އަލްޖީރިއާއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ސިޔާސީ ގުޅުން ކަނޑާލައިފިކަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ.

މިއީ އަލްޖީރިއާގެ ގައުމީ އަދި ސަރަހައްދީ ކަންކަމުގެ ތެރެއަށް އަބޫދާބީން އަތްބާނާ ކަމަށް ތުހުމަތުކޮށް، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އަހަރުތަކެއް ފަހުން ނިންމި ނިންމުމެކެވެ.

"ދެގައުމުގެ މެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ނަތީޖާއަކާ ހަމައަށް ނުގޮސް ނިމުމާ ގުޅިގެން، އަލްޖީރިއާއިން ވަނީ ޔޫއޭއީއާ ސިޔާސީ ގުޅުން ކަނޑާލަން ނިންމާފައި،" އަލްޖީރިއާގެ ދައުލަތުގެ ޓީވީން އިއުލާނު ކުރި އެވެ.

އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ޔޫއޭއީން "ޖެއްސުންކުރުމާއި ދެކޮޅުވެރިކަމުގެ" އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"ޔޫއޭއީގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ނުކުމެދާނެ ނުރައްކާތެރި ނަތީޖާތަކަށް އެ ގައުމު ސަމާލުކަމަށް ގެނެސް، އިންޒާރު ދިނުމުގައި އަލްޖީރިއާއިން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލައިފައެއް ނޯންނާނެ،" މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތަބޫންގެ ތަގުރީރުތަކުގައި ގިނައިން ޔޫއޭއީއަށް ނިސްބަތްކުރައްވަނީ ސަރަހައްދީ ގިނަ ގައުމުތަކެއް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލަން އުޅޭ "ކުޑަކުޑަ ދައުލަތެއް" ގެ ގޮތުގަ އެވެ. ލިބިޔާ، މާލީ އަދި ސޫދާންގެ ނަން އޭނާ ފާހަގަކުރެއްވި އެވެ.

"ދެން ގަބޫލެއް ނުކުރެވޭނެ"

"އެމީހުންގެ ފައިތިލަ ޖެހުނު ކޮންމެ ތަނެއްގައި ލޭއޮހޮރުވުން ހިނގާ،" ޖުލައި މަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި ތަބޫންވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫއޭއީގެ ސަބަބުން ވަރަށް ގިނަ "ނޭދެވޭ އަސަރުތައް" ކޮށްފައިވާ ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ގައުމުގައި ލޭއޮހޮރުވުން ހިނގިޔަނުދިނުމަށްޓަކައި އެ މީހުން ދުރުގައި ތިބުން،" އޭނާ ވިދާޅުވި އެވެ.

އެ ދުވަސްވަރު ތަބޫން ވިދާޅުވީ، އަރަބި ދުނިޔޭގައި "ބައިބައިވުން ބޮޑުވިޔަނުދިނުމަށް" އަލްޖީރިއާއިން މަސައްކަތް ނުކުރި ނަމަ، ސިޔާސީ  ގުޅުން އޮންނާނީ "މާކުރިންވެސް ކަނޑާލާފައި" ކަމަށެވެ.

ބުރާސްފަތި ދުވަހު އަލްޖީރިއާއިން ބުނީ، މި ނިންމުން ތަންފީޒުކުރުމަށް ޔޫއޭއީގެ ސަފީރަށް 48 ގަޑިއިރުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ އަބޫދާބީއަށް އެތައް ފަހަރަކު އިންޒާރު ދީފައި ވިޔަސް "އެކަންކަން ތަކުރާރުކުރަމުން ގޮސް، ގަބޫލުކުރެވޭނެ ނުވަތަ ކެތްކުރެވޭނެ މިންވަރަށްވުރެ މައްސަލަ ބޮޑުވެގެން ދިޔައީ" ކަމަށެވެ.