ގާހިރާ (އޮކްޓޯބަރު 17) - މިހާރު ހިނގަމުންދާ ރިޔާސީ ދައުރު 2030 ވަނަ އަހަރު ހަމަވުމުން މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާއި، އެއީ "މާކުރިން ނިންމާފައިވާ" ނިންމެވުމެއް ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވެއްޖެ އެވެ.

އުމުރުން 71 އަހަރުގެ ސީސީ މިހެން ވިދާޅުވީ، ގާހިރާގެ އިރުމަތީގައި ބިނާކުރަމުން އަންނަ އާ އެޑްމިނިސްޓްރޭޓިވް ކެޕިޓަލްގައި އޮތް މިލިޓަރީ އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސީސީ ވިދާޅުވީ މިސްރުގެ ގާނޫނުއަސާސީއަށް މީގެފަހުން އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.

"ދުނިޔޭގައި ހުރެއްޖެ ނަމަ، 2030 އާ ހަމައަށް އޮތް މުއްދަތަކީ އަޅުގަނޑުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަސްތައް. މިއީ މުޅިން ނިމިފައިވާ ކަމެއް، މިއާ މެދު އިތުރު ބަހުސެއް ނުކުރެވޭނެ،" ސީސީ ވިދާޅުވި އެވެ.

މިސްރުގައި 2014 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީގައި ކުރިން އޮންނަނީ ރައީސަކަށް ހުންނެވޭނީ ހަތަރު އަހަރުގެ ދެ ދައުރު ކަމަށެވެ. ނަމަވެސް 2019 ގައި ނެގި ފެންނަނުފެންނަ ވޯޓަކުން ގާނޫނުއަސާސީއަށް ބަދަލުުގެނެސް، ރިޔާސީ ދައުރު ހަ އަހަރަށް ބަދަލުކޮށް، ސީސީއަށް އިތުރު ދައުރަކަށް ކުރިމަތިލެއްވޭގޮތް ހެދި އެވެ. އެއާ އެކު 2023 ގައި އޭނާ ވަނީ 2030 ގެ ނިޔަލަށް އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން އައީ ސީސީ 2030 ގެ ފަހުން ވެސް ވެރިކަމުގައި ހުންނެވުމަށްޓަކައި ގާނޫނުއަސާސީ އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި ސީސީގެ 12 އަހަރުގެ ވެރިކަމުގައި ހިންގެވި ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ގައުމަށް ބޮޑު ދަރަންޏަކާ ކުރިމަތިވެފައިވާ ކަމަށާއި، އިންސާނީ ހައްގުތަކަށް ހުރަސްއަޅަމުންދާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނެ އެވެ. ނަމަވެސް ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. -- އޭއެފްޕީ