ސްރީ ލަންކާގެ ދެހިވަލާގައި ރޭ ފަތިހު ގެޔަކަށް އަތުބޮމަކުން ހަމަލާ ދިނުމުގެ ސަބަބުން ދެ ފިރިހެން ކުދިން މަރުވެއްޖެ އެވެ.
ދެހިވަލަ އަކީ ސްރީ ލަންކާގައި ދިވެހިން ގިނަ ސަރަހައްދެކެވެ. ނަމަވެސް ހަމަލާ ދިން ތަނާ ކައިރީގައި ދިވެހިން އުޅޭކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.
ލަންކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ ދެހިވަލާގެ ކަވްޑާނާގެ ސިރީސަންގަބޯ މަގުގައި ހުންނަ ގެޔަކަށެވެ. އެ ހަމަލާގައި، އުމުރުން 11 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
އުމުރުން 11 އަހަރުގެ ކުއްޖާ މަރުވީ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ފަހުން ކަމަށާއި، އޭނާގެ 17 އަހަރުގެ ބޭބެ މަރުވީ ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މި ކުދިންގެ، އުމުރުން 55 އަހަރުގެ ބައްޕަ އާއި އިތުރު ދެ ކުއްޖަކަށް މި ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށާއި އެ މީހުންނަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.
ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރި ރާވައިގެން އެކި ޖަރީމާތައް ހިންގާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ ފައިސާގެ މައްސަލައަކާ ގުޅުން ހުރި ހަމަލާއެކެވެ.
ހަމަލާގެ އަސްލު އަމާޒަކީ އެހެން ގެއެއް ކަމަށްވެ އެވެ. ހަމަލާ ދޭން އުޅުނު ގެޔަކީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި ނުރައްކާތެރި ކުށްވެރިއަކާ ގުޅުން އޮންނަ މީހެއްގެ ގެއެކެވެ. މި ހަމަލާއަކީ ވާދަވެރި އެހެން ގޭންގެއްގެ ބަދަލުހިފުމެއް ކަމަށްވެ އެވެ.
އަތުބޮމުން ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ބައެއް ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސްރީލަންކާގައި ގޭންގުތަކުގެ މެދުގައި ހިނގާ މާރާމާރީތަކާއި ބަޑީގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ބަޑީގެ 34 ހަމަލާ ދީފައިވާއިރު، މި ހަމަލާތަކުގައި 17 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކަކީ ރޭވުންތެރިކަމާއެކު ހިންގާ އިންތިޒާމުވެގެންވާ ކުށްކުރާ ގްރޫޕުތަކުން ދީފައިވާ ހަމަލާތަކެވެ.
ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި، މި ހުރިހާ ހަމަލާތަކެއްވެސް ސީދާ ގުޅިފައިވަނީ މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގޭންގުތަކުގެ މެދުގައި އޮންނަ ސަރަހައްދީ ބާރުވެރިކަމުގެ ކޯޅުންތަކާ އެވެ. އަދި ބައެއް ހަމަލާތަކަކީ ގައުމުން ބޭރުގައި ތިބޭ ކުށްވެރިންގެ އެންގުމަށް ދޭ ހަމަލާތަކެއް ކަމަށް ވެސް ތަހުގީގުތަކުން އެނގިފައިވެ އެވެ.