ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ އަކީ ދޮގެއް ކަމަށް ސިފަކޮށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ މީޑިއާތައް ކުށްވެރިކޮށްފި އެވެ.

ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރި އީޔޫގެ ވަފުދަކަށް ޔަހޫދީންގެ ބަޔަކު ދިން ހަމަލާއަށް ފަހު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއީ މީޑިއާތަކުން އޮޅުވާލައިގެން ފަތުރާ ބޮޑު ދޮގެއް ކަމަށާއި، "ބައިނަލްއަގުވާމީ މީޑިއާތަކުން މަސައްކަތް ކުރަނީ އިޒްރޭލުގެ އަގުވައްޓާލަން" ކަމަށެވެ. 

ނަތަންޔާހޫ ބުނި ގޮތުގައި ހުޅަނގު އައްސޭރީގައި ހިންގާ ހަމަނުޖެހުންތަކަކީ މުޅި ސަރަހައްދުގެ ވަޒަންވެރިންގެ އަމަލެއް ނޫނެވެ. އެއީ އެ ސަރަހައްދުގައި އުޅޭ 150 ނުވަތަ 200 އެއްހާ "ޒުވާން ގުރޫޕަކުން" ހިންގާ އާދައިގެ އަމަލުތަކެއް ކަމަށް އޭނާ ސިފަކުރި އެވެ.

ސީއެންއެން އާއި ފޮކްސް ނިއުސް ފަދަ ބޮޑެތި މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ނަތަންޔާހޫ ވަނީ، މިއީ މީޑިއާތަކުން އުފައްދައިގެން އުޅޭ "ބޮޑު އޮޅުވާލުމެއް" ކަމަށް ބުނެފަ އެވެ.

ނަތަންޔާހޫ ބުނި ގޮތުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދޭ ހަމަލާތަކާއި ޔަހޫދީ ޒުވާނުން ހިންގާ ހަމަނުޖެހުންތައް އެއްވަރުކުރަން މީޑިއާތަކުން އުޅެނީ އެވެ. ކަންކަން ބޮޑުކޮށްލައިގެން ރިޕޯޓް ކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށް ވެސް ބުންޏެވެ.

އީޔޫގެ ވަފުދަށް އިއްޔެ ދިން ހަމަލާ ވެސް އެއީ ހަގީގަތެއް ނޫން ކަމަށް ސިފަކޮށް ނަތަންޔާހޫ ބުނީ މިއީ އިޒްރޭލާ ދެކޮޅަށް ހިންގާ ހުތުރު ކެމްޕޭނެއް ކަމަށެވެ. އަދި ނޫސްތަކުގެ ފަލަ ސުރުހީތަކުން ކަންކަން ނިންމުމުގެ ބަދަލުގައި، ހަގީގަތަށް ބަލަންޖެހޭނެ ކަމަށް ބުންޏެވެ.

ނަތަންޔާހޫ މިހެން ބުނި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި މަންޒަރު ދުށް އެތައް ބަޔަކު ބުނާ ގޮތުގައި، ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ބިންތައް ފޭރުމަށް ހިންގާ އަނިޔާވެރި އަމަލުތަކަކީ އިޒްރޭލު ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު ހިންގާ ނުރައްކާތެރި ޖަރީމާތަކެކެވެ. 

 ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކާއި ނައަމްސޫފިތަކަށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ހަމަލާދިނުން އިތުރުވެ އެވެ. އެކަމަކު މިފަހަރު އެ ހަމަލާތައް ވަކިން ބޮޑަށް އިތުރެވެ. އީޔޫގެ ވަފުދަށް ހަމަލާ ދިނީ ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތަށް މަސައްކަތްކުރުމަށާއި ހަގީގަތް ހޯދުމަށް ގޮސް އުޅެނިކޮށެވެ.  

 ފަލަސްތީނުގެ ރައްޔިތުންގެ މައިގަނޑު އާމްދަނީ ގުޅިފައިވާ ޒައިތޫނި ބިނުމުގެ މޫސުން ފެށުމާ އެކު، އިޒްރޭލުގެ ވަޒަންވެރިން ދަނީ ދަނޑުވެރިންނަށް ރޭވުންތެރިކަމާ އެކު ހަމަލާދެމުންނެވެ. ބޮޑެތި ގްރޫޕްތަކުން އަވަށްތަކަށް އަރައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ތަޅައި އަނިޔާކޮށް، އެމީހުން ބިނދެފައިވާ ޒައިތޫނިތަކާއި ދަނޑުވެރިކަމުގެ ސާމާނު ދަނީ ފޭރެމުންނެވެ. އިޒްރޭލުގެ ވަޒަންވެރިން ވަނީ ފަލަސްތީނުގެ އާންމުންގެ އެތައް ކާރެއްގަ އާއި، ސިވިލް ޑިފެންސްގެ ވެހިކަލްތަކުގައި ހުޅު ވެސް ޖަހައިފަ އެވެ. މީގެ އިތުރުން، އެތައް ސަތޭކަ އަހަރެއްވީ ޒައިތޫނި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ދަނޑުތައް ވަނީ އަންދާލައިފަ އެވެ.