ސްމާޓްފޯންތަކުގައި ބޭނުންކުރާ ސްކްރީން ޕްރޮޓެކްޓަރުތައް އިންޑިއާގައި ވިއްކުމުގެ ކުރިން، ސަރުކާރުގެ ކަމާބެހޭ އިދާރާ ކަމަށްވާ ބިއުރޯ އޮފް އިންޑިއަން ސްޓޭންޑަޑްސް (ބީއައިއެސް) ގެ ސެޓްފިކެޓް ހޯދުން އިންޑިއާ ސަރުކާރުން މަޖުބޫރުކޮށްފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނެރުނު ގެޒެޓް ނޯޓިފިކޭޝަނެއްގައިވާ ގޮތުން، މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް 1 އިން ފެށިގެންނެވެ. ނަމަވެސް، ވިޔަފާރިތަކަށާއި އުފައްދާ ފަރާތްތަކަށް ހުއްދަތައް ހަމަކުރުމަށްޓަކައި މާޗް 31، 2027 އާ ހަމައަށް މުއްދަތެއް ވަނީ ދީފަ އެވެ. އެހެންވެ ބާޒާރުގައި މިހާރު ހުރި މުދާ ވިއްކުމަކަށް މިވަގުތު ހުރަހެއް ނެތެވެ.
މި އާ ގަވާއިދުގެ ދަށުން، އިންޑިއާގައި ވިއްކާ ހުރިހާ ސްކްރީން ޕްރޮޓެކްޓަރުތަކެއް ވެސް "އައިއެސް 19348:2025" ގެ މިންގަނޑުތަކަށް ފެތެންޖެހޭނެ އެވެ. ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ބޭރު ގައުމުތަކުން (ހާއްސަކޮށް ޗައިނާއިން) އިންޑިއާއަށް އެތެރެކުރާ ފެންވަރު ދަށް، އަގުހެޔޮ ޕްރޮޓެކްޓަރުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމެވެ.
މި ބަދަލުގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަހަރަކު 500 މިލިއަނަށްވުރެ ގިނަ ސްކްރީން ޕްރޮޓެކްޓަރު ބޭނުންކުރާ އިންޑިއާގެ މި މާކެޓަކީ 1.43 ބިލިއަން އާއި 1.90 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ ބޮޑު މާކެޓަކަށް ވާނެ އެވެ. އަދި މީގެ ސަބަބުން އަލަށް 60,000 ވަޒީފާ އުފެދި، ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 238.10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.
އިންޑިއާގެ ނޮއިޑާގައި 'ކޯނިންގް' ކުންފުންޏާ ގުޅިގެން ފެކްޓްރީއެއް ހަދަމުން އަންނަ 'އޮޕްޓިމަސް އިންފްރާކޮމް' ފަދަ އަމިއްލަ އުފެއްދުންތެރިންނަށް ބޮޑު ފައިދާއެއްމި ނިންމުމުގެ ސަބަބުން ކުރާނެ އެވެ. އެ ކުންފުނިން އަންނަނީ އަލަށް ކަނޑައެޅި ފެންވަރުގެ ސްކްރީން ޕްރޮޓެކްޓާ ޖެނުއަރީ 2027 ގައި އިންޑިއާގައި އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވަމުންނެވެ. އަދި ހިނގަމުންދާ މާލީ އަހަރު އެ ކުންފުނީގެ ސްކްރީން ޕްރޮޓެކްޓަރުގެ ވިޔަފާރިން އެކަނި ވެސް 214.29 މިލިއަން އާއި 238.10 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ހޯދުމަށް ވަނީ އަމާޒު ހިފައިފަ އެވެ.