މިހާރު އުފެދިފައިވާ މޫސުމީ "އެލް ނީނޯ" ގެ ހާލަތުގެ ސަބަބުން ހޫނު ގަދަވެ ހަނަފަސްކަން ބޮޑުވަމުން ދާއިރު ޕެނަމާ ކެނަލް ހުރަސްކޮށް ކޮންމެ ދުވަހަކު ދަތުރުކުރާ އުޅަނދުތަކުގެ އަދަދު އިތުރަށް މަދުކުރަން ޖެހިދާނެ ކަމަށް އެ ކެނަލްގެ އާ އެޑްމިނިސްޓްރޭޓަރު ހޯމަ ދުވަހު އޭއެފްޕީއަށް ވިދާޅުވެއްޖެ އެވެ.

ޕެސިފިކް ކަނޑުގެ މަތީގައި އުފެދިފައިވާ އެލްނީނޯގެ ސަބަބުން މުޅި ދުނިޔޭގެ މޫސުމަށް ބަދަލުތައް އަންނަމުން ދާއިރު ޕެނަމާ އިން ވަނީ އެ ކަމާ ގުޅިގެން ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

 މިއަހަރުގެ އެލް ނީނޯއަކީ އެލްނީނޯގެ ރެކޯޑްތައް މީގެ 40 އަހަރު ކުރިން ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ އެލްނީނޯ އަށް ވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. 

އާގުބޯޓެއް ޕެނަމާ ކެނަލް ހުރަސްކުރާ މަންޒަރު ބަލަން ދެ މީހަކު މަޑުކޮށްލައިގެން. -- ފޮޓޯ:އޭއެފްޕީ
އާގުބޯޓެއް ޕެނަމާ ކެނަލް ހުރަސްކުރާ މަންޒަރު ބަލަން ދެ މީހަކު މަޑުކޮށްލައިގެން. -- ފޮޓޯ:އޭއެފްޕީ

ޕެނަމާ ކެނަލް ހުރަސްކުރަން ފުރުސަތު ދޭ ބޯޓުފަހަރުގެ އަދަދު މަދުކުރަން ފަށާފައި މި ވަނީ އާގުބޯޓުތަކުން އެ ކެނަލް ބޭނުންކުރާ ވަރު އިތުރުވެފައި ވަނިކޮށެވެ. އެ ކެނަލް ބޭނުންކުރުން އިތުރުވީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަައާ އެކު އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުންނެވެ.

މުޅި ދުނިޔޭގައި ކަނޑުމަގުން އުފުލާ މުދަލުގެ ފަސް ޕަސެންޓް އެ ކެނަލެއް ހުރަސްކޮށް ދަތުރުކުރާ ޕެނަމާ ކެނަލް ހުރަސްކުރަން ދުވާލަކު ހުއްދަ ދޭ އާގުބޯޓުފަހަރުގެ އަަދަދު މިހާރު ވެސް ވަނީ 34 އިން 32 އަށް މަދުކޮށްފަ އެވެ.

ވާރޭ ފެނުން އޮޕަރޭޓްކުރާ ކެނަލް އެއް

ޕެނަމާ ކެނަލަށް އާގުބޯޓުފަހަރު ވައްދަނީ ވާރޭފެން ޖަމާކޮށްފައިވާ ދެ ރިޒަވިއާ ބޭނުންކޮށްގެންނެވެ. ފެން ބޭނުންކުރަނީ އުޅަނދުތައް ކެނަލްއަށް ވެއްދުމަށް އަދި އެތަނުން ނެރުމަށް އުފުލައިލަން ބޭނުންކުރާ ލޮކްތައް އޮޕަރޭޓްކުރާށެވެ. ބޭނުންވާ ވަރަށް ފެން ނުލިބޭ ނަމަ އެ އޮޕަރޭޝަނެއް ނުހިންގެ އެވެ.

އާގުބޯޓެއް ޕެނަމާކެނަލް ހުރަސްކޮށް ދަނީ. -- ފޮޓޯ:އޭއެފްޕީ
އާގުބޯޓެއް ޕެނަމާކެނަލް ހުރަސްކޮށް ދަނީ. -- ފޮޓޯ:އޭއެފްޕީ

ޕެނަމާ ކެނަލްގެ ފުރަތަމަ އަންހެން އެޑްމިނިސްޓްރޭޓާ އިލްޔާ އެސްޕީނޯ ޑި މަރޯޓާ އޭއެފްޕީއަށް ވިދާޅުވީ ހަނަފަސްކަން ނިމުމަކަށް ނާންނަ ނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ. 

"ފެބްރުއަރީ ނުވަތަ މާޗްގައި ލިމިޓް ކުޑަކުރަން ނުޖެހޭނެއެކޭ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ. [މަދުކުރާނީ] ދުވާލަކަށް 24 އަށް ކަމަށް ނުވެދާނެ، އެއީ 29 އަށް ނުވަތަ އެއާ ގާތްކުރާ އަދަދަކަށް ވެދާނެ،" އޭނާ ވިދާޅުވި އެެވެ. 

ޕެނަމާ ކެނަލް ހުރަސްކޮށް އެންމެ އާގުބޯޓެއް ފޮނުވުމުގެ އޮޕަރޭޝަނަށް ގާތްގަނޑަަކަށް 200 މިލިއަން ލީޓަރުގެ ފެން ބޭނުންވެ އެވެ. އޮޕަރޭޝަނަށް ފަހު އެ ފެންތައް ބޭރުކޮށްލަނީ ކަނޑަށެވެ. 

އެލް ނީނޯއެއްގައި ކުރިމަތިވި ހަނަފަސްކަމެއްގައި ޕެނަމާ ކެނަލްގެ އޮަޕަރޭޝަންތައް މަދުކުރަން 2023 ގައި ވެސް ޖެހުނެވެ. އޭރު ދުވާލަކު 38 އާގުބޯޓުން 22 އާގުބޯޓަށް މަދުކުރަން ޖެހުނެވެ.