އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ނެތް ވަގުތެއްގައި، އޭނާގެ ޑްރައިވަރު ޑޮކްޓަރުގެ ގޮނޑީގައި އިނދެ ބަލިމީހުން ބަލައި ބޭސް ސިޓީ ލިޔެދިން މައްސަލައެއް ފަޅާއަރައިފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކާންޕޫރުގެ "ކާންޝީ ރާމް ކޮމްބައިންޑް ހޮސްޕިޓަލް އެންޑް ޓްރައުމާ ސެންޓަރު" ގަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، ހޮސްޕިޓަލުގެ އިމަޖެންސީ މެޑިކަލް އޮފިސަރު ޑރ. ރާމްކޭޝް ޑިއުޓީގައި ނެތް ވަގުތު، އޭނާގެ ޑްރައިވަރު "ދޭވް" ވަނީ ޑޮކްޓަރުގެ ގޮނޑީގައި އިށީނދެފަ އެވެ. އަދި އައުޓްޕޭޝަންޓް ޑިޕާޓްމަންޓަށް ދެއްކި ބަލިމީހުންގެ ކައިރިން ބަލީގެ އަލާމާތްތަކާ ބެހޭގޮތުން ސުވާލުކޮށް، ހޮސްޕިޓަލުގެ ރަސްމީ ލެޓަހެޑްގައި ބޭސް ސިޓީ ލިޔެދީފައިވެ އެވެ. މީގެ އިތުރުން ހޮސްޕިޓަލުން ބޭރުގައި ހުންނަ ބޭސްފިހާރަތަކުން ބޭސް ގަތުމަށް އޭނާ ބަލިމީހުންނަށް އިރުޝާދު ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

މިކަމާ ގުޅިގެން ޑޮކްޓަރު ރާމްކޭޝް ބުނެފައިވަނީ އޭނާ ބޭރަށް ދާންޖެހުނީ ކޯޓު އަޑުއެހުމަކަށް ހާޒިރުވާން ޖެހުމުން ކަމަށެވެ. އަދި ޑްރައިވަރު ބަލިމީހުން ބަލާފައިވަނީ އޭނާއަށް އެނގުމަކާ ނުލައި އަމިއްލައަށް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. މި ހާދިސާއަށްފަހު އެ ޑްރައިވަރު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. 

މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ހޮސްޕިޓަލުގެ ޗީފް މެޑިކަލް ސުޕްރިންޓެންޑެންޓް (ސީއެމްއެސް) ޑރ. ޕިޔޫޝް މިޝްރާ ވަނީ މި މައްސަލައިގެ ތަހުގީގު ފައްޓަވައިފަ އެވެ. އަދި މިކަމާ ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށް ޑޮކްޓަރަށް ވަނީ އަންގައިފަ އެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ޑޮކްޓަރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ ނުވަތަ މިފަދަ އިހުމާލެއް ތަކުރާރުވެއްޖެ ނަމަ، ފުލުހުންނަށް މައްސަލަ ހުށަހަޅާނެ އެވެ.

ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާ ބޮޑަށް އިހުމާލުވެފައިވާތީ، ސޯޝަލް މީޑިއާގައި ދަނީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންނެވެ.