސިވް އެޓޭކް" ކޮންސަޓެއްގެ ތެރޭގައި އެ ބޭންޑުގެ ދެ މެންބަރަކު ފަލަސްތީނުގެ ދިދައެއް ދެއްކި މައްސަލައެއް ބެލުމަށް ފަހު، އެ ބޭންޑަށް ސިންގަޕޫރުގައި ޝޯ ދިނުން މަނާކޮށްފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ބުދަ ދުވަހު ބޭއްވި ކޮންސަޓެއްގައި ސްޓޭޖް މަތީގައި ދިދަ ހިފަހައްޓައިގެން ތިބި ބޭންޑުގެ ދެ މެންބަރުންގެ ނަން ހާމަނުކޮށް، ފުލުހުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން އަލުން ސިންގަޕޫރަށް އެތެރެވުން މަނާކޮށް، އެ މީހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

އާންމުކޮށް ވާހަކަދެއްކުމާއި އެއްވެއުޅުމުގެ ހައްގުތަކާ މެދު ހަރުކަށި ގާނޫނުތަކެއް އޮންނަ ސިންގަޕޫރުގައި، ހުއްދައެއް ނެތި ބޭރު ގައުމުތަކުގެ ދިދަ އާއި، ގައުމީ ރަމްޒުތައް ނުވަތަ ބެނާތައް އާންމުކޮށް ދެއްކުމަކީ މަނާކަމެކެވެ.

އޮންލައިންކޮށް އާންމުވެފައިވާ ވީޑިއޯއަކުން މެސިވް އެޓޭކްގެ ދެ މެންބަރަކު ސްޓޭޖް މަތީގައި ފަލަސްތީނުގެ ދިދައެއް ހިފައިގެން ތިބިރު، ބެލުންތެރިންގެ ތަރުހީބު ދެމުން ދިޔަ އެވެ. އެ ވީޑިއޯތައް އާންމުވުމާ އެކު ފުލުހުން ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.

ތަހުގީގު ނިންމައި ދައުލަތުގެ ޕްރޮސެކިއުޓަރުންނާ މަޝްވަރާކުރުމަށް ފަހު ފުލުހުން ބުނީ އެ ދެ މީހުންނަށް "ހަރުކަށި އިންޒާރު" ދީ، އެ ގައުމަށް އެނބުރި އައުން މަނާކޮށްފައިވާ ކަމަށެވެ.

މީޑިއާ ރެގިއުލޭޓަރުން ވެސް ދަނީ ލައިސަންސްގެ ޝަރުތުތަކާ ހިލާފުވެފައިވާކަމަށް ބެލެވޭ މައްސަލަތައް ތަހުގީގުކުރަމުންނެވެ.

"އިވެންޓް އިންތިޒާމުކުރި ފަރާތުން ލައިސަންސްގެ ޝަރުތުތަކަށް ކުރިން އެއްބަސްވެފައިވީ ނަމަވެސް، ޝޯގެ ތެރޭގައި ބޭންޑުގެ ދެ މެންބަރަކު ވަނީ ސްޓޭޖް މަތީގައި ބޭރު ގައުމެއްގެ ދިދަ ގެންގުޅެފައި، އޭގެ ތެރެއިން އެކަކު 'ފްރީ ފަލަސްތީން' އޭ ގޮވާފައި،" ފުލުހުން ބުންޏެވެ.

އަދި އެ ދެ މީހުން ސިންގަޕޫރަށް އެތެރެވުން މަނާކޮށްފައިވާތީ، ކުރިއަށްއޮތް ތަނުގައި އެ ބޭންޑުން ސިންގަޕޫރުގައި ޝޯ ދިނުމަށް މީޑިއާ ރެގިއުލޭޓަރުން ހުށަހަޅާ އެއްވެސް ހުއްދައެއް ނުދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮންސަޓް އިންތިޒާމުކުރި ފަރާތުން އޭއެފްޕީގެ ސުވާލުތަކަށް އަދި ވަކި ޖަވާބެއް ނުދެ އެވެ.

މި ބޭންޑަކީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ޖަރީމާތަކާ ދެކޮޅުހަދައި، ފަލަސްތީނުގެ ހައްގުގައި، އެ މީހުންގެ މަގުބޫލުކަން ބޭނުންކުރަމުންދާ ބޭންޑެކެވެ.

އިނގިރޭސި ސަރުކާރުން މަނާކޮށްފައިވާ އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ "ޕެލެސްޓައިން އެކްޝަން" އަށް ތާއީދުކޮށް މި އަހަރުގެ އެޕްރީލް މަހު ލަންޑަންގެ ޓްރަފަލްގާ ސްކުއެއާގައި ބޭއްވި މުޒާހަރާއެއްގައި ހައްޔަރުކުރި 200 އަށްވުރެ ގިނަ މީހުންގެ ތެރޭގައި އެ ބޭންޑުގެ ލީޑަރު ރޮބަޓް ޑެލް ނާޖާ ވެސް ހިމެނެ އެވެ.

ތަނަވަސް ސިންގަޕޫރަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ކޮންސަޓްތައް ބޭއްވުމުގެ މައި މަރުކަޒެއްގެ ގޮތުގައި އޮންނަ ގައުމެކެވެ. ޓޭލާ ސްވިފްޓް، ކޯލްޑްޕްލޭ، އެޑް ޝީރަން އަދި ބްރޫނޯ މާސް ފަދަ މަޝްހޫރު ފަންނާނުންގެ އެތައް ރޭތަކަކަށް ދެމިގެންދިޔަ ޝޯތައް އެ ގައުމުގައި ވަނީ ބާއްވައިފަ އެވެ.

ފުލުހުން ވަނީ ބޭރު ގައުމުތަކުގެ ސިޔާސީ ކަންކަން ސިންގަޕޫރަށް ނުގެނައުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީ އެކުވެރިކަމާއި ގާނޫނުގެ ހުކުމް ހިންގުމަށް ބުރޫއަރައިފާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. -- އޭއެފްޕީ