ސްރީ ލަންކާގައި 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގައި އިސްކޮށް އުޅުނު 24 މީހުންގެ ތެރެއިން 14 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެގައުމުގެ ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ލަންކާ މީހުންނާއި ބިދޭސީން ހިމެނޭހެން 279 މީހުން މަރުވި މި ހަމަލާގެ ޝަރީއަތް ފަސް އަހަރަށް ދެމިގެންދިޔުމަށް ފަހު މިއަދު ހުކުމް އިއްވީ ކޮލަމްބޯގެ ޕާމަނަންޓް ޓްރަޔަލް-އެޓް-ބާގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ހަމަލާގެ މާސްޓަމައިންޑް ކަމަށް ބުނާ ނައުފަރު މައުލަވީގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެފަ އެވެ.
ޝަރީއަތް ހިންގި 24 މީހުންގެ ތެރެއިން 14 މީހެއްގެ މައްޗަށް ހުރިހާ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ މީހުން މެރުން، ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުން އަދި ގޮވާތަކެތި ގެންގުޅުމުގެ ދައުވާ ހިމެނޭ ގޮތަށެވެ. އަދި 15 ވަނަ މީހާގެ މައްޗަށް ބައެއް ދައުވާތައް ސާބިތުވިއިރު، ބާކީ ތިބި ނުވަ މީހުންގެ މައްޗަށް ވަނީ ކުށް ސާބިތު ނުވާކަމަށް ނިންމަައި މިނިވަންކޮށްފަ އެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މި މީހުންގެ މައްޗަށް ޖުމްލަ 23,000 އަށްވުރެ ގިނަ ދައުވާ އުފުލި އެވެ. މީގެ އިތުރުން، މި މައްސަލައިގައި ފުރަތަމަ 25 މީހަކަށް ދައުވާ ކުރި ނަމަވެސް، އޭގެ ތެރެއިން އެކަކު ވަނީ ޝަރީއަތް ނިމުމުގެ ކުރިން ޖަލުގައި މަރުވެފަ އެވެ.
ލަންކާގެ މީޑިއާތަކުން ބުނެފައިވަނީ ބައެއް މީހުންނަށް މަރުގެ ހުކުމް އިއްވާނެ ކަމަށެވެ. ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން ލަންކާގައި މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެ އެވެ.
ލަންކާގައި އޭޕްރީލް 21، 2019 ގައި ހަރުކަށި ފިކުރުގެ ޖަމާއަތަކުން ދިން ޖާނުން ފިދާވުމުގެ މި ހަމަލާތައް އަމާޒުކުރީ ތިން ލަގްޒަރީ ހޮޓަލަކަށާއި، އީސްޓާ ފާހަގަކުރަމުންދިޔަ ތިން ފައްޅިއަކަށެވެ. މި ހަމަލާގައި ބޭރު ގައުމުތަކުގެ 45 މީހުން ހިމެނޭހެން 279 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. މިއީ 2009 ވަނަ އަހަރު ލަންކާގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
މި ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު އިންޑިއާއިން ކުރިން ދީފައި ވަނިކޮށް، އެކަމަށް ފިޔަވަޅު ނާޅައި އިހުމާލުވި ސަރުކާރުގެ އިސްވެރިންނަށް ވެސް ވަނީ މީގެ ކުރިން އަދަބުދީފަ އެވެ. އެގޮތުން 2026 އޮގަސްޓް މަހު ލަންކާގެ ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔާސުންދުރަ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހޭމަސިރި ފެނާންޑޯގެ މައްޗަށް ޖިނާއީ އިހުމާލުގެ ކުށް ސާބިތުވެ، މަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ. އަދި 2023 ވަނަ އަހަރު ލަންކާގެ ސުޕްރީމް ކޯޓުން ވަނީ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރު އިހުމާލުވި ކަމަށް ނިންމާ، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދިނުމަށް އަމުރުކޮށްފަ އެވެ.