އެޕަލް ކުންފުނިން، ކެމެރާ ހަރުކޮށްގެން އުފައްދާ އެއާޕޮޑްގެ މަސައްކަތްކުރާ ގޮތް ދައްކައިދޭ ކަމަށް ބެލެވޭ ޑެމޯ ވީޑިއޯއެއް ލީކުވެއްޖެ އެވެ.
މެކްރޫމާސް އިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އެއާޕޮޑް އަޅައިގެން ހުރި މީހަކު ފޮތެއް ނަގައި ބަލަލުމުން، އެއާޕޮޑްގައިވާ ކެމެރާތައް މެދުވެރިކޮށް 'ވިޝުއަލް އިންޓެލިޖެންސް' އިން އެ ފޮތް ދެނެގަނެ އެވެ.
މި އެއާޕޮޑްގައިވާ ކެމެރާތަކަކީ އާދައިގެ ފޮޓޯ ނުވަތަ ވީޑިއޯ ކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސިރީ އަށް، އިންސާނާއަށް ފެންނަ މާހައުލު ދެނެގަތުމަށް 'ލޮލެއްގެ' ގޮތުގައި މަސައްކަތްކޮށްދޭ ކެމެރާތަކެކެވެ. މިއީ އައިފޯން ޖީބުން ނުނަގައި، ވަށައިގެންވާ ތަކެތީގެ މައުލޫމާތު ހޯދުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ.
ލީކުވި ވީޑިއޯއިން ފެންނަ ގޮތުގައި މި އެއާޕޮޑްގެ ސިފަ އާދައިގެ އެއާޕޮޑްސް ޕްރޯ ވަރަށް ވައްތަރެވެ. ނަމަވެސް ކެމެރާ ހާޑްވެއާ ހިމެނުމަށްޓަކައި ތަންކޮޅެއް ފަލަކޮށްފައިވާ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ސޮފްޓްވެއާގެ ކޯޑުތަކުން އެނގޭ ގޮތުގައި، އިސްތަށިގަނޑުން ނުވަތަ އެހެން އެއްޗަކުން އެއާޕޮޑް ނިވާވެއްޖެނަމަ، "މާހައުލުގެ މައުލޫމާތު ސާފުކޮށް ހޯދުމަށްޓަކައި އެއާޕޮޑް ނިވާނުވާނެހެން ބަހައްޓަން" ބުނެ އެވެ.
އެޕަލްގެ އެތެރޭގެ ސޮފްޓްވެއާ ކޯޑުތަކުގައި މި އުފެއްދުމަށް ދީފައިވާ ސިއްރު ކޯޑުނޭމަކީ "B790" އެވެ. މި އުފެއްދުމަށް "އެއާޕޮޑްސް އަލްޓްރާ" ގެ ނަން ދިނުން އެކަށީގެންވާ ކަމަށާއި، މިއީ އާދައިގެ އެއާޕޮޑްސް ޕްރޯއަށްވުރެ އަގުބޮޑު، އެންމެ މަތީ ފެންވަރުގެ އުފެއްދުމަކަށް ވާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އައިފޯން 18 ސީރީޒްއާ އެކު މި އެއާޕޮޑް ތައާރަފްކުރުން އެކަށީގެންވެ އެވެ. ނަމަވެސް މި އުފެއްދުން ބާޒާރަށް ނެރުން 2027 ގެ ނިޔަލަށް ފަސްކުރުން ވެސް އެކަށީގެންވާ ކަމަށް، އެޕަލްގެ އުފެއްދުންތައް ދިރާސާކުރާ މީހުން ބުނެ އެވެ.