ސްރީ ލަންކާގައި ދާދި ފަހުން މަރާމާތަށް ފަހު އަލުން ހުޅުވި ކޮލަމްބޯ ޕެޓާ ސެންޓްރަލް ބަސް ސްޓޭންޑް ކައިރިއަށް ރަތްކުޅު ޖަހައި ކުޑަކަމުދިޔަ 1،000 އަށް ވުރެ ގިނަ މީހުން ހޯދައި އެ މީހުން ލައްވައި އެތަން ސާފުކުރުވާފައިވާ ކަމަށް ބުނެފި އެވެ. 

އެ ބަސް ސްޓޭންޑް ބަލަހައްޓާ، ލަންކާގެ އެއާފޯސް އިން ބުނީ ތަން ނަޖިސްކުރި މީހުން ހޯދަނީ ދަތުރުވެރިންގެ ސަލާމަތަށް ސަރަހައްދު މޮނިޓަކުރަން ބޭނުންކުރާ ސީސީޓީވީގެ އެހީގައި ކަމަށެވެ. 

ތަން ހަޑިކުރި މީހުންގެ ތެރޭގައި ބަސް ޑްރައިވަރުންނާއި ބަސް ކޮންޑަކްޓަރުން ވެސް ހިމެނެ އެވެ. 

މި މޮނިޓަރިން އޮޕަރޭޝަން ބަލަހައްޓަނީ އެއާ ފޯސްގެ 25 މުވައްޒަފުންގެ ޓީމަކުންނެވެ. މި ސިސްޓަމްގައި 64 ކެމެރާ ބޭނުންކުރާއިރު، ދުވާލަކު 88 ފަހަރު ސަވައިލަންސް ޗެކްތައް ހިންގަ އެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އެކަނިވެސް، މި ސީސީޓީވީ ނެޓްވޯކް މެދުވެރިކޮށް، ބަސް ސްޓޭންޑުން 1,286 ހާދިސާއެއް ވަނީ ފާހަގަކުރެވިފަ އެވެ. މީގެ ތެރެއިން، ތަން ހަޑިވާ ފަދަ އަމަލުތައް ހިންގާ މީހުން ވަގުތުން ހުއްޓުވައި އެ މީހަކު ލައްވައި ވަގުތުން އެތަނެއް ސާފުކުރުވުމަކީ ގެންގުޅޭ އުސޫލެވެ. 

 ވައްކަންކުރުމާއި، މުދަލަށް ގެއްލުންދިނުމާއި، އަދިވެސް އެނޫން ޣައިރުގާނޫނީ އަމަލުތައް ހިންގި 64 މީހަކު ވީޑިއޯ ފުޓޭޖުގެ އެހީގައި ދެނެގަނެ ހައްޔަރުކޮށް ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

"ކްލީން ސްރީ ލަންކާ" މަޝްރޫއުގެ ދަށުން މި ޓާމިނަލް ރަސްމީކޮށް އަލުން ހުޅުވާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ. މި މަޝްރޫއުގެ ދަށުން، ދަތުރުވެރިން މަޑުކުރާ ސަރަހައްދުތަކާއި، ސިއްހީ ފަސޭހަތަކާއި، އަދި ޓިކެޓް ކައުންޓަރުތައް ވަނީ ތަރައްގީކޮށް ފެންވަރު މަތިކޮށްފަ އެވެ. އަދި އަލަށް ގާއިމުކުރި، 24 ގަޑިއިރުގެ އޮޕަރޭޝަންސް ރޫމަކީ ފުރައްސާރަކުރުން ހުއްޓުވުމަށާއި، ސިއްހީ ކުއްލި ހާލަތްތަކަށް އިޖާބަދިނުމަށާއި އާންމު މުދަލަށް ގެއްލުންދިނުން ހުއްޓުވައި ރައްކާތެރިކުރުމަށް ހާއްސަކޮށް ހިންގާ ތަނެކެވެ.