އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވާހަކަ ދައްކަން ޕޯޑިއަމަށް ދިއުމާ އެކު މިފަހަރު ވެސް ގިނަ އަދަދެއްގެ މަންދޫބުން މަޖިލިސް ދޫކޮށް ނުކުމެވަޑައިގެންފި އެވެ.
ޣައްޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަސްކަރީ އުދުވާންތަކާ ގުޅިގެން އޮތް ދެކޮޅުވެރިކަން ހާމަކުރުމުގެ މި ފިޔަވަޅާ އެކު މަޖިލިސް ހޯލުގެ ތެރޭގައި އަޑުގަދަވެ، އިހްތިޖާޖުގެ ޝުއޫރުތައް ފާޅުކުރަން ފެށި އެވެ. ޖަލްސާގެ ރިޔާސަތުން މުގުރު ޖަހައި، މާލަން ހިމޭންކުރަން ތަކުރާރުކޮށް މަސައްކަތްކުރި އެވެ.
މި އިހްތިޖާޖާ ގުޅިގެން ނަތަންޔާހޫ ވަނީ ޕޯޑިއަމްގައި ހުރެ ރައްދު ދިނެވެ. މަޖިލިސް ދޫކޮށް ވަޑައިގަތީ "ފިނޑިން" ގެ ގޮތުގައި އޭނާ ސިފަކުރި އެވެ. އަދި އެފަދައިން ދެކޭ އިތުރު ބަޔަކު ހޯލުގައި ތިބި ނަމަ، ހޯލުން ނުކުތުމަށް ވެސް ބުންޏެވެ.
ނަތަންޔާހޫގެ ވާހަކާގައި، އިޒްރާއީލަށް ފާޑުކިޔާ ހުޅަނގުގެ ބައެއް ގައުމުތަކަށާއި ނިއު ޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީއަށް ވެސް ވަނީ ވަރަށް ބޮޑަށް ރައްދު ދީފަ އެވެ.
ނަތަންޔާހޫ އޭނާގެ ވަގުތު ބޭނުންކުރީ، އޭނާ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ވިދާޅުވުމުން ނިއު ޔޯކުގެ މޭޔަރު މަމްދާނީއަށް ފާޑުކިޔުމަށާއި ޔޫރަޕްގެ ލީޑަރުން އެންޓި-ސެމިޓިކް (ޔަހޫދީންނާ ދެކޮޅު) ޖަމާއަތްތަކަށް ދީލާލި ކަމަށް ބުނެ ނުރުހުން ފާޅުކުރުމަށާއި އިޒްރޭލާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ ގަތަރާއި ތުރުކީއަށް ތުހުމަތުކުރުމުގަ އެވެ.
"[މަމްދާނީ] ބެލީ އަހަރެން މިތަނަށް އައުން ހުއްޓުވަން. އެ މަސައްކަތް ކުރި. [މަމްދާނީ] ބެލީ އަހަރެންގެ އަޑު ކަނޑުވާލަން. އެކަމަކު، އަހަރެންގެ އަޑެއް ނުކެނޑުވޭނެ. ހަގީގަތުގެ އަޑެއް ނުކެނޑުވޭނެ،" އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރި ލީޑަރު ނަތަންޔާހޫ، މަމްދާނީއަށް ނިސްބަތްކޮށް ބުންޏެވެ.
މަމްދާނީ އާއި ގަތަރާއި ތުރުކީން ވެސް ވަނީ ނަތަންޔާހޫގެ ވާހަކަތަކަށް ރައްދުދީ ބަޔާން ނެރެފަ އެވެ.
އިޒްރޭލުން ޣައްޒާ އާއި ލުބުނާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ނިސްބަތްވާ އަރަބި އަދި މުސްލިމް ގައުމުތަކުގެ ހުރިހާ ޑިޕްލޮމޭޓުން ކަހަލަ ގޮތަކަށް ހޯލުން ނުކުމެވަޑައިގަތެވެ. އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަނުން ގައުމުތަކާ ވާހަކަ ދައްކައި، އިންތިޒާމްވެގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އދ. ގެ 193 މެންބަރު ގައުމުގެ ތެރެއިން ގިނަ ގައުމުތަކުން ބައިވެރިވި އެވެ.
މާލަމުން ނުކުތް އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ބަންގްލަދޭޝް، ބުރޫނާއި، އިންޑޮނީޝިއާ، އީރާން، އިރާގު، އުރުދުން، ކުވެއިތު، ލުބުނާން، މެލޭޝިއާ، ދިވެހިރާއްޖެ، މިއަންމާ، އުތުރު ކޮރެއާ، އުމާން، ޕާކިސްތާން، ފަލަސްތީން، ގަތަރު، ސައޫދީ އަރަބިއްޔާ، ސީރިއާ، ތުރުކީ، ތުރުކުމެނިސްތާން، އުޒްބެކިސްތާން އަދި ޔަމަން ހިމެނެ އެވެ.
އެފްރިކާގެ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، އެންގޯލާ، ބޮޓްސްވާނާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗާޑް، ކޮމޯރޯސް، އައިވަރީ ކޯސްޓް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޖިބޫޓީ، މިސްރު، އެކުއަޓޯރިއަލް ގިނީ، އީރިޓްރިއާ، އެސްވާޓިނީ، ކެންޔާ، ލެސޯތޯ، ލައިބީރިއާ، ލީބިޔާ، މަޑަގަސްކަރަ، މޮރިޓޭނިއާ، މޮޒަންބީކް، ނެމީބިއާ، ނައިޖާ، ކޮންގޯ، ސެނެގާލް، ސޯމާލިއާ، ދެކުނު އެފްރިކާ، ސޫދާން، ޓިއުނީޝިއާ އަދި ޔޫގަންޑާ ހިމެނެ އެވެ.
އެމެރިކާ ސަރަހައްދުން އެންޓިގުއާ އަދި ބާބުޑާ، ބާބަޑޯސް، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، ކިއުބާ، ޑޮމިނިކާ، ގްރެނާޑާ، ގުޔާނާ، ނިކަރާގުއާ، ޕެނާމާ، ޕެރޫ، ސެއިންޓް ލޫޝިއާ، ބަހާމަސް އަދި ވެނެޒުއޭލާ ވެސް ނަތަންޔާހޫ ބޯއިކޮޓްކުރި އެވެ.
ޔޫރަޕުން ބޮސްނިއާ އެންޑް ހަރްޒެގޯވީނާ، އުތުރު މެސެޑޯނިއާ، ސެން މަރީނޯ، ސުލޮވީނިއާ އަދި ސްޕެއިން ހިމެނޭއިރު އޯޝެނިއާއިން ކިރިބާޓީ، ޓޮންގާ އަދި ތުވާލޫ ވެސް މި ލިސްޓުގައި ހިމެނެ އެވެ.