ސީރިއާގެ ކުރީގެ ލީޑަރު ބައްޝާރުލް އަސަދުވެ ވެރިކަން ވެއްޓުނު އިރު، ސިއްރިއްޔާތުގައި ބިނާކުރަމުންދިޔަ ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ހުރީ "ގާތްގަނޑަކަށް ނިމިފައި" ކަމަށާއި، މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތަކާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އދ.ގެ ނިއުކްލިއާ އޭޖެންސީން ހޯމަ ދުވަހު ބުނެފި އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުން މިދިޔަ މަހު ވަނީ ދީރުއްޒޫރުގައިވާ ސައިޓަކާއި، ސީރިއާގެ ކަމާބެހޭ ފަރާތްތަކުން އެ މީހުންނަށް މައުލޫމާތު ދީފައިވާ ދެ ވަނަ، ސިއްރު ސައިޓަކަށް ޒިޔާރަތްކޮށްފަ އެވެ.
މިދިޔަ ހަފުތާގައި އޭއެފްޕީއަށް ފެނިފައިވާ އައިއޭއީއޭގެ ރިޕޯޓެއްގައި ބުނެފައިވަނީ، ސީރިޔާގެ ކުރީގެ ސަރުކާރުން ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރަމުންދިޔަކަން ސާބިތުވެފައިވާ ކަމަށެވެ. އެތައް އަހަރެއް ވަންދެން ވެރިކަން ކުރެއްވި ބައްޝާރު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމުން ވައްޓާލުމާ ހަމައަށް "ސިއްރިއްޔާތުގައި ގިނަ ހަރަކާތްތަކެއް" ހިންގަމުންދިޔަކަން "ވަރަށް ސާފު" ކަމަށް އައިއޭއީއޭގެ ވެރިޔާ ރަފާއިލް ގްރޮސީ ވިދާޅުވި އެވެ.
"އެމީހުންގެ ނިޔަތާ މެދު އެއްޗެއް ބުނާކަށް ނޭނގޭނެ. އެކަމަކު ވަރަށް ސާފުކޮށް އެނގޭ ކަމަކީ މި ހަރަކާތްތަކީ ހާމަކޮށްފައިވާ ކަންކަމެއް ނޫންކަން، އަދި އެ މީހުން ކުރަމުންދިޔަ ކަންކަން ދުނިޔެއަށް އެނގެން ބޭނުންނުވިކަން،" ވިއޭނާގައި ހުންނަ އެ އޭޖެންސީގެ ކުއާޓަލީ ބޯޑް އޮފް ގަވަނާސްގެ ބައްދަލުވުން ހުޅުއްވައިދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައު އޭނާ ވިދާޅުވި އެވެ.
"އެ ބާވަތުގެ ރިއެކްޓަރުގެ އުފެދުމާއި އޭގެ ފަންނީ ސިފަތަކަށް ބަލާއިރު، މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ސީދާ ބޭނުންކުރެވިދާނެ ފިސައިލް މެޓީރިއަލް (ނިއުކްލިއާ މާއްދާ) އުފެއްދުމުގައި ވަރަށް ގާބިލު ރިއެކްޓަރެއް،" މިފަދަ ރިއެކްޓަރަކީ ނިއުކްލިއާ މަސައްކަތުގައި "ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ކޮނެގެން ނަގަމުންދާ އެ ރިއެކްޓަރުގެ މަސައްކަތް "އޮތީ ގާތްގަނޑަކަށް ނިމިފައި" ކަމަށެވެ.
"އެއީ ބިނާކުރުމުގައި ވަރަށް ބޮޑު ބައި ފުރިހަމަވެފައިވާ މަރުހަލާއެއްގައި އޮތް އެއްޗެއް،" ތަހުގީގެއް ހިންގުމަށް އެއްވެސް ފުރުސަތެއް ނުދިނުމުގެ ގޮތުން އޭރުގެ ސީރިޔާގެ ކަމާބެހޭ ފަރާތްތަކުން ބައެއް ގޮއްވުންތައް އެތަނުގައި ގޮއްވާފައި ވުން ވަރަށް އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދީރުއްޒޫރު ސައިޓުގައި ބިނާކުރަމުންދިޔަ ނިއުކްލިއާ ރިއެކްޓަރުގެ އިތުރުން، އެ ރިއެކްޓަރަށް ބޭނުންވާ ނިއުކްލިއާ ފިއުލް އުފެއްދި ފިއުލް ފެބްރިކޭޝަން ޕްލާންޓަކާއި، ނިއުކްލިއާ ފިއުލްގެ އިތުރުން ޔުރޭނިއަމް އެތިކޮޅުތަކާއި ބާކީ ސާމާނު ރައްކާކޮށްފައިވާ ތަނެއް ވެސް އައިއޭއީއޭއަށް ވަނީ ފެނިފަ އެވެ.
އައިއޭއީއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެތަނުން ވަނީ ސާފުނުކުރާ ގުދުރަތީ ޔުރޭނިއަމް މެޓަލްގެ 73 ޓަނު ފެނިފަ އެވެ.
ސިއްރުވެފައި އޮތް ސައިޓުގެ މައުލޫމާތު ދިނުމަށް ސީރިއާގެ މިހާރުގެ ސަރުކާރުން ނިންމި "ކެރޭ ނިންމުމަށް" ގްރޮސީ ވަނީ ތައުރީފު ކުރައްވައިފަ އެވެ.
އދ.ގެ އެޓޮމިކް އޭޖެންސީން 2011 ވަނަ އަހަރު ބުނެފައިވަނީ އެ ތަނަކީ ނިއުކްލިއާ ރިއެކްޓަރެއް ހުރި ތަނަކަށް ވުން "ވަރަށް އެކަށީގެންވާ" ތަނެއް ކަމަށާއި، އެ މީހުންނަށް ލިބިފައިވާ މައުލޫމާތުން އެތަން ބިނާކުރަމުންދިޔައީ އުތުރު ކޮރެއާގެ އެހީތެރިކަމާ އެކު ކަން އެނގޭ ކަމަށެވެ. ހޯމަ ދުވަހު ގްރޮސީ ވިދާޅުވީ ސީރިޔާގެ މައްސަލައިގައި ގޮތެއް ނިންމުން އޮތީ އައިއޭއީއޭގެ ބޯޑުގެ އަތްމަތީގައި ކަމަށާއި، އުތުރު ކޮރެއާއާ އޮތް ކަމަށް ބުނާ ގުޅުންތައް އިތުރަށް ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު މިވަގުތު އޭނާއަށް ނެތް ކަމަށެވެ.
އޭއެފްޕީއަށް ފެނިފައިވާ އަދި މިހަފުތާގައި ބޯޑުގެ ވޯޓަކަށް ހުށަހަޅާނެ ކަމަށް ބެލެވޭ ގަރާރުގެ ދާރާގައި ސޫރިޔާގެ ނިއުކްލިއާ މައްސަލަ ނިންމާލުމަށް ވަނީ ހުށަހަޅައިފަ އެވެ. މި ތަކެތި ރައްކާތެރިކޮށް ބެހެއްޓުމަށާއި ހޯދުންތައް ރިޕޯޓުކުރުމަށް އައިއޭއީއޭއިން ސީރިއާއާ އެކު މަސައްކަތް ކުރިއަށްދާނެ ކަމަށް ގްރޮސީ ވިދާޅުވި އެވެ. -- އޭއެފްޕީ