އިންޑިއާގެ އަމިއްލަ ހޮސްޕިޓަލްތަކުގައި ބޭސްފަރުވާއަށް އާންމުކޮށް ބޭނުންކުރާ ކޮންސިއުމަބަލްސް (އައިވީ ސެޓާއި ސިރިންޖު ފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ އާލާތްތައް) ޖުމްލަކޮށް ގަންނަން ލިބޭ އަގަށްވުރެ 2,841 ޕަސެންޓަށް ވުރެ މަތީ އަގުތަކެއްގައި ބަލިމީހުންގެ ބިލްތަކުގައި ހިމަނައިގެން ފައިސާ ނަގަމުންދާ މައްސަލަ އަނެއްކާވެސް ބޮޑުވެ، އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް ގޮވާލައިފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ހޮސްޕިޓަލްތަކުގެ ބިލްތަކުގައި ހިމެނޭ އެންމެ "ސިއްރު" އެއްބަޔަކީ ފަރުވާގެ ތެރޭގައި ބޭނުންކުރާ އާންމު ތަކެތީގެ އަގުތަކެވެ.

އަގުތަކުގެ ތަފާތު ހުރިގޮތުގެ ބައެއް މިސާލުތައް: 

އައިވީ އިންފިއުޝަން ސެޓް: 11 ރުޕީސްއަށް އާންމުކޮށް ގަންނަން ލިބޭއިރު 325 އިންޑިއަން ރުޕީސްއަށް ބިލްކުރޭ. 

އެއްފަހަރު ބޭނުންކުރާ ސިރިންޖު: 7 ރުޕީސްއަށް ވުރެ ކުޑަ އަގެއްގައި އާންމުކޮށް މި ލިބުނަސް 60 ރުޕީސް އަށް ބިލްކުރޭ.

އަގުބޮޑު އާލާތްތައް (ޕޭސްމޭކަރު، ހިތުގެ ވޭލްވް، ލެންސް): އިމްޕޯޓްކުރާ އަގަށްވުރެ 10 އިން 30 ގުނަ އަގު ބޮޑުކޮށް ބިލްކުރޭ. 

މިވަރުގެ ބޮޑު ފައިދާއެއް މި ތަކެތިން ލާފައި ހުންނާތީ ބަލިމީހާ ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލް އިންތިހާއަށް ބޮޑުވެ، އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދުތައް އެތައް ގުނައެއް ބޮޑުވާކަން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރު ތުކާރާމް މުންދޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިހާރު އޮތް ގާނޫނާއި ގަވާއިދުތަކުގެ ދަށުން، ބޭސްތަކުގެ އަގުތައް ކޮންޓްރޯލް ކުރެވުނު ކަމުގައި ވިޔަސް، މެޑިކަލް އާލާތްތަކާއި ކޮންސިއުމަބަލްސްގެ ބޮޑުބަޔަކީ އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗެއް ނޫނެވެ. އެހެންވެ އެ ތަކެތީގެ އަގުތަކާއި ފައިދާގެ މާޖިން ކަނޑައެއް ނޭޅެ އެވެ. އެހެންވެ މުދޭ ވަނީ ވިޔަފާރިވެރިން މުދާ ގަންނަ އަގާއި، ޕެކެޓްގައި ޖަހާފައިވާ އެމްއާރުޕީ (އެންމެ ބޮޑުކޮށް ވިއްކޭނެ އަގު) އާ ދެމެދު ހުންނަންޖެހޭ އެންމެ މަތީ ފަރަގު (ފައިދާ އިތުރުކުވޭނެ އެންމެ މަތީ މިންވަރު) ކަނޑައެޅުމަށް އިންޑިއާގެ ސެންޓްރަލް ސަރުކާރުން އުސޫލުތަކެއް އެކުލަވާލުމަށް ގޮވާލައްވައިފަ އެވެ.

އިންޑިއާގެ ނޭޝަނަލް ފާމަސޫޓިކަލް ޕްރައިސިން އޮތޯރިޓީ (އެންޕީޕީއޭ) އިން މީގެ ކުރިން ހެދި ދިރާސާތަކުން ވެސް އެނގިފައިވާ ގޮތުގައި، އަމިއްލަ ހޮސްޕިޓަލްތަކުން ވަރަށް ހެޔޮ އަގުގައި މެޑިކަލް ތަކެތި ގަނެ، ބަލިމީހުންގެ އަތުން ނަގަނީ އިންތިހާއަށް ބޮޑު އަގުގަ އެވެ.

މީގެ އަހަރުތަކެއް ކުރިން އެންޕީޕީއޭ އިން ވަނީ ހިތުގެ ސްޓެންޓްތަކާއި ކަކުލު ހުޅު ބަދަލުކުރާ އިމްޕްލާންޓްތަކުގެ އަގުތައް ކޮންޓްރޯލްކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 އިމަޖެންސީ ފިޔަވަޅުތަކުގެ ތެރޭގައި ޕަލްސް އޮކްސިމީޓަރާއި، ބްލަޑް ޕްރެޝަރު މީޓަރާއި، ގްލޫކޯމީޓަރު ފަދަ ތަކެތިން ނެގެނޭ ވިޔަފާރި އެންމެ ބޮޑު ފައިދާގެ މިންގަނޑު ސަރުކާރުން އޮތީ ކޮންޓްރޯލްކޮށްފަ އެވެ.

މެޑިކަލް އާލާތްތަކުގެ އަގު ކޮންޓްރޯލް ކުރުމާ މެދު އުފެއްދުންތެރިންނާއި އިމްޕޯޓްކުރާ ކުންފުނިތަކުގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް، މިހާރުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ދެފަރާތުން ވެސް އެއްބަސްވެ އެވެ.

އެސޯސިއޭޝަން އޮފް އިންޑިއަން މެޑިކަލް ޑިވައިސް އިންޑަސްޓްރީ (އެއިމެޑް) ގެ ފޯރަމް ކޯޑިނޭޓަރު ރާޖީވް ނާތު ވިދާޅުވެފައިވަނީ ސާފުކޮށް އަގު ބަތާންކޮށް ތަކެތި ވިއްކާ "ތެދުވެރިންނަށް" މިހާރުގެ ނިޒާމުގެ ތެރެއިން ގެއްލުންވަމުންދާ ކަމަށެވެ. ހޮސްޕިޓަލްތަކުން 10 އިން 30 ގުނަ މަތިން އެމްއާރްޕީ ޖަހައިގެން ބޮޑު ފައިދާ ހޯދަން އުޅޭއިރު، ނާޖާއިޒު ފައިދާ ނުނަގާ ކުންފުނިތައް މާކެޓުން ބޭރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެއިމެޑުން ހުށަހެޅީ ސިރިންޖާއި އައިވީ ސެޓް ފަދަ އާންމު ތަކެތީގެ ޓްރޭޑް ފައިދާ 75 ޕަސެންޓްގައި، އަދި ޕޭސްމޭކަރާއި ވޭލްވް ފަދަ އަގުބޮޑު ތަކެތީގެ މާޖިން 50 ޕަސެންޓްގައި ކޮންޓްރޯލް ކުރުމަށެވެ.

މެޑިކަލް ޓެކްނޮލޮޖީ އެސޯސިއޭޝަން އޮފް އިންޑިއާ އިން ވަނީ މަހާރާޝްޓްރާ އެފްޑީއޭގެ ހުށަހެޅުމަށް ތާއީދުކޮށް، ގަންނަ އަގާއި އެމްއާރްޕީއާ ދެމެދު ހުންނަންޖެހޭ ފަރަގު ކަނޑައެޅުމަށް ސަރުކާރުން ސާފު އުސޫލުތަކެއް އެކުލަވާލުމަށް އެއްބަސްވެފަ އެވެ.