ތައިލެންޑުން އެކަށީގެންވާ ވަރަށް މަސައްކަތްތެރިން ނުލިބޭތީ ސްރީ ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެންނަން އެ ގައުމުން ފުރަތަމަ ފަހަރަށް ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތައިލެންޑުގެ އިރުމަތީ ސަރަހައްދުގެ ދަނޑުތަކުގައި މަސައްކަތްކުރާނެ މީހުން ނެތިގެން ގަސްގަހާގެއްސާއި އޭގައި އަޅާ ތަކެތި ދަނީ ހަލާކުވަމުންނެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތަށް ވެސް މަސައްކަތްތެރިން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

އެހެން ގައުމުތަކުގެ މަސައްކަތްތެރިންނަކީ ތައިލެންޑުގެ މަސައްކަތްތެރިންގެ އާބާދީގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

ތައިލެންޑުގެ އާބާދީ އުމުރުން ދުވަސްވަމުންދާތީ، މަސައްކަތްކުރާނެ މީހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް މަދުވަމުންނެވެ. ސިޔާސީ ބައެއް މައްސަލަތަކާ ހެދި ކައިރި ގައުމުތަކުން މަސައްކަތްތެރިން ހޯދުން ވެސް އެ ގައުމަށް ދައްޗެވެ.

އެހެންވެ މިހާރު ތައިލެންޑުން މިސްރާބު ޖަހާފައިވަނީ ދެކުނު އޭޝިއާ އަށެވެ. ތައިލެންޑުގެ ލޭބާ މިނިސްޓަރު ޖުލަޕުން އަމޯންވިވަތު ވިދާޅުވީ ލަންކާގެ ފުރަތަމަ މަސައްކަތްތެރިންގެ ގްރޫޕް އަންނަ ޖެނުއަރީ މަހު އަންނާނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރާނީ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައެވެ.

ތައިލެންޑުން އަންނަނީ ގާތްގަނޑަކަށް 10,000 މަސައްކަތްތެރިން ގެނައުމުގެ ޕްލޭނެއް ރާވަމުންނެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ ނޭޕާލް އަދި ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުގެ އެއްބަސްވުންތަކުގައި އަންނަ އަހަރު ސޮއިކުރާނެ އެވެ.

ތައިލެންޑް ސަރުކާރުން އަންނަނީ ލިޔެކިޔުންތައް ނެތި ތައިލެންޑުގައި މިހާރުވެސް ތިބި ބިދޭސީންނަށް ގާނޫނީގޮތުން ދިރިއުޅެ މަސައްކަތްކުރެވޭނެ ގޮތް ހެދުމަށް ވެސް މަސައްކަތްކުރަމުންނެވެ.

ތައިލެންޑާ އަވަށްޓެރި ސިންގަޕޫރާއި، މެލޭޝިއާގައި ވެސް ގިނަ އަދަދަކަށް ދެކުނު އޭޝިއާގެ މަސައްކަތްތެރިން އުޅެ އެވެ.