ގައިންގަޔަށް އަރާ ބަލިތައް މެނޭޖުކުރުމުގެ އިސް ޒިންމާ އެމެރިކާގައި ކުރިން އަދާކުރެއްވި އަދި ކޮވިޑްގެ ބަލިމަޑުކަން މެނޭޖްކުރެއްވި އެންތަނީ ފައުޗީ ކޮންގްރެސްއަށް ހާޒިރުކޮށް ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ނުދެއްވުމަކީ ކޮންގްރެސްގެ ހުރުމަތް ކެނޑުން ކަމަށް ސެނެޓުގެ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީއަކުން ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭ ހެދިފައިވާ ކަމަށް ބެލެވޭ ގޯސްތަކުގެ ޒިންމާ ފައުޗީގެ ބޮލުގައި އަޅުވައި އޭނާ ކުށްވެރިކުރުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީން ކުރަމުން އަންނަ މަސައްކަތުގައި އެޅި ބޮޑު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.  

މިދިޔަ ހަފްތާގައި ފައުޗީ ސެނެޓަށް ހާޒިރުކޮށް، ރިޕަބްލިކަން ސެނެޓަރުން ހަރުކަށިކަމާ އެކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ފައުޗީ އޭނާގެ ގާނޫނީ ވަކީލުންގެ ލަފަޔާ އެކު ނިންމެވީ އަމިއްލަ ނަފްސާ ދެކޮޅު ބަހެއް ބުނެވުމުން ރައްކާތެރިކަން ހޯދުމުގެ ގޮތުން، ގާނޫނުއަސާސީގެ ދަށުން، ހަނު ހުރުމުގެ ހައްގުގެ  ބޭނުން ހިފުމަށެވެ. 

ސެނެޓަރުން އޭނާއާ ސުވާލުކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަން އުފެދިގެން އައި ގޮތުގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެ، އެކަށީގެންވާ ހެކިނެތި ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުންނެވެ.

ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ހިލްގައި މިއަދު ބޭއްވި ސެނެޓް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރންމެންޓަލް އެފެއާޒްގެ ބިޒްނަސް ބައްދަލުވުމުގައި، އެޖެންޑާގައިވާ ކަންކަމާ މެދު މަޝްވަރާކުރެއްވުމުގެ ތެރެއިން، ކޮމިޓީގެ ރޭންކިންގް މެންބަރު، މިޗިގަންގެ ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ހިލްގައި މިއަދު ބޭއްވި ސެނެޓް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރންމެންޓަލް އެފެއާޒްގެ ބިޒްނަސް ބައްދަލުވުމުގައި، އެޖެންޑާގައިވާ ކަންކަމާ މެދު މަޝްވަރާކުރެއްވުމުގެ ތެރެއިން، ކޮމިޓީގެ ރޭންކިންގް މެންބަރު، މިޗިގަންގެ ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެންމެ އިސް ތަޖުރިބާކާރުގެ ގޮތުގައި އެމެރިކާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމުރުން 85 އަހަރުގެ، ދައުލަތުގެ ސައިންސްވެރިޔާގެ މައްޗަށް ދައުވާ ކުރުމަށް ކުރަމުންދާ އާދަޔާހިލާފު މަސައްކަތް، ޕާޓީ ފިކުރުގެ މި ވޯޓާ އެކު ވަނީ އިތުރަށް ކުރިއަށްޖެހިލައިފަ އެވެ.

މިކަން ފެށިގެން އައީ ރިޕަބްލިކަން ސެނެޓަރު ރޭންޑް ޕޯލް އިސްނެންގެވުމަކަށެވެ. އޭނާ ވަނީ މިހާރު ރިޓަޔަ ކުރައްވާފައިވާ ފައުޗީ ސެނެޓުގެ ހޯމްލޭންޑް ސެކިއުރިޓީ ކޮމިޓީއަށް ހާޒިރުވެ ހެކިބަސް ދެއްވުމަށް އަމުރު ނެރުއްވައިފަ އެވެ.

އަޑުއެހުން ބޭއްވުމުގެ ކުރިން، ރޭންޑް ޕޯލް ވަނީ އިމިއުނޮލޮޖިސްޓް ފައުޗީގެ އަމިއްލަ ޑައިރީގެ އެތައް ހާސް ސަފުހާއެއް އާންމުކުރައްވައިފަ އެވެ.

ފައުޗީ ވިދާޅުވި ގޮތުގައި، ރޭންޑް ޕޯލް މަސައްކަތް ކުރެއްވީ އޭނާ ދައްކަވާ ވާހަކައަކުން ކުށެއް ހޯދައި، ދޮގު ހެކި ދިނުމުގެ ތުހުމަތު ކުރެވޭނެ ފަދަ މަޅިއެއްގައި އޭނާ ޖެއްސޭތޯ އެވެ. އެހެންވެ، ފައުޗީ ނިންމެވީ ސުވާލުތަކަށް ޖަވާބުނުދީ ހަނުހުރުމަށް އެމެރިކާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުގެ ބޭނުންކުރެއްވުމަށެވެ.

އެ ކޮމިޓީގެ މުގައްރިރު ޕޯލް ވަނީ ކޮމިޓީގެ ނިންމުން ސީދާ ޖަސްޓިސް ޑިޕާޓްމަންޓަށް ފޮނުވުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މި މައްސަލަ އިތުރަށް ކުރިއަށްގެންދާނެތޯ ނިންމާނީ އެ މުއައްސަސާއިންނެވެ.

އާންމުގޮތެއްގައި، ކޮންގްރެސްގެ ހުރުމަތް ކަނޑާލިކަމަށް ކަނޑައަޅާ ގަރާރުތައް ސެނެޓުގެ ފުރިހަމަ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އެ މަރުހަލާ ދޫކޮށްލުމަކީ، ރައީސް ޓްރަމްޕްގެ ސަރުކާރުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް އަދަބުދިނުމަށް މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރަކަށް ވާނެ އެވެ.

ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ މި ވޯޓާ މެދު ނުރުހުން ފާޅުކުރައްވައިފަ އެވެ. ސެނެޓަރު ގޭރީ ޕީޓާސް ވަނީ ޕޯލް "އަވަސްއަރުވާލައިގެން ތަހުގީގެއް" ހިންގަވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވޯޓުގެ ސަބަބުން، ކުރިއަށްއޮތް ތަނުގައި ތަހުގީގުތައް ހިންގުމަށް ހުރަސްއެޅި، އެމެރިކާގެ ސެނެޓުން ބަލައިގެންފައިވާ ގާނޫނީ ރައްކާތެރިކަމަށް އޮތް އިހުތިރާމް ކެނޑިގެންދާނެ އެވެ. 

(ވ-ކ) ނިއު ހެމްޕްޝަޔާގެ ޑިމޮކްރެޓިކް ސެނެޓަރު މެގީ ހެސަން އަދި ކަނެކްޓިކަޓްގެ ޑިމޮކްރެޓިކް ސެނެޓަރު ރިޗާޑް ބްލޫމެންތާލް، ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ހިލްގައި މިއަދު އޮތް ސެނެޓް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަމެންމެންޓަލް އެފެއާޒްގެ ބިޒްނަސް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
(ވ-ކ) ނިއު ހެމްޕްޝަޔާގެ ޑިމޮކްރެޓިކް ސެނެޓަރު މެގީ ހެސަން އަދި ކަނެކްޓިކަޓްގެ ޑިމޮކްރެޓިކް ސެނެޓަރު ރިޗާޑް ބްލޫމެންތާލް، ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ހިލްގައި މިއަދު އޮތް ސެނެޓް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަމެންމެންޓަލް އެފެއާޒްގެ ބިޒްނަސް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

ފައުޗީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްސްގެ ވެރިޔާގެ މަގާމުގައި ހުންނެވިއިރު، އެމެރިކާގެ އެހީގައި ޗައިނާގައި ހިންގި "ގެއިން-އޮފް-ފަންކްޝަން" ރިސާޗުގެ ސަބަބުން ކޮވިޑް-19 ފެތުރެން މެދުވެރިވި ކަމަށް ޕޯލް ތުހުމަތުކުރައްވަ އެވެ. ސެނެޓަރު ޕޯލް ތަކުރާރުކޮށް ވިދާޅުވަނީ އެކަމާ ގުޅޭގޮތުން ފައުޗީ ކޮންގްރެސްއަށް އިތުރުފުޅު ހެއްދެވި ކަމަށެވެ. ނަމަވެސް ފައުޗީ ވަނީ އެ ތުހުމަތުތަކަށް އެތައް ފަހަރަކު އިންކާރު ކުރައްވައިފަ އެވެ.

ކޮވިޑް ފެތުރުނުތާ ހައެއްކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ލެބޯޓްރީއަކުން ލީކުވި އެއްޗެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސް އަދިވެސް ބޮޑެވެ. ލެބޯޓްރީއަކުން ލީކުވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެއްވި ނަމަވެސް، ފައުޗީ އަދިވެސް ގަބޫލުކުރައްވަނީ އެއީ ތަބީއީގޮތުން އުފެދުނު ވައިރަހެއް ކަމަށެވެ.

ޕޯލް މިހާރު ވިދާޅުވަނީ ގާނޫނުއަސާސީގެ  ދަށުން ލިބޭ، ހަނުހުރުމުގެ ރައްކާތެރިކަން ފައުޗީއަށް މިހާރު ނުލިބޭނެ ކަމަށެވެ. ސަބަބަކީ 2014 އިން ފެށިގެން ޖެނުއަރީ 19، 2025 ގެ ނިޔަލަށް ދައުލަތަށް ހިދުމަތް ކުރެއްވުމުގައި ހިންގާފައިވާ ކަންކަމަށް، ކުރީގެ ރައީސް ޖޯ ބައިޑަން ފައުޗީއަށް އެއްވެސް ޝަރުތެއް ނެތި މާފުދެއްވާފައި ވާތީ އެވެ.

(ފައިލް ފޮޓޯ) ވައިޓްހައުސްގެ ބްރީފިންގް ރޫމްގައި އެޕްރީލް 13، 2020 ގައި، ކޮވިޑް-19 ވައިރަހާ ގުޅޭގޮތުން، އޭރު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްސްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެންތަނީ ފައުޗީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
(ފައިލް ފޮޓޯ) ވައިޓްހައުސްގެ ބްރީފިންގް ރޫމްގައި އެޕްރީލް 13، 2020 ގައި، ކޮވިޑް-19 ވައިރަހާ ގުޅޭގޮތުން، އޭރު ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްސްގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އެންތަނީ ފައުޗީ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

ރިޕަބްލިކަން މެންބަރުން ބުނާ ގޮތުގައި އެ މާފުދިނުމުގެ ސަބަބުން، ދޮގު ހެކިދިނުމުގެ ކުށުން އޭނާއަށް އޮތީ މީގެ ކުރިން ވެސް ރައްކާތެރިކަން ލިބިފަ އެވެ.

ނަމަވެސް، ރައީސް ދެއްވާ މާފުގެ ބާރާއި ގާނޫނުއަސާސީގެ 5 ވަނަ އިސްލާހު (ހަނު ހުރުމުގެ ހައްގުގެ) އިމާ ދެމެދު އުފެދޭ ގާނޫނީ އޮޅުންބޮޅުން ބޮޑު މައްސަލައިގައި ގާނޫނީ ތަޖުރިބާކާރުންގެ ރައުޔު ވަނީ ދެކަފިވެފަ އެވެ.

ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ގާނޫނީ ޕްރޮފެސަރު ޓްރޭސީ މެކްލިން އޭއެފްޕީއަށް ވިދާޅުވީ، ސެނެޓުގެ ކޮމިޓީން ފައުޗީ ތެދުބަހުން ވާހަކަދައްކަވަން ހަގީގަތުގައި ވެސް ބޭނުންވި ނަމަ، އެ ބޭފުޅުން އޭނާއަށް 'ގާނޫނީ ރައްކާތެރިކަން' ދެއްވީސް ކަމަށެވެ.

ބުރާސްފަތި ދުވަހު، ކޮމިޓީގެ ޑިމޮކްރެޓިކް އެކި މެންބަރުން ވަނީ ގާނޫނީ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދަންޖެހޭކަމަށް ބުނެ، ވޯޓުލުން ފަސްކުރުމަށް އެދިފަ އެވެ. ނަމަވެސް އެ ނިންމުން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ރައީސް ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ދެ މުޝީރުން ކަމަށްވާ ސްޓީވް ބެނަން އަދި ޕީޓާ ނަވާރޯ ވަނީ ކޮންގްރެސްގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ. ނަމަވެސް އެ ބޭފުޅުން 5 ވަނަ އިސްލާހުގެ ހައްގު ބޭނުންކުރެއްވުމުގެ ބަދަލުގައި، ނިންމެވީ ސީދާ ކޮމިޓީއަށް ހާޒިރުވާން އިންކާރު ކުރެއްވުމަށެވެ. -- އޭއެފްޕީ