މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދުގައި ހޭދަކުރެއްވުމުގެ ހުއްދަ އެގައުމުގެ ރަސްގެފާނު ސުލްތާން އިބްރާހީމް އިސްކަންދަރް ދެއްވައިފި އެވެ. 

ފެޑެރަލް ޓެރިޓަރީޒް ޕާޑަންސް ބޯޑުގެ 64 ވަނަ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، ނަޖީބު ރައްޒާގަށް މި ލުއި ދެއްވާފައިވަނީ ޝަރުތުތަކަކާއެކުގަ އެވެ. އޯގަސްޓް 23، 2028 ގެ ނިޔަލަށް ގޭބަންދުގައި ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ  50 މިލިއަން މެލޭޝިއަން ރިންގިޓް (ގާތްގަނޑަކަށް 12.26 މިލިއަން އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ދެއްކެވުމުންނެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެސް އޭނާގެ 12 އަހަރުގެ ޖަލު ހުކުމް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދީފަ އެވެ. ނަމަވެސް، މިފަހަރު ކަނޑައެޅި ޝަރުތުތަކަކާ ހިލާފުވެއްޖެ ނަމަ، މި ލުއި ބާތިލުވެ އަލުން ޖަލަށް ދާންޖެހޭނެ އެވެ. 

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ ހިޔާނާތުގެ މައްސަލައިގައި 2022 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކުރަން ރަސްގެފާނު ނިންމެވި އިރު ނަޖީބްގެ ގާނޫނީ ޓީމުން މީގެ ކުރިން ވެސް މިގޮތަށް ހަމަޖެހޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. 

1އެމްޑީބީގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ހިޔާނާތްތެރިވިކަން ސާބިތުވެ ނަޖީބް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފްގައި ވެސް ވަނީ ފެޑަރަލް ކޯޓުން ދަމަހައްޓައިފަ އެވެ. 

އުމުރުން 73 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ހިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ.

 ނަޖީބްގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.